މިއަހަރުގެ އޭޕްރިލްމަހުގެ 22އިން 30 އަށް ޗައިނާގެ ސާންޔާގައި ފެށުމަށް ހަމަޖެހިފައިވާ 6 ވަނަ އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރާ ގައުމީ ގައުމީ ބީޗް ހޭންޑްބޯލް ޓީމުގެ ފަރިތަކުރުންތައް އަފްޣާނިސްތާނު ތަޖުރިބާކާރު ކޯޗަކާއިއެކު ކުރިއަށް އެބަދެއެވެ.
ގައުމީ ބީޗް ހޭންޑްބޯލް ޓީމުގެ ފަރިތަކުރުންތައް ކުޅުދުއްފުށި ސިޓީގައި ފަށާފައިވާއިރު، އެޓީމަށް އިރުޝާދު ދެމުން އަންނަނީ އަފްޣާނިސްތާނު ތަޖުރިބާކާރު ކޯޗެއްކަމަށްވާ ޒަބީހުލް އިސްލާމްއެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ 1 ވަނަ ދުވަހު ޓީމާއި ހަވާލުވުމަށްފަހު ޓީމު ތަމްރީނުކުރުމުގެ މަސައްކަތް އޭނާވަނީ ފަށާފައެވެ.
މިފަދަ ފަރިތަކުރުމެއްގެ ތެރެއިން ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ކޯޗު ބުނެފައިވަނީ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ބޮޑު ކަމަށެވެ. މުބާރާތަށް ޓީމު ތައްޔާރުކުރުކަށްޓަކައި އެކި ކަހަލަ ޓްރެއިންތައް ބާއްވަމުން އަންނައިރު، ކުޅުންތެރިންގެ ބުންވަރާއި، ހަލުވިމިނުގެ އިތުރުން ޓެކްނީކްތައް އިތުރަށް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަކަން އޭނާ ފާހަގަކުރިއެވެ.
"އަހަރުމެން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް ވަރަށް ބުރަކޮށް މަސައްކަތް އެބަކުރަން. މިއީ އަހަރުމެންނަށް ވަރަށް މުހިންމު މުބާރާތެއް. އަހަރުމެންގެ ބުންވަރާއި، ހަލުވިމިނުގެ އިތުރުން ޓެކްނީކްތައް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް އެބަކުރެވޭ. އުންމީދަކީ މުބާރާތުން ރަނގަޅު ނަތީޖާއެއް ލިބުން" އަފްޣާނިސްތާނު ކޯޗު ބުންޏެވެ.
ގައުމީ ބީޗް ހޭންޑްބޯޅަ ޓީމުން ވަނީ މިދިޔަ އަހަރު އޮމާންގައި ކުރިއަށްދިޔަ 10 ވަނަ ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕުގައިވެސް ވާދަކޮށް ރަނގަޅު ތަޖުރިބާތަކެއް ހޯދާފައެވެ. އޭގެ އިތުރުން ރާއްޖޭގައި ކުރިއަށް ދިޔަ ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތަކީވެސް ގައުމީ ޓީމަށް ގިނަ ކަންތައްތަކެއް ދަސްވެގެންދިޔަ ރަނގަޅު ތަޖުރިބާއެއްގެ ގޮތުގައި ކޯޗު ސިފަކުރިއެވެ.
އެތަޖުރިބާތަކުގެ އަލީގައި ކުރިއަށް އޮތް މުބާރާތަށް އިތުރަށް ތައްޔާރުވާންޖެހޭކަމަށް ކޯޗު ފާހަގަކުރިއެވެ. އަދި ގައުމީ ޓީމަކީ ހުނަރުވެރި ޓީމެއްކަމަށާއި މަސައްކަތްކޮށްފި ނަމަ ބޭނުންވާ ނަތީޖާ ނެރެވިދާނެކަމަށް ގަބޫލުކުރާކަމަށް ކޯޗު ބުނެފަވެއެވެ. ބޭނުންވަނީ ޕޮޒިޓިވް މައިންޑްސެޓެއްކަމަށް އޭނާ ފާހަގަކުރިއެވެ.
"ކޮންމެ ކަމަކީވެސް މަސައްކަތްކޮށްފި ނަމަ ކާމިޔާބު ހޯދޭނެކަންކަން. ރާއްޖޭގެ ޓީމަކީ ބައިނަލްއަގްވާމީ މުބާރާތްތަކުގެ ތަޖުރިބާތައްވެސް ލިބިފައިވާ ޓީމެއް. އެހެންވީމަ ދެން ކުރަންޖެހޭނެކަމަކީ އިތުރަށް މަސައްކަތްކޮށް އުނިވާ ދިމާތަކަށް ވިސްނައިގެން ޕޮޒިޓިވް މައިންޑްސެޓެއްގައި މުބާރާތާއި ކުރިމަތިލުން. އިންޝާﷲ ރާއްޖޭގެ ގައުމީ ޓީމަށް މިކަންވާނެ" ޒަބީހުލް އިސްލާމް ބުންޏެވެ.
