ތައުބާވުމަކީ ތަޤުވާވެރިކަމުގެ މަތީގައި ދެމިހުރުމަށް މަގުފަހިވާ ކަމެއްކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުުޠުބާގެ މައުޟޫއަކީ "ތަޤުވާވެރިވުމާއި ތައުބާގެ މައްސަރު!" މި މައުޟޫއެވެ.
މައްސަރުތަކުގެ ތެރެއިން ރަމަޟާންމަސް އެތައް ގޮތަކުން މާތް الله މާތްކުރައްވައި މަތިވެރިކުރެއްވިއެވެ. އޭގެ ތެރޭގައި އެ މައްސަރުގައި ކީރިތި ޤުރްއާން ބާވައިލެއްވުމާއި ޚާއްޞަ އަޅުކަމެއް އެ މަހުގައި ފަރުޟުކުރައްވައިފައިވުން ހިމެނެއެވެ. އަދި އެ މައްސަރުގައި ކުރާ ހެޔޮ ކަންކަމަށް މަތިވެރި ޖަޒާދެއްވުން ވެސް ހިމެނިފައިވެއެވެ.
ޚުޠުބާގައި ވިދާޅުވީ ތައުބާވުމަކީ ކޮންމެ މީހަކު ވެސް އެ މީހަކަށް ކުރެވިފައިވާ އެންމެހައި ފާފައިން އެއްކިބާވެ، އެ ކަންކަން ކުރެވުނު ކަމާ މެދު ދެރަވެ ހިތާމަކޮށް، އެ ކަމަށް އަރައިނުގަތުމަށް ޢަޒުމު ކަނޑައަޅައި ފާފަފުއްސެވުން އެދި އިޚުލާޞްތެރިކަމާއެކު މާތް اللهގެ ޙަޟުރަތުގައި ދުޢާދެންނެވުން ކަމަށެވެ. މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާ ނަމަ އެ ޙައްޤު އަދާކުރުމާ އެކުގައި. ކުރެވުނު ފާފައަކީ ކުޑަ ފާފައަކަށް ވިއަސް ނުވަތަ ބޮޑުފާފައަކަށް ވިއަސް އެ ފާފައަކުން ތައުބާވާންޖެހޭނެއެވެ. ފާފައިން ތައުބާވުމަށް އިރުޝާދުދެއްވައި މާތް الله ވަޙީކުރައްވައިފައި ވެއެވެ.
ޚުޠުބާގައި ވިދާޅުވީ ތަޤުވާވެރިކަމަކީ ހިތާ ގުޅިފައިވާ ކަމެއްކަމަށެވެ. ހިތްނިޔަތް ޚާލިޞްކުރުމަކީ ތަޤުވާވެރިވުމަށް ޓަކައި ކުރާންޖެހޭނޭ ކަމެއްކަމަށެވެ. މާތް الله އަބަދުމެ ބައްލަވައިވޮޑިގެންވާކަން ހިތުގައި އޮންނާންޖެހޭނެކަމަށާއި އެކަލާނގެއަށް އެއްވެސް ކަމެއް ވަންހަނާނުކުރެވޭނޭކަން ދަންނާންޖެހޭނެ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ތިމާއަށް ކުރެވިފައިވާ އެންމެހައި ފާފައިން ތައުބާވުމަކީ މުހިންމުކަން ފާހަގަކުރައްވާ މާތް ﷲގެ ޙަޟުރަތަށް ރުޖޫޢަވެ ތައުބާވުމަށް ހުކުރު ޚުޠުބާގައި ވަނީ ގޮވާލައިފައެވެ. ރޯދައަށް ތިބޭ އިރު ތަޤުވާވެރިކަންމަތީ ތިބެވޭތޯ ގަދައަޅައި މަސައްކަތްކުރާންވާނެ ކަމަށާއި ތަޤުވާވެރިވުމަކީ ކޮންމެ ކަމެއްގައި ވެސް މާތް ﷲގެ އަމުރުފުޅުތަކަށް ކިޔަމަންވެ، އެކަލާނގެ ނަހީކުރެއްވި ކަންކަމުން ދުރުހެލިވުންކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުމެކެވެ. މުސްލިމު މުޖުތަމަޢުތަކުގައި ރަމަޟާންމަހުގެ މަތިވެރިކަމާއި މާތްކަން ދަމަހައްޓާން ޖެހޭނެއެވެ. ވަކީން ޚާއްޞަކޮށް މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރީންނަށް ޚިދުމަތްދޭ ފަރާތްތަކުން މިކަމަށް ސަމާލުކަންދޭން ޖެހެއެވެ. މިގޮތުން ހާމަކަން ބޮޑު ގޮތުގައި ރޯދަމަހުގެ ދުވާލު، މީހުން ދިރިއުޅޭ ރަށްތަކުގައި ރެސްޓޯރެންޓު ފަދަ ތަންތަން ހުޅުވައިގެން އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތްދިނުމަކީ ހުއްދަވާނޭ ކަމެއް ނޫންކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި މި ފަދަ ޚިދުމަތެއް ފަތުރުވެރީންނަށް ފޯރުކޮށްދޭ ފަރާތްތަކުން އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ޓަކައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސިދާނެ ކަމަށެވެ. ޝަރުޢީ ޢުޒުރަކާ ހުރެ ރޯދަ ދޫކޮށްލާ ޢުޒުރުވެރީން ވެސް ރޯދަމަހުގެ ޙުރުމަތް ދަމަހައްޓާންވާނެކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.