ޚަބަރު

މާރިޗު މަހު ރާއްޖެއަށް ވާރޭވެހޭ މިންވަރު މަދުވާނެ: މެޓް އޮފީސް


  • އުތުރުގެ އަތޮޅުތަކަށް މިހާރުވެސް ވާރޭވެހޭ މިންވަރަށް ވެހުން އެކަށީގެންވޭ

  • ދެކުނުގެ އަތޮޅުތަކަށް ބޮޑަށް ބެލެވެނީ ވާރޭވެހޭ މިންވަރު މަދުވާނެ ކަމަށް

  • ރާއްޖޭގައި އިރުވައި މޫސުމުގައި ބައެއް ދުވަސްތަކުގައި ވާރޭވެހޭ

ކުރިއަށް އޮތް މާރިޗު މަހު ރާއްޖެއަށް ވާރޭ ވެހޭ މިންވަރު މަދުވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

ރާއްޖޭގައި އިރުވައި މޫސުން ދެމިގެންދަނީ، ޖެނުއަރީ މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށެވެ. އެހެންނަމަވެސް އިރުވައި މޫސުމުގައިވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކޮންމެވެސް ވަރަކަށް ވާރޭ ވެހެއެވެ. މޫސުމީ ބަދަލުތަކާއެކު ރާއްޖޭގެ މޫސުމަށް ދަނީ ބަދަލުތަކެއް އަންނަމުންނެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު، މިއަހަރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވާރޭވެހޭނެ ކަމަށް ބެލެވެނީ އެހެން އަހަރުތަކަށްވުރެ އެވްރެޖްކޮށް މަދުންނެވެ. މެޓު އޮފީހުން ވިދާޅުވީ، އަންނަ މަހު ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެނީ ޢާންމުކޮށް ވާރޭވެހޭ މިންވަރަށް ނުވަތަ އެއަށްވުރެ މަދުންނެވެ. އަދި މެދުރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށްވެސް ވާރޭވެހޭނެ ކަމަށް ބެލެވެނީ، ޢާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ މަދުން ކަމަށް މެޓުން އޮފީހުން ލަފާކުރެއެވެ. މީގެއިތުރުން މާރިޗު މަހު މުޅި ރާއްޖޭގައިވެސް ފިނިހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި އެންމެ ދަށަށްދާނެ މިންވަރުވެސް ޢާންމު މިންވަރަށްވުރެ ކުޑަތަންކޮޅެއް މަތިވާނެ ކަމަށް މެޓު އޮފީހުން ލަފާކުރެއެވެ.

ފާއިތުވި އަހަރުތަކުގައި މާރިޗު މަހު އެވްރެޖްކޮށް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވާރޭ ވެހުނު ނިސްބަތަށް ބަލާއިރު، މާލެ ސަރަޙައްދަށް އެވްރެޖްކޮށް 48.6 މިލިމީޓަރުގެ ވާރޭ ވެހޭކަމަށް ވަނީ ރިކޯޑުކުރެވިފައެވެ. އަދި އެންމެ އުތުރަށް 32.7 މިލިމީޓަރުގެ ވާރޭ ވެހޭކަމަށް ރެކޯޑުތަކުން ދައްކާއިރު، އެންމެ ދެކުނުން އައްޑޫ ސިޓީ ގަމަށް އެވްރެޖްކޮށް 120.5 މިލިމީޓަރުގެ ވާރޭވެހޭ ކަމަށް ވަނީ ރިކޯޑުކުރެވިފައެވެ. އެހެންނަމަވެސް މިއަހަރުގެ މާރިޗު މަހު މި ނިސްބަތް އެހެން އަހަރުތަކަށްވުރެ މަދުވާނެ ކަމަށް މެޓު އޮފީހުން ލަފާކޮށްފައިވެއެވެ.

ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން މީގެކުރިން ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަންޖެހޭ ބައެއް ޙާލަތްތައް ވަނީ ކުރިމަތިވެފައެވެ. މިގޮތުން ރަށުން ސާފު ބޯފެން ހުސްވުމުގެ ސަބަބުން ޤައުމީ ދިފާޢީ ބާރު މެދުވެރިކޮށް އަތޮޅުތަކަށް ފެން ފޮނުވުމުގެ މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވެއެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި މިހާރު ސަޕްލައި ފެން ބޭނުންކުރަމުންދާއިރު، ގޭބިސީތަކުގައި ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ބޭނުންކުރެއެވެ. އެހެންނަމަވެސް ބައެއް ރަށްރަށުގައި މިހާރުވެސް ކެއިންބުއިމަށް ބޭނުންކުރާ އެންމެ އާންމު އެއްވަޞީލަތަކީ ވާރޭ ފެނެވެ.