ކުޅިވަރު

ވަޒީރުގެ އިލްތިމާސްއެއް ކުޅިވަރު އެސޯސިއޭޝަންތަކަށް


  • އެސޯސިއޭޝަންތަކުގެ ހިންގުމުގެ ނިޒާމު ދެފުއްފެންނަ އުސޫލެއްގެ ތެރެއިން ހަރުދަނާކުރެއްވުމަށް ވަޒީރު އެދިވަޑައިގެންނެވި

  • ގުޅިގެން، އެއް މަގުސަދެއް ހާސިލްކުރުމަށް މަސައްކަތްކުރުމަށް އެސޯސިއޭޝަންތަކަށް ވަޒީރު އިލްތިމާސްކުރެއްވި

  • "އަންނަން އޮތް ޖީލުތަކަށް ނަމޫނާއަކަށްވާނެ ފަދަ ކުޅިވަރުގެ ސަގާފަތެއް ރާއްޖޭގައި ގާއިމުކުރަންޖެހޭ"

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ އެތުލީޓުން ހޯދާ ކާމިޔާބީތައް ބިނާވެފައި އޮންނަނީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުން ގުޅިގެން އެއް މިސްރާބަކަށް ކުރާ ދަތުރެއްގެ މައްޗަށް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ކުޅިވަރު ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އަހަރީ ޢާންމު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ އެއަމާޒަށް ވާސިލްވުމަށް ކުޅިވަރު އެސޯސިއޭޝަންތަކުން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އެގޮތުން ކޮންމެ އެސޯސިއޭޝަނަކުންވެސް އެއެސޯސިއޭޝަނެއްގެ ތަރައްގީގެ ޕްރޮގްރާމުތައް ގައުމީ ދުރުރާސްތާ ޕްލޭނާއި އެއްގޮތަށް ބައްޓަންކުރުމަށް ވަޒީރުވަނީ އިލްތިމާސްކުރައްވާފައެވެ.

ކުރު މުއްދަތެއްގެ ތެރޭގައިވެސް މުހިންމު ކާމިޔާބީތައް ހޯދިދާނެކަމަށާއި، އެހެންނަމަވެސް ވިސްނަންވީކަމަކީ ކެތްތެރިކަމާއި ރޭވުންތެރިކަމާއިއެކު އެންމެން ގުޅިގެން މަސައްކަތްކުރުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ. މިފަދައިން މަސައްކަތްކުރެވިއްޖެނަމަ އަޅުގަނޑުމެން ބޭނުންވާ ކަންކަން ހާސިލްވެގެންދާނެކަމަށް ވަޒީރުވަނީ ވިދާޅުވެފައެވެ.

"އޭޝިއަން ގޭމްސްއާއި އޮލިމްޕިކް ގޭމްސްތައް ފަދަ ބޮޑެތި މުބާރާތްތަކުގައި އަޅުގަނޑުމެންނަށް ލިބޭ ކާމިޔާބީ ބިނާވެފައިވަނީ އަޅުގަނޑުމެން އެންމެން އެއް މިސްރާބަކަށް މަސައްކަތްކުރުމުގެ މައްޗަށް. ކޮންމެ ގައުމީ އެސޯސިއޭޝަނަކުންވެސް އެއެސޯސިއޭޝަނެއްގެ ތަރައްގީގެ ޕްރޮގްރާމުތައް ގައުމީ ދުރުރާސްތާ ޕްލޭނާއި އެއްގޮތަށް ބައްޓަންކުރަންޖެހޭ. ކުރު މުއްދަތުގެ ކާމިޔާބީތަކަކީ މުހިންމު ކަމެއްކަމުގައިވީ ނަމަވެސް، ކެތްތެރިކަމާއި ރޭވުންތެރިކަމާއި އަދި އެއް މަގުސަދެއްގައި އެންމެން ގުޅިގެން ކުރާ މަސައްކަތުން އަޅުގަނޑުމެންނަށް އަޅުގަނޑުމެން ބޭނުންވާ ކަންކަން ހާސިލްވާނީ" ވަޒީރު ވިދާޅުވިއެވެ.