މީގެ ކުރިން އީރާންއާއި ތުރުކީގެ އިތުރުން އަފްޣާނިސްޓާނުގެ ޓީމުތަކަށް ކޯޗުކަންކޮށްދީ ރަނގަޅު ނަތީޖާތައް ހޯދަދީފައިވާ ކޯޗު ބުނީ އޭނާގެ ފުރަތަމަ ޓާގެޓަކީ ސައުތު އޭޝިއާގައި ނަން ހިނގާ ޓީމަކަށް ރާއްޖޭގެ ގައުމީ ޓީމު ހެދުންކަމަށެވެ. އެކަމަށް ބޭނުންވަނީ ހިތްވަރާއިއެކު ބުރަކޮށް މަސައްކަތްކުރުންކަމަށް އޭނާ ބުންޏެވެ.
"މަގޭ ފުރަތަމަ ޓާގެޓަކީ ސައުތު އޭޝިއާގައި ވާދަކޮށް ޓީމަށް ކާމިޔާބު ހޯދައިދިނުން. ސައުތު އޭޝިއާގައި ނަން ހިނގާ ޓީމަކަށް ރާއްޖޭގެ ގައުމީ ޓީމު ހެދުން. އިރާދަކުރެއްވިއްޔާ އަހަރުމެންނަށް މިކަން ކުރެވިދާނެ، އުންމީދަކާއިއެކު މަސައްކަތްކޮށްފިނަމަ އެކަންކުރެވިދާނެ" ގައުމީ ހޭންޑްބޯޅަ ޓީމަށް އިރުޝާދުދެމުންދާ ކޯޗު ބުންޏެވެ.
މީގެ ކުރިން ހޭންޑްބޯލް ކުޅުންތެރިއެއްގެ ގޮތުގައިވެސް ކާމިޔާބުތައް ހޯދާފައިވާ ޒަބީހުލް އިސްލާމްވަނީ އޭޝިއަން ގޭމްސްގައި އޭނާގެ ގައުމު ތަމްސީލުކޮށްފައެވެ. ގައުމީ ބީޗް ހޭންޑްބޯޅަ ޓީމަށް މީގެ ކުރިން އިރުޝާދުދީފައިވަނީ ޕާކިސްތާނުގެ ކޯޗު އާސިމް ރާޝިދުއެވެ. އޭޝިއަން ޗެމްޕިއަންޝިޕަށްފަހު ކޯޗު ގައުމަށް ފުރުމާއި ގުޅިގެން ޒަބީހުލް އިސްލާމްއާއި ޓީމު ރަސްމީގޮތެއްގައި ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ފުރަތަމަ ދުވަހުއެވެ.
ކޯޗާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙުމަދު މުޖުތަބާ ވިދާޅުވީ ކޯޗާއި މެދު ކުޅުންތެރިން ވަރަށް ހިތްހަމަޖެހޭކަމަށެވެ. އެކޯޗަކީ ޒުވާނުން އުފެއްދުމަށް ޔޫތު ޑެވެލޮޕްމެންޓު ކޯޗެއްގެ ގޮތުގައި ރާއްޖެ ގެނެސްފައިވާ ކޯޗެއްކަމަށާއި މުސްތަގުބަލުގައި އޭނާ ބޭނުންކުރާނީ އެކަމަށް ޚާއްސަކޮށްގެންކަމަށް މުޖުތަބާ މައުލޫމާތުދެއްވިއެވެ.
އޭޝިއަން ބީޗް ގޭމްސްއަށް ތައްޔާރުވުމަށް ފަރިތަކުރުންތައް ވަރަށް ފޯރީގައި ކުރިއަށްދާކަމަށާއި ކުޅުދުއްފުށި ސިޓީއިން އެކަމަށް ލިބެމުންދާ އެއްބާރުލުން ވަރަށް ބޮޑުކަމަށް މުޖުތަބާގެ ވާހަކައިގައި ފާހަގަކުރައްވާފައިވެއެވެ. އަދި އެ މުބާރާތަށް ފުރުމުގެ ކުރިން އިތުރު ތަޖުރިބާ ހޯދުމުގެ ގޮތުން ބެންކޮކުގައި ކޭމްޕުކުރުމަށް ރާވަމުންދާކަމަށާއި، ސަރުކާރުގެ އެހީތެރިކަމާއިއެކު ވޯލްޑްކަޕަށް އޮމާން ކޮލިފައިކޮށްދިން ކޯޗުގެ އިތުރުން ވޯލްޑްކަޕުގައި ކުޅެފައިވާ އޮމާންގެ ކުރީގެ ކުޅުންތެރިއަކުވެސް ގައުމީ ޓީމަށް އިރުޝާދު ދިނުމަށް ރާއްޖެ ގެނެވޭތޯ އެކަމުގެ މަޝްވަރާތައްވެސް ކުރިއަށްދާކަމަށް މުޖުތަބާ ހާމަކުރެއްވިއެވެ.
6 ވަނަ އޭޝިއަން ބީޗް ގޭމްސްގައި މިއަހަރު 22 ގައުމަކުން ބީޗް ހޭންޑްބޯޅައިގައި ވާދަކުރެއެވެ. 14 ކުޅިވަރެއް ހިމެނޭ މިމުބާރާތުގައި ކުޅުން ސަންޔާގެ 8 ސަރަހައްދެއްގައި ކުރިއަށްދާނެއެވެ. މިމުބާރާތުގައި 45 ގައުމެއްގެ ގިނަ އަދަދެއްގެ އެތުލީޓުން ބައިވެރިވެފަވެއެވެ.