ޚަބަރު

19 ރަށުގައި ޤާއިމްކުރާ ޕަބްލިކް ވޯކްސް ޔުނިޓު އެޅުމަށް ތައްޔާރުވަނީ


  • ބޭނުންވާ ވަސީލަތްތައް މިހާރު ވަނީ ކަނޑައެޅިފައި

  • އުންމީދު ކުރެވެނީ ކުރިއަށް އޮތް 2 މަހެއްހާ ދުވަސްތެރޭގައި ތަކެތި ލިބޭނެކަމަށް

ރާއްޖޭގެ 19 ސަރަހައްދެއްގައި ޤާއިމްކުރާ ޕަބްލިކް ވޯކްސް ޔުނިޓްތައް ތަރަައްޤީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމުކުރެވޭ ޢުމްރާނީ ވަސީލަތްތައް ރަނގަޅުގޮތުގައި ބަލަހައްޓައި މަރާމާތު ކުރުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. މިކަމަށް މަގުފަހި ކުރުމަށް މިހާރު ޕަބްލިކް ވޯކްސް ޔުނިޓްތައް ޤާއިމްވެފައި ނުވާ 15 އަތޮޅެއްގެ 19 ރަށުގައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު މިއަހަރު މެދުތެރޭ މިޔުނިޓްތައް ޤާއިމްކޮށްދެއްވާނެ ކަމަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ވިދާޅުވެފައެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި އަދި ކުރަންވެސް ޖެހިފައިވާކަމަށެވެ. މީގެތެރެއިން މުނިސިޕަލް ޚިދުމަތްތައް ރަނގަޅުރުމަށް ކުރެވުނު މަސައްކަތް ފާހަގަކުރެވޭކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މުނިސިޕަލް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ޕަބްލިކް ވޯކްސް ޔުނިޓުތައް ޤާއިމްކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ. ވަޒީރު ވިދާޅުވީ މިހާރު ހުރި 7 ޔުނިޓުގެ އިތުރުން 19 ޔުނިޓުގެ މަސައްކަތް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމް ކުރެވޭއިރު އެކަމަށް ބޭނުންވާ މީހުންނާއި ތަކެތި ހޯދުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

"ކޮންމެ ޔުނިޓެއްގައި ތިއްބަވާ ބޭފުޅުންގެ އަދަދާއި އެކަމަށް ބޭނުންވާ ވަސީލަތްތައް މިވަނީ ކަނޑައެޅިފައި. މިހާރު އަޅުގަނޑުމެންވާނީ އެ ވަސީލަތްތައް ހޯދުމަށް ފިނޭސް މިނިސްޓްރީގައި ދަންނަވާފައި. އުންމީދު ކުރެވެނީ ކުރިއަށް އޮތް 2 މަހެއްހާ ދުވަސްތެރޭގައި ތަކެތި ލިބޭނެކަމަށް. އަދި އެއިރަށް ވާއިރު އެތަންތަނަށް ބޭނުންވާ މީހުން ނެގުމުގެ މަސައްކަތްވެސް ފައްޓާނަން." ވަޒީރު ވިދާޅުވިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގައި މުނިސިޕަލް ޚިދުމަތަކީ ކޮންމެ ކައުންސިލަކުންވެސް ފޯރުކޮށްދޭން ޖެހޭ ޚިދުމަތަކަށްވާއިރު ކުރިއަށް އޮތްތަނުގައި ވަކި ވަކި ރަށްރަށަށް ބޭނުންވާނެ މުނިސިޕަލް ޚިދުމަތްތަކަށް މީހުން ތަމްރީނު ކުރުމާއި ވަސީލަތްތައް ހޯދާދިނުމުގައި ކުރެވިދާނެ ކަންތައްތަކާއި ގުޅޭ ގޮތުން ކައުންސިލްތަކާއެކު މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށެވެ.

ޕަބްލިކް ވޯކްސް ޔުނިޓްތަކަކީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ މުނިސިޕަލް އެކި ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ޔުނިޓްތަކެކެވެ. މި ޔުނިޓްތައް އާންމުކޮށް މަސައްކަތް ކުރާނީ ކައުންސިލްތަކާއި ސަރުކާރުގެ އެކި އިދާރާތަކާއި ގުޅިގެން ކަންކަމަށް މަގުފަހި ކުރުމަށެވެ.

އަލަށް ޤާއިމް ކުރެވޭ ޔުނިޓްތަކަށް 500 އެއްހާ މުވައްޒަފުން ނަގާނެއެވެ. އޭގެ ތެރޭގައި، ޑްރައިވަރުންނާއި، އިދާރީ މުވައްޒަފުންގެ އިތުރުން ފަންނީ މުވައްޒަފުން ހިމެނެއެވެ. އަދި މި ގެނެވޭ އުޅަނދުތައް ދުއްވުމަށް ބޭނުންވާ ޑްރައިވަރުން ތަމްރީނު ކުރުމުގެ މަސައްކަތަކީވެސް އެ ވުޒާރާގެ ބެލުމުގެ ދަށުން ކުރެވޭނެ މަސައްކަތެވެ. މިޔުނިޓްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ރައްޔިތުންނަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ޚިދުމަތްތަކަށްވާއިރު ޚިދުމަތް ދެވެން ފެށުމުން ބޮޑު ބަދަލެއް ފެންނާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މިޔުނިޓްތައް ޤާއިމް ކުރުމާއެކު، ޔުނިޓްތަކުން ރަށްރަށުގައި ޢުމްރާނީ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް ބެލެހެއްޓުން ވަރަށް ބޮޑަށް ފަސޭހަވާނެއެވެ.