އެމްއޯސީގެ އަހަރީ ޢާންމު ޖަލްސާއަށް ވަޑައިގެންތިއްބެވި ކުޅިވަރު އެސޯސިއޭޝަންތަކުގެ މެންބަރުންނާއި މުޚާޠަބުކުރައްވާ ވަޒީރުވަނީ އެބޭފުޅުން ހިއްސާވާ އެސޯސިއޭޝަންތަކުގެ ހިންގުމުގެ ނިޒާމު ދެފުއްފެންނަ އުސޫލެއްގެ ތެރެއިން ހަރުދަނާކުރެއްވުމަށް އެދިވަޑައިގެންފައެވެ.

ވަކިން ޚާއްސްގޮތެއްގައި އެސޯސިއޭޝަންތަކުގެ ލިޔެކިޔުންތަކުގެ ނިޒާމު ފުރިހަމައަށް ބެލެހެއްޓުމަށް އިލްތިމާސްކުރައްވަމުން ވަޒީރުވަނީ އެސޯސިއޭޝަންތަކުން ޒުވާން ކުޅުންތެރިން ބިނާކޮށް، މަތީ ފަންތީގެ ކުރިއެރުންތަކަށް އިންވެސްޓުކުރުމަށް ގޮވާލައްވާފައެވެ. މިކަމުގެ ބޭނުމަކީ ގައުމީ ފެންވަރުގެ ނަތީޖާ ހާސިލްކުރުމަށް ކަނޑައަޅާފައިވާ ދުރުރާސްތާ ތަސައްވުރާއި އެއްގޮތަށް މަސައްކަތްތައް ބައްޓަންކުރުންކަމަށް ކުޅިވަރު ވަޒީރު ހާމަކުރެއްވިއެވެ.

"މިއަދު މިތަނަށް ހާޒިރުވެ ހުރިހާ އެސޯސިއޭޝަންތަކަކަށް އަޅުގަނޑު ގޮވާލަނީ ހިންގުމުގެ ނިޒާމާއި ދެފުއްފެންނަ އުސޫލުތައް އިތުރަށް ހަރުދަނާކުރުމަށް. ލިޔެކިޔުންތަކާއި ނިޒާމުތައް ފުރިހަމައަށް ބެލެހެއްޓުމަށް. ޒުވާން ކުޅުންތެރިން ބިނާކުރުމަށާއި، މަތީ ފަންތީގެ ކުރިއެރުންތަކަށް އިންވެސްޓުކުރުމަށް. ގައުމީ ފެންވަރުގެ ނަތީޖާ ހާސިލްކުރުމަށް ދުރުރާސްތާ ތަސައްވުރާއި އެއްގޮތަށް މަސައްކަތްތައް ބައްޓަންކުރުމަށް" ކުޅިވަރު އެސޯސިއޭޝަންތަކަށް އިލްތިމާސްކުރައްވާ ވަޒީރު ވިދާޅުވެފަވެއެވެ.

ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުން ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާއަކަށްވާންވީ ވަރުގަދަ މުއައްސަސާތަކެއް ބިނާކުރުންކަމަށް ވަޒީރުގެ ވާހަކައިގައިވަނީ ފާހަގަކުރައްވާފައެވެ. ކުޅިވަރު އެސޯސިއޭޝަންތަކުގެ މަސައްކަތް އެންމެ ފުރިހަމަގޮތުގައި ކުރެވިއްޖެނަމަ އަމިއްލަ ނަފްސަށް އިތުބާރުކުރާ ކުޅުންތެރިންތަކެއް އުފެދި، މުސްތަގުބަލުގެ ޖީލުތަކަށް ނަމޫނާއަކަށްވާނެ ފަދަ ކުޅިވަރުގެ ސަގާފަތެއް ގައުމުގައި ގާއިމުވެގެންދާނެކަމަށް ވަޒީރު ހާމަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ މަސައްކަތްތައް ވާންވާނީ ވަރުގަދަ މުއައްސަސާތަކެއް ބިނާކުރުމަށާއި، އަމިއްލަ ނަފްސަށް އިތުބާރުކުރާ ކުޅުންތެރިންތަކެއް އުފެއްދުމާއި އަދި އަންނަން އޮތް ޖީލުތަކަށް ނަމޫނާއަކަށްވާނެ ފަދަ ކުޅިވަރުގެ ސަގާފަތެއް ގާއިމުކުރުން" ވަޒީރު ވިދާޅުވިއެވެ.

ސަރުކާރާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ދެމެދު ކުރެވޭ މަސައްކަތްތަކުގެ ސަބަބުން ހެޔޮ ނަތީޖާތަކެއް ލިބެމުންދާކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ހާލަތު އަނދަވަޅަކަށްވެއްޓިފައި ވަނިކޮށް އެމްއޯސީއާއި ސަރުކާރުގެ ގުޅިގެން ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެއެސޯސިއޭޝަން އަނބުރާ އިޔާދަކޮށް، ގެއްލިފައި އޮތް ގައުމީ ހައިސިއްޔަތި ރުޖޫއަކޮށް، އެސޯސިއޭޝަނަށް ގެނެވުނު ދިރުން ވަޒީރު ފާހަގަކުރެއްވިއެވެ. އެކަމަށް އިޝާރާތްކުރައްވާ ވަޒީރު ވިދާޅުވީ އެކަމުން ދޭހަކޮށްދެނީ ސަރުކާރާއި އެސޯސިއޭޝަންތަކާއި ދެމެދު އޮންނަ ގުޅުންތައް ބަދަހިވެއްޖެނަމަ ކިތަންމެ ދަތި ހާލަތަކުންވެސް އަރައިގަތުމުގެ ބާރު ލިބިގެންދާނެކަމަށެވެ.

"މިކަމުން އަޅުގަނޑުމެންނަށް ދޭހަވަނީ އަޅުގަނޑުމެންގެ ތެރޭގައި މިގުޅުން ބަދަހިކޮށް އޮތްނަމަ، އަދި އެގުޅުމުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބޭނެ ކާމިޔާބީތައް ވަރަށްވެސް ގިނަވެގެންދާނެކަން. އެސޯސިއޭޝަންތަކަށް އެލިބޭ ހިތްދަތިކަމުން އަރައިގެނެވޭނެކަން. އެހެންކަމުން އަޅުގަނޑު މިފުރުސަތުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްއާއި އަދި އޮލިމްޕިކް ކޮމިޓީގެ އެންމެހާ މެންބަރުންނަށް މިނިސްޓްރީގެ ނަމުގައި ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން" ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައެވެ. އެގޮތުން ކުޅިވަރުގެ ޢުމްރާނީ ތަރައްޤީއާއި ޓެކްނިކަލް މީހުން ބިނާކުރުމާއި އެތުލީޓުންނަށް ބާއްވާ މަތީ ފަންތީގެ ތަމްރީނުތައް ފާހަގަކޮށްލެވެއެވެ.

އޭގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ އެތުލީޓުން ވާދަކުރުމަށް ސަރުކާރުން ދެއްވާ އެހީތެރިކަމަކީ އެސޯސިއޭޝަންތަކުން އަބަދުވެސް ފާހަގަކުރާ މުހިންމު މަސައްކަތެކެވެ. ކުޅިވަރު ވުޒާރާގެ އަމާޒަކީ އެސޯސިއޭޝަންތަކާއި ވީހާވެސް ގާތުން ލުއިފަސޭހަކަމާއިއެކު ކަންކަން ހަމަޖެހި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމެވެ.