ޚަބަރު

ޢުމްރާގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހޭ


  • ފަހު 10 އެއްގެ ބަރަކާތް ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރަންޖެހޭ

  • ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރަމަޟާން މަހު 500 އަށްވުރެ ގިނަމީހުން ޢުމްރާއަށް ދާނެ

މައްކާގެ މާތްވެގެންވާ ބިމަށް ދިޔުމަކީ 2 ބިލިޔަނެއްހާ މުސްލިމުންގެ ތެރެއިންވެސް މަދު މީހަކަށް ލިބޭ ފުރުސަތެކެވެ. އެހެންކަމުން މިފަދަ ފުރުސަތެއް ލިބުމަކީ ދެދުނިޔޭގެ ކާމިޔާބީ ޙާސިލުކުރުމަށް މަސައްކަތްކުރަންޖެހޭފަދަ ފުރުސަތެކެވެ.

ރަމަޟާން މަހާދިމާކޮށް ރާއްޖެއިންވެސް އެކި ގްރޫޕްތަކުގެ ހަވާލުގައި ޢުމްރާއަށް ދާ މީހުންގެ ނިސްބަތްދަނީ އިތުރުވަމުންނެވެ. ޙައްޖު ކޯޕަރޭޝަނުންވެސް އަހަރުގެ އެކި ދުވަސްވަރު ޢުމްރާއަށް މީހުން ގެންދިޔުމުގެ ޚިދުމަތް ދެމުން އަންނައިރު، އެކޯޕަރޭޝަންގެ ހަވާލުގައިވެސް އެންމެ ގިނަ ބަޔަކު ޢުމްރާއަށްދަނީ ރަމަޟާން މަހާ ދިމާކޮށެވެ.

ރަމަޟާން މަހުގެ ފަހު 15 އަށް ޢުމްރާއަށް ދާ ފަރާތްތައް މިހާރު ތިބީ ފުރަން ތައްޔާރުވެފައެވެ. ފުރުމުގެ ކުރިން ޢުމްރާވެރިންނަށް ކުރިއަށްގެންދާ ޚާއްސަ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޙައްޖު ކޯޕަރޭޝަންގެ ޗެއަރމަން، އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމްވަނީ ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމުގައި ސަމާލުވުމަށް ހުރިހާ ޢުމްރާވެރިންނަށް އިލްތިމާސްކުރައްވާފައެވެ.

އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންގެ ތެރެއިން ފަސޭހަ ކަމާއެކު މައްކާގެ ބިމަށްގޮސް ޢުމްރާވުމުގެ ފުރުސަތު ލިބޭ މަދު މީސްކޮޅުގެ ތެރޭގައި ދިވެހީން ހިމެނޭއިރު އެފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޗެއަރމަން ގޮވާލެއްވިއެވެ. އަދި ދެދުނިޔޭގެ ކާމިޔާބީ ހޯދުމަށް މިފަހު 15ގެ ދުވަސްތަކުގައި ގަދައަޅައި މަސައްކަތް ކުރުމަށްވެސްވަނީ ނަސޭޙަތްތެރިވެވަޑައިގެންފައެވެ.

"ރަމަޟާން މަހުގެ ފަހު 10އާއި ބައްދަލުވާނެ އަޅުގަނޑުމެންނާއި އެންމެ މާތްވެގެންވާ ބިމުގައި. މިއީ ހެޔޮކަން އޮހިގެން އަންނަ މަހެއް. އެހެންވީމަ އެކަމުގެ ފައިދާ އެންމެ ހެޔޮގޮތުގައި ހިފުމަށް ކޮންމެ ބޭފުޅަކުވެސް މަސައްކަތް ކުރަންވާނެ. ދުނިޔަވީ ކަންކަމާއި ދުރުހެލިވެ އަޅުކަމުގައި ގިނަ ވަގުތު މަޝްޢޫލުވުމަށް ވިސްނުން ބަހައްޓަންވާނެ." ޙައްޖު ކޯޕަރޭޝަންގެ ޗެއަރމަން، އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވިއެވެ.

ރަމަޟާން މަހުގެ ފަހު 15 އާއި ދިމާކޮށް ގިނަ ބަޔަކު ދަނީ ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދަތުރުކުރަމުންނެވެ. މީގެތެރެއިން 500 އެއްހާ ޢުމްރާވެރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައިވެސް ދިޔުމަށްވަނީ ހަމަޖެހިފައެވެ. ޢުމްރާވެރިން ފުރުމުގެ ކުރިންވާ ތައްޔާރީތަކުގެ ތެރޭގައި ޢުމްރާއާއި ގުޅޭގޮތުން ކުރިއަށްގެންދާ ޚާއްސަ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ހިމެނެއެވެ.

ޢުމްރާއަށް ދިޔުމަށް ފުރަން ތައްޔާރުވުމާ ހަމައިން ފެށިގެން ހިނައިގަތުމާއި އަދި އިޙްރާމް އެޅުމުގައި ސަމާލުކަންދޭންވީ ކަންކަން މިބައްދަލުވުމުގައި ތަފްސީލީ ގޮތެއްގައި ކިޔައިދެއެވެ. އަދި މައްކާއަށް ދިޔުމަށްފަހު ޢުމްރާވެރިން ޢަމަލުކުރަންވާ ގޮތާއި ހުރި ޚިދުމަތްތަކުގެ މަޢުލޫމާތުވެސް މިބައްދަލުވުމުގައި ދެއެވެ.

ޢުމްރާގެ އަޅުކަމަށް މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ރިކޯޑު މިންވަރަކަށް މީހުން ދާނެކަމަށް ސަޢުދީގެ ކަމާބެހޭ ފަރާތްތަކުންދަނީ ހާމަކުރައްވަމުންނެވެ. އެހެންކަމުން ޢުމްރާވެރިން ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ.