މި އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމްތަކުގެ ފުރަތަމަ ފޯރަމް މިރޭ އޮންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ އޮންނަ ފޯރަމްގެ މަޢުޟޫއަކީ "ރަމަޟާން މަހުގެ މަތިވެރިކަން" މިއެވެ. މިރޭގެ ފޯރަމްގައި ތަޤުރީރުކުރައްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. ފޯރަމް ފަށާނީ 21:30 ގައެވެ.
އިޙްޔާ ފޯރަމް
— Ministry of Islamic Affairs (@MVIaffairs) February 18, 2026
މަޢުޟޫޢު: ރަމަޟާން މަހުގެ މަތިވެރިކަން
ޝައިޚް: ޑރ. މުޙައްމަދު ޝަހީމު ޢަލީ ސަޢީދު pic.twitter.com/MAAxjAAYVd
މި އަހަރު މުޅި ޖުމުލަ 18 އިޙްޔާ ފޯރަމް ބާއްވާނެ ކަމާއި، އޭގެތެރެއިން 8 ބައްދަލުވުން މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ. މާލޭގައި ކުރިޔަށް ގެންދާ އިޙްޔާ ފޯރަމްތައް މިރެއިން ފެށިގެން މިއަންނަ މާރިޗު މަހުގެ 15އާ ހަމައަށް ކުރިޔަށްގެންދާނެއެވެ. މި ފަހަރު ޖަލްސާތައް ކުރިޔަށް ގެންދިއުމަށް ހަމޖެހިފައިވަނީ ކޮންމެ ހޯމަ ވިލޭރޭއާއި ހުކުރު ވިލޭރޭ ކަމުގައި އިސްލާމީ ވުޒާރާއިން ވިދާޅުވިއެވެ.
ވުޒާރާއިން ވިދާޅުވީ އަތޮޅުތެރޭގެ 10 ރަށެއްގައި އިޙްޔާ ފޯރަމް ކުރިޔަށް ގެންދިއުމަށް ނިންމަވާފައިވާކަމަށެވެ. މި ފޯރަމްތައް ކުރިއަށްދާނީ މި މަހު 20 ވަނަ ދުވަހުން ފެށިގެން މާރިޗު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
އިޙްޔާ ފޯރަމްތަކަކީ، ތަފާތު އެކި މަޢުޟޫތަކަށް ދަރުސްދީ، އާއްމުންނަށް ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލަިއިގެން ކުރިޔަށް ގެންދާ ފޯރަމުތަކެކެވެ. މި ފޯރަމުގެ މައިގަނޑު މަގުސަދަކީ ދީނީގޮތުން އޮޅުން އަރާ ކަންކަމުގައި ފަސޭހައިން މަޢުލޫމާތުތައް ލިބޭނެ ގޮތް ހަމަޖެއްސުމަށްކަމުގައި އެ ވުޒާރާއިން ވިދާޅުވިއެވެ. މީގެއިތުރުން ދިނީ ފޮތްތަށް ހަދިޔާ ކުރުމާއި، އިނާމުުތައް ފޯރަމުގެ ތެރެއިން އަންނަނީ ދެމުންނެވެ.
މީގެ އިތުރުން، މިއަހަރު މީސްމީޑިއާ މެދުވެރިކޮށް، އާއްމުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ވީޑިއޯ ކޮންޓެންޓުތައް އުފެއްދުމަށް ހަމަޖެހިފައިވާ ކަމަށާއި މުވައްސަސާތަކާއި ޖަމިއްޔާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން، ރަމަޟާން މަހު އަޅުކަމަށް އަހައްމިއްޔަތު ދިނުމާއި، ވަގުތު އެންމެ އެކަށީގެންވާ ގޮތެއްގައި ހޭދަކުރާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ސެޝަންތަކެއް ބާއްވާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.