ޚަބަރު

ތަރައްޤީވެފައިވާ ޤައުމެއްގެ އަމާޒާއެކު، ވިލުންތެރި އިޤްތިޞާދަކަށް


  • ތަރައްޤީވެފައިވާ ޤައުމަކަށް 2040 އަންނަންވާއިރަށް ރާއްޖެ ހެދުމަކީ ރައީސްގެ ތަޞައްވުރެއް

  • ދުވަސްވެފައިވާ ގިނަ ޤާނޫނުތަކަށް ސަރުކާރުން ޒަމާނީ އިސްލާހުތަކެއް ގެނެސްފި

  • އިންވެސްޓަރުންގެ އިތުބާރު ރައްޖެއަށް ލިބޭގޮތަށް ސިޔާސަތުތައް ބަދަލުކޮށްފި

ރާއްޖޭއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމެކެވެ. ޤައުމުގެ މުޅި އިޤްތިޞާދު ބިނާވެފައި އޮތީ ފަތުރުވެރިކަމަށެވެ. ބޭރު ޤައުމުތަކަށް ދިމާވާ އެކި ހާލަތްތަކާއި ހެދި ދުނިޔެއަށް އަންނަ ލޮޅުންތަކުގެ އަސަރު ރާއްޖެއަށް ކުރެއެވެ. އެހެނަސް ނާޒުކު އިޤްތިޞާދެއް އޮތް މި ރާއްޖޭގެ ހާލަތު ބަދަލު ކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތްއިރު، ރާއްޖޭގެ ހާލަތު އޮތީ ކަންބޮޑުވާންޖެހޭ ދަރަޖައެއްގައެވެ. ބޭރުގެ މާލީ އިދާރާތަކުން ދިޔައީ ބަނގުރޫޓު ވެދާނެ ކަމުގެ ރަނގަބީލު އަޅަމުންނެވެ. ޚަރަދުތައް ފޫނުބެއްދި ފާސްކުރާ ބަޖެޓަށްވުރެ ޚަރަދުތައް އޮތީ ބޮޑުވެފައެވެ. ބޭރުފައިސާގެ ރިޒާވު ދިޔައީ ދައްވަމުންނެވެ. ބޯމަތިވެފައިވާ ބޮޑު ދަރަންޏެއް ދައްކާނެ ގޮތާއި މެދު އޮތީ ސުވާލު އުފެދިފައެވެ.

ސަރުކާރުން އަމާޒު ހިފީ މި ހާލަތު ބަދަލުކުރެއްވުމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރަކީ ރާއްޖެ ތަރައްޤީވަމުން އަންނަ ޤައުމަކަށް 2040 ވަނަ އަހަރު އަންނަންވާއިރަށް ހެދުމެވެ. ވެރިކަމުގެ ފުރަތަމަ އަހަރު އިސްކަން ދެއްވީ މިކަން ކުރުމަށް ސިޔާސަތުތަކުގެ ތެރޭގައި އަދި ޤާނޫނީ ގޮތުން ހުރި ހުރަސްތައް ދެނެގަނެ އެ ހުރަސްތައް ނައްތާލުމަށެވެ. ފަތުރުވެރިކަމުގެ ދައިރާ ފުޅާކުރަން އޮތް އެންމެ ބޮޑު ހުރަސް ކަމުގައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވުމަށް އިސްކަން ދެއްވިއެވެ.

ޤާނޫނީ ބަދަލުތަކާއެކު ލާމެހިފައިވާ އިޤްތިޞާދީ ސިޔާސަތެއް

ޤައުމަށް ވަންނަ ފަތުރުވެރިކަމުގެ އާމްދަނީ ޤައުމުގައި ދައުރު ނުވެ ބޭރުވުމުން، ފަތުރުވެރިކަމުގެ ހަޤީޤީ ނަފާ މުޅި ދައުލަތަށް ނުކުރެއެވެ. އެކަން ބަދަލު ކުރެއްވީ މުސްކުޅިވެފައިވާ ބޭރުފައިސާގެ އައު ޤާނޫނާއެކުއެވެ. މިއައު ޤާނޫނުގެ ތެރެއިން މުހިންމު ދެ އަމާޒެއް ސަރުކާރުން ހާސިލްކުރިއެވެ. އެއީ ފަތުރުވެރިކަމުގެ އާމްދަނީ ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމާއި ޤައުމުގެ ބޭރުފައިސާ ރިޒާވު ހަރުދަނާ ކުރުމެވެ.

ދެން މަސައްކަތް ކުރެއްވީ ޤައުމަށް ގެއްލިފައިވާ އިންވެސްޓަރުންގެ އިތުބާރު ހޯދުމަށެވެ. އައު ޤާނޫނަކާއެކު އިންވެސްޓަރުންނަށް ހިމާޔަތް ލިބޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އެއީވެސް އެތައް ޒަމާނެއްވީ ޤާނޫނެއް ބަދަލުކޮށް ގެނެސްފައިވާ މުހިންމު ބަދަލެކެވެ. މި ބަދަލާއެކު އިންވެސްޓަރުންނަށް ލުއިފަސާހަތައް ފޯރުކޯށްދިނެވެ. އެސްއީޒެޑް ޤާނޫނަށް ޒަމާނީ ބަދަލުތަކެއް ގެނެސް ބޮޑެތި އިންވެސްޓްމެންޓުތައް ވަންނާނެ މަގު ތަނަސްވަސް ކުރިއެވެ. މިކަމުން ކާމިޔާބީ ހާސިލްވި ކަމުގެ އެންމެ ބޮޑު ހެއްކަކީ ރާއްޖޭގެ އެންމެ ބިޔަ އިންވެސްޓްމެންޓް މަޝްރޫއު އައިލާ މަޝްރޫޢު މިއަހަރު ފެށިފައި ވުމެވެ.

ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރާ ވާހަކައަކީ އަބަދުވެސް އިވެމުން ދިޔަ ވާހަކައެކެވެ. ނަމަވެސް ސަރުކާރުން މިވާހަކަ ދެއްކުމުގެ ބަދަލުގައި ގެނައީ ޢަމަލީ ސިފައެކެވެ. ރާއްޖެއަށް މީގެ ކުރިން އާމްދަނީ ނުވަންނަ ވަސީލަތެއް ކަމަށްވާ ބަންކަރިން ޚިދުމަތް ތަޢާރަފް ކުރިއެވެ. މިހާރުވެސް މެދުކެނޑުމެއް ނެތި ޚިދުމަތް ކުރިއަށް ދެއެވެ. ދެން އޮތީ އިތުރަށް ފުޅާކޮށް މިކަން ކުރެވޭނެ ފުރިހަމަ ވަސީލަތްތައް ޤާއިމް ކުރުމެވެ.

މީގެ އިތުރުން އިޤްތިޞާދު ހިންގައި ގަތުމަށް ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާ ކުރުމަށް މުހިންމު މަސައްކަތްތަކެއް ވަނީ ފަށާފައެވެ. ފައިނޭންޝަލް ސެންޓަރެއް ޤާއިމް ކުރުމަށް މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭޝަލް ސާވިސް އޮތޯރިޓީ (މިފްސާ) މެދުވެރިކޮށް ކުރަމުންދާ މަސައްކަތާއި، ޑިވެލޮޕްމެންޓް ބޭންކެއް ހަދައި ޚިދުމަތް ފެށުމަށް ކުރަމުންދާ މަސައްކަތް މިކަމުގެ ފާހަގަކޮށްލެވެއެވެ.

އިޤްތިޞާދުގެ ހިއްސާވާ ހުރިހައި ފާރާތެއްގެ ޝާމިލްވުމާއެކު ކުރެވޭ މަސައްކަތެއް

ސަރުކާރުގެ ވިލުންތެރި އިޤްތިޞާދުގެ ތަޞައްވުރު ހާސިލްކުރުމުގައި ހަމައެކަނި މަސައްކަތް ކުރަނީ ސަރުކާރު ފެންވަރުގައި ނުވަތަ ވިޔަފާރިތަކާއި އެކުގައެއް ނޫނެވެ. އާންމު ފަރުދުން ކުރަމުން އަންނަ އެންމެ ކުދި އުފެއްދުންތެރިކަމުގެ ވިޔަފާރިތަކުގެ ހިއްސާވެސް އިތުރު ކުރުމުގެ މަސައްކަތް ކުރެވެއެވެ.

ކްރީއޭޓިވް އިކޮނޮމީއެއް ޤާއިމްކުރުމުގެ މަސައްކަތް ފަށައި ބޭރުގެ މާލީ ނިޒާމާއި ދިވެހި ވިޔަފާރިތައް ދަނީ ގުޅުވުމަށް މަސައްކަތް ކުރަމުންނެވެ. އަލީބާބާ ފަދަ ޕްލެޓްފޯމްތަކުގައި މިހާރު ދިވެހި އުފެއްދުންތައް ވިއްކަން ފުރުސަތު ވަނީ ފަހިވެފައެވެ. އަދި މިއަހަރު ތެރޭ ޕޭޕަލް ޚިދުމަތް ތަޢާރަފް ވުމަކީވެސް މިކަމުގެ ތެރެއިން ލިބިގެންދާނެ މުހިންމު ކާމިޔާބީއެކެވެ. މިއާއެކު 2030 ވަނަ އަހަރު އަންނަންވާއިރަށް މިފަދަ ވިޔަފާރިތައް ޖީޑީޕީގައި ހިއްސާ ކުރާ މިންވަރު %30 އިންސައްތަ ހެދުމަކީ ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިއެކެވެ.

ސަރުކާރުގެ މިއަހަރާއި އަންނަ އަހަރަށް އިޤްތިޞާދީ ދާއިރާގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އެއް އަމާޒަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމެވެ. ދައިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ޚިޔާލާއި މަޝްވަރާ އެއްގޮތަށް ދެ އަހަރުތެރޭ މިމައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ދެއެވެ.

ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ މިހާރު ދަނީ ފެންނަމުންނެވެ. ދަރަނިތައް ދެއްކުމަށް ސޮވެރިން ފަންޑަށް 200 މިލިޔަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ޖަމާކޮށްފިއެވެ. ރަސްމީ ރިޒާވު 1 ބިލިޔަން ޑޮލަރުން މައްޗަށް ޖައްސާ ބޭނުންކުރެވޭ ރިޒާވު 300 މިލިޔަން ޑޮލަރަށް ވަނީ އިތުރުކޮށްފައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޚިދުމަތްތައް ފުޅާކޮށްފިއެވެ. އިންވެސްޓަރުން މިހާރު ދައްކަނީ އިންވެސްޓް ކުރުމުގެ ފަހިމާހައުލެއް ރާއްޖޭގައި އޮތް ކަމުގެ ވާހަކައެވެ.

މިއިން ކޮންމެ ކާމިޔާބީއެއް ދައްކުވައިދެނީ ވިލުންތެރި އިޤްތިޞާދަކާއި ދިމާލަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކެވެ. ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރާއި އެއްގޮތަށް ނާޒުކު އިޤްތިޞާދު ނަގާ ކޮޅައްޖަހަމުންދާ މަންޒަރެވެ.