ޚަބަރު

ބާޒާރުމަތި ތަރައްޤީކުރުމާއެކު ރަމަޟާން މަހު ބާޒާރުކުރަން ބޮޑު ލުޔެއް


  • މާރުކެޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރި

  • 6 މީޓަރުގެ ސަރަޙައްދެއް ހިއްކާ މަގު ފުޅާކުރި

  • 1088 މީޓަރުގެ ސަރަޙައްދެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެ

ރަމަޟާން މަހު މާލޭގައި އެންމެ ބާރު ބޮޑުވާ އެއް ސަރަޙައްދަކީ، ބާޒާރުމަތީ މަގު ހިމެނޭ ސަރަޙައްދެވެ. ބޭރުމަގުގެ ބާރު ބޮޑުވެ ޖެހިގެން އޮންނަ ހަވީރީ ހިނގުން ނުވަތަ މަސްމާރުކޭޓު ފުރަގަހުން އޮންނަ މަގަކީވެސް ދަތުރު ކުރުމަށް ދަތިތަކާއި ކުރިމަތިވާ ސަރަޙައްދެކެވެ. މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ވަނީ، ބާޒާރުމަތި ބޭރުމަގު ތަރައްޤީކޮށް ހުޅުވާލާފައެވެ.

އަހަރުތަކެއް ކުރިއަށް ޖެހިލާއިރު، ބާޒާރު މަތީގެ މަގަކީ ކާރޫ ބާރޫ ބޮޑުވާ ސަރަޙައްދެކެވެ. ޚާއްޞަކޮށް ރަމަޟާންމަހު ސައިކަލުގައިވެސް އަދި 4 ފުރޮޅުލީ އުޅަނދުތަކުގައިވެސް އެސަރަޙައްދުގައި އެތައް އިރަކު މަޑުކުރަންޖެހި ގިނަ ވަގުތުތަކެއް މަގުމަތީގައި އަވީގައި ހޭދަކުރަން ޖެހެއެވެ. އެކަމުގެ ޝަކުވާ ރަމަޟާން މަހު ބޮޑުވެއެވެ. ބާޒާރު ކުރަންދާ ފަރާތްތަކާއި، މާލެއަށް އަންނަ މުދާ އުފުލާ ބޯޓުތަކުން މުދާ އަރުވާ ބޭލުމުގެ މަސައްކަތް ކުރުމުގެ ސަބަބުން އެސަރަޙައްދުގެ ތޮއްޖެހުން އިތުރުވެގެންދެއެވެ.

މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން މިވަނީ، ލޯކަލް މާރުކެޓުން ފެށިގެން ނޯތު ހާބަރާއި ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށްފަހު ޢާއްމުންނަށް ހުޅުވާލާފައެވެ. 4 ލޭނަށް ތަރައްޤީކޮށް ދެފަޅިއަށްވެސް ދުއްވޭ ގޮތަށް މިހާރު މަގު ތަރައްޤީ ކޮށްފައިވާއިރު، ދަތުރުވެރިންގެ މާރުކޭޓާއި ބާޒާރުމަތީ ފިހާރަތަކާއި ދިމާލުން ސައިކަލު ޕާކު ކުރެވޭނެ ގޮތަށް ވަނީ ޑިޒައިންކޮށްފައެވެ.

މިބަދަލާއެކު މިހާރު މަގު ބޭނުންކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ވަނީ ލިބިފައެވެ. މަގުމަތީގައި ގިނަ ވަގުތު މަޑުކުރަން ނުޖެހި ދަތުރު ކުރެވުމުން އެތައް ބަޔަކު ދަނީ އެކަމުގެ ފަސޭހަ ލިބެމުންދާ ކަމުގެ ޝުޢޫރު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ފާޅުކުރަމުންނެވެ.

ބޭރުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން 1088 މީޓަރުގެ ސަރަޙައްދެއް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަގު އިތުރަށް ފުޅާކުރުމަށް ބަނދަރު ތެރެއިން 6 މީޓަރުގެ ސަރަޙައްދެއް ހިއްކާ މަގުވަނީ ފުޅާކޮށްފައެވެ.