ދަންނަވަން މި އުޅެނީ ރަމަޟާން މަހުގެ ތެރޭގައި އިސްލާމުންނަށް ދެއްވި ބޮޑު ނަޞްރެއްގެ ވާހަކައެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ބަރަކާތްތެރިވެގެންވީ މި މައްސަރަކީ އިސްލާމީ ދައުލަތުގެ ބިންގައު ވަރުގަދަކޮށްދިން އެތައް ނަޞްރެއް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން މުސްލިމުންނަށް ދެއްވި މައްސަރެކެވެ. ބަދުރު ހަނގުރާމައިގެ އުފާވެރި ނަޞްރާއި މައްކާ ފަޠަޙަ ކުރެއްވުމުގެ އުފާވެރި ޚަބަރުގެ އިތުރުން އަންދަލުސް ފަޠަޙަވެގެން ދިޔަ ދިޔުމުގެ ހާދިސާފަދަ އެތައް އުފާވެރި ޚަބަރެއް މުސްލިމުންނަށް މި މައްސަރު ގެނެސްދީފައިވެއެވެ.
މިފަހަރު ދަންނަވަން މި އުޅެނީ ހިޖުރައިން 658 ވަނަ އަހަރުގެ ރަމަޟާން މަސް ތެރޭގައި ހިނގައިދިޔަ މަޝްހޫރު ޢައިން ޖާލޫތު ހަނގުރާމައިގެ ހާދިސާއެވެ. މި ހަނގުރާމައަކީ ދުނިޔޭގެ ތާރީޚުގައިވެސް ރަން އަކުރުން ފަވާލެވިފައިވާ ހަނގުރާމައެކެވެ. މުސްލިމުންގެ ނަން ދުނިޔެއަށް ވިދައިގެން ދިޔަ ހަނގުރާމައެކެވެ. މިއީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ފުށުން މުސްލިމުންނަށް ލިބިގެންދިޔަ ވަރުގަދަ ފަޠަޙަ އާއި ކާމިޔާބީގެ ޚަބަރެކެވެ.
ފަލަސްތީނުގެ ވާދީއެއްގައިވާ "ޢައިން ޖާލޫތު" ގެ ނަމުން މަޝްހޫރުވެފައިވާ ފެންއާރެއްގެ ކައިރީގައި ހިނގި މި ހަނގުރާމައިގައި ބައްދަލުކުރީ މިޞްރުގައި ވެރިކަން ކުރަމުން ދިޔަ މަމްލޫކުންނާއި ހުރަހެއްނެތި ދުނިޔެ ހިފަމުން ދިޔަ މޮންގޯލުންނެވެ. ނުވަތަ ދިވެހި ބަހުން ދަންނަވަނީނަމަ މުގޯލީންނެވެ. މިއީ މައިދާނެއްގައި މުގޯލީންގެ ލަޝްކަރެއް ބޮޑު ބައްޔަކުން ބަލިވި ފުރަތަމަ ފަހަރެވެ. މި ކާމިޔާބީއާއެކު މުގޯލީން ހުޅަނގަށް ފެތުރެމުން ދިޔަ ދިއުން ހުއްޓުވައި، އިސްލާމީ ދައުލަތުގެ ބިންތައް ސަލާމަތްކޮށް، މެދުއިރުމަތީގެ ސިޔާސީ މަޝްރަޙު މުޅިން ބަދަލުކޮށްލިއެވެ.
މުގޯލީންނަކީ ކޮން ބައެއްކަން ގިނަ ބަޔަކު ދަންނާނެއެވެ. އެބައިމީހުން މަޝްހޫރުވެގެން ދިޔައީ މަޝްހޫރު ޗަންގީސްޚާން (ގެންގިސްޚާން) މޮންގޯލު ގަބީލާތައް އެކުވެރިކޮށް ދުނިޔެ ހިފަން ފޫގަޅައިގަތް ހިސާބުންނެވެ. މުޅި ދުނިޔޭގެ އެތައް ބަޔަކާ ހަނގުރާމަކޮށް އެއިރު މުގޯލީން ދިޔައީ ދުނިޔެ ހިފާ ކަމުންނެވެ. އެތައް ބަޔަކު މަރާ ނައްތާލަމުންނެވެ. ބޮޑެތި ދައުލަތްތައް އިންދިރާސްކޮށް ހަފުސްކުރަމުންނެވެ. އެއްވެސް ތަނެއް ބިނާކުރުމެއް އަލުން އާރާސްތުކުރުމެއްނެތިއެވެ.
13 ވަނަ ގަރުނުގެ މެދުތެރޭގައި، ޖެންގިސް ޚާން އުފައްދައި އޭނާގެ ފަހުން އައި ވެރިން ފުޅާކުރި މުގޯލީންގެ އަންބަރާޠޫރީ ދައުލަތް އޮތީ ސީނުކަރައިން ފެށިގެން އިރުމަތީ ޔޫރަޕާ ހަމައަށް ބޮޑެތި ބިންތަކެއް ހިފާ އެބައިމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. ގްރޭޓް ޚާން މޮންގްކޭގެ ދުވަސްވަރު (1251-1259)، އޭނާގެ ކޮއްކޮ ހުލާގޫ ޚާންއާ ހަވާލުކުރެވުނީ އިސްލާމީ ދައުލަތުގެ ހުޅަނގު ބިތުގެ ސަރަހައްދުތައް އެބައިމީހުންގެ ދައުލަތުގެ ދަށަށް ބޯލެނބުވުމުގެ މަސައްކަތެވެ. މީލާދުން 1258 ވަނަ އަހަރު ހުލާގޫގެ ލަޝްކަރުން އިސްލާމީ ދައުލަތުގެ ވެރިރަށް ބަޣުދާދު ހިސާރުކުރިއެވެ.
އެބައިމީހުން ބަޣުދާދު ހިފައި، އެ ގަދީމީ ވެރިރަށް ސުންނާފަތިކޮށް، 500 އަހަރަށްވުރެ ގިނަ ދުވަސްވީ އައްބާސީ ޚިލާފަތުގެ ވެރިރަށް އެކީއެކަށް ސުންނާފަތި ކޮށްލިއެވެ. އެތައް ލައްކަ މުސްލިމުންނެއް މަރައި، ކުތުބުޚާނާތަކާއި މިސްކިތްތަކާއި ޢިލްމީ މަރުކަޒުތައް ހަލާކުކޮށްލިއެވެ. ފުރާތުކޯރުގެ ތެރެއަށް އިސްލާމުންގެ ޢިލްމީ ފޮތްތައް އަޅާލާ ނައްތާލިއެވެ. މި ބިރުވެރި ހަމަލާއަކީ މުޅި އިސްލާމީ އުއްމަތް ސިހިގެން ދިޔަ ހަމަލާއެކެވެ.
ހުލާގޫ އޭގެ ފަހުން ސޫރިޔާއަށް މިސްރާބު ޖަހައި، 1260 ގެ ކުރީކޮޅު ޙަލަބާ ދިމިޝްޤު ހިފިއެވެ. މިއަށް ފަހު މިސްރުގެ ވެރި ރަސްގެފާނު ސުލްޠާން ސައިފުއްދީން ގުޠުޒްގެ އަރިހަށް މޮންގޯލުން ބޮޑާވެގަނެ ބިރުދައްކާފައިވާ ފަތްކޮޅުތަކާއި އެކު އެބައިމީހުންގެ ސަފީރުން ފޮނުއްވިއެވެ. މިޞުރުގެ ރަސްގެފާނުގެ ދަރުބާރަށް...އާދެ ގުޠުޒް ގެ ދަރުބާރަށް އެ ސަފީރުން ބޮޑާވެގަނެގެންވާ ޙާލު އައުމުން، އެބައިމީހުން މަރާލައި، މޮންގޯލުންނާ ދެކޮޅަށް ހަނގުރާމަ އިޢުލާން ކުރިއެވެ.
1259 ގައި ގްރޭޓް ޚާން މޮންގްކޭ މަރުވުމާ ގުޅިގެން، މުގޯލީންގެ ތެރޭގައި ތަޚުތާ މެދު ދެކޮޅުވެރިކަން ފެށިގަނެ ދާޚިލީ ކޯޅުމެއް އުފަންވެގެން އައެވެ. މިހެންކަމުން ހުލާގޫ ވެސް އޭނާގެ ލަޝްކަރުގެ ބޮޑުބައި ގޮވައިގެން އެނބުރި އެ ދާޚިލީ ކޯލުމުގެ ތެރެއަށް ވަނުމަށް ދިޔައެވެ. އޭނާ ސޫރިޔާ ބެލެހެއްޓުމަށް ބޭތިއްބީ ޖެނެރަލް ކިތުބުގާގެ ދަށުން 10،000 އާއި 20،000 އާ ދެމެދުގެ އަދަދެއްގެ ސިފައިންނެވެ.
މުސްލިމުންގެ ވެރި ރަސްގެފާނު ސައިފުއްދީން ގުޠުޒަށް މި ފުރުޞަތު ވެގެންދިޔައީ ރަނުގެ ފުރުޞަތަކަށެވެ. އެރަސްގެފާނު އަވަސްވެވަޑައިގެންނެވީ މަމްލޫކުންގެ މޮޅު އަސްވާރުންގެ ލަޝްކަރެއް ތައްޔާރުކޮށް، ފަލަސްތީނުގެ ތެރެއިން އުތުރަށް ދަތުރުކުރެއްވުމަށެވެ. ހަނގުރާމައިގެ ތެރޭގައި ޖެނެރަލް ބައިބަރަސް އަކީ ސްޓްރެޓެޖީ ރޭވުމުގައާއި ލަޝްކަރުގެ ކުރީސަފު ހިންގުމުގައި އެންމެ މުހިންމު ދައުރު އަދާކުރެއްވި ހިތްވަރުގަދަ ކޮމާންޑަރެވެ.
އިސްލާމުންގެ ލަޝްކަރާ މުގޯލީންގެ ލަޝްކަރު ބައްދަލުކުރީ ހިޖުރައިން 658 ވަނަ އަހަރުގެ ރަމަޟާން މަހުން 25 ނުވަތަ 26 ވަނަ ދުވަހުގައެވެ. އެއީ މީލާދިން 1260 ވަނަ އަހަރުގެ ސެޕްޓެމްބަރު 3 ވަނަ ދުވަހުއެވެ. އައިން ޖާލޫތުގެ ބިމަކީ އުސް ފަރުބަދަތަކާއި ގަސްތަކުން ފުރިފައިވާ ވާދީއަކަށް ވުމުން، މިއީ ދިފާޢީ ގޮތުން މަމްލޫކުންނަށް ލިބުނު މޮޅެކެވެ.
ހަނގުރާމަ ފެށުނީ ކުދި ކުރިމަތިލުންތަކުންނެވެ. ބައިބަރަސް އޭނާގެ ސިފައިން ގޮވައިގެން މޮންގޯލުންނަށް ޙަމަލާދީފައި ފަހަތަށް ޖެހެމުން ދިޔައެވެ. މިއީ އެދުވަސްވަރު މުގޯލީން ހަނގުރާމައިގެ އުކުޅެއްގެ ގޮތުން ކޮށްއުޅުނު ކަމެއްވެސްމެއެވެ. އެއީ ފަހަތަށް ޖެހެނީކަމަށް ދައްކައިގެން އަނެއް ބައިގެ މީހުން މަޅިއެއްގައި ޖެއްސުމަށް ކުރާ ކަމެކެވެ. ބައިބަރަސް ހައްދަވަމުން އެގެންދެވީ އެހެންނެވެ. މުގޯލީން ބާރު އިސްޕީޑުގައި ފަހަތަށް ޖެހެމުން ދިޔަ އިސްލާމީ ލަޝްކަރު ފަހާ ދިޔައެވެ. އެއިރު ފަރުބަދަތަކުގެ ނިވަލުގައި އިސްލާމީ ލަޝްކަރުގެ އެތައް ހަނގުރާމަވެރިންނެއް ފިލާ ތިއްބެވެ. އަދި ބައިބަރަސް ކަނޑައަޅުއްވާފައިވާ ހިސާބަށް މުގޯލީންގެ ލަޝްކަރު އައުމުން ކުއްލިއަކަށް ފިލާތިބި އިސްލާމީ ލަޝްކަރު ނިކުމެ ހުރިހާ ފަރާތަކުން މުގޯލީން ވަށާލިއެވެ.
ހަނގުރާމަ ވަރަށް ވަރުގަދަވެ، އިސްލާމީ ލަޝްކަރުގެ ވާތު ފަޅިން ކުޑަކޮށް މުގޯލީން ކުރި ހޯދަން ފެއްޓުމުން މަޝްހޫރު ސައިފުއްދީން ގުޠުޒް އޭނާގެ އިސްތަށިފުޅުގައިވާ ހަނގުރާމައިގެ ހެލުމެޓު ބާލުއްވާ "އޭ އިސްލާމުންނޭވޭ" ވިދާޅުވެ ހަޅޭއްފުޅު ލައްވައިގަތެވެ. އަދި އަމިއްލަފުޅަށް ލަޝްކަރުގެ ކުރިފުޅު މައްޗަށް ނިކުމެވަޑައިގެން ޙަމަލާދޭން ފެއްޓެވިއެވެ. މި ހިތްވަރުގެ ސަބަބުން މުސްލިމުންގެ ލަޝްކަރަށް އައު ދިރުމެއް ލިބި، މުގޯލީން ބަލިކޮށްލިއެވެ. އެބައިމީހުންގެ ކޮމާންޑަރު ކިތުބުގާ އަތުލައިގަނެ ގަތުލުވެސް ކުރިއެވެ.
މާތް ﷲ ސުބްހާނަހޫ ވަތަޢާލާގެ ފުށުން މުގޯލީންގެ މައްޗަށް މުސްލިމުންނަށް ދެއްވި މި ވަރުފަދަ ފަޠަހަ އާއި އެކު މުސްލިމުން ދިމިޝްގާއި ސޫރިޔާގެ ބޮޑުބައެއް އަނބުރާ ހޯދިއެވެ. މިއީ އިސްލާމީ ދައުލަތް ސަލާމަތްކޮށްދިން ހަނގުރާމައެކެވެ. ބަޣުދާދު ވެއްޓުމަށްފަހު މުސްލިމުންގެ ދައުލަތް ނިކަމެތިވެފައި ވަނިކޮށް އަލުން ދިލިގެންދިޔަ ހަނގުރާމައެކެވެ. އިސްލާމީ ސަގާފަތާއި ޢިލްމީ މަސައްކަތްތައް މަމްލޫކުންގެ ދަށުން ކުރިއަށް ދިއުމަށް މި ހަނގުރާމަ މަގުފަހިކޮށްދިނެވެ. މިއަދުވެސް އައިން ޖާލޫތު ހަނގުރާމަ ރަމްޒުކޮށްދެނީ، ކިތަންމެ ބޮޑު ބާރަކާ ދެކޮޅަށްވެސް އީމާންތެރިކަމާއި، ރަނގަޅު ރޭވުމާއި، ހިތްވަރާއެކު ނުކުމެއްޖެނަމަ ކާމިޔާބު ލިބޭނެ ކަމެވެ. މިއީވެސް މި ބަރަކާތްތެރި މަހާ ގުޅިފައިވާ އުފާވެރި ތާރީޚީ ޚަބަރެކެވެ.