ބަރަކާތްތެރި ރަމަޟާން މަހަކީ މުސްލިމުންނަށް އެންމެ މާތް، އެންމެ މަތިވެރި މައްސަރެވެ. މި މަހަކީ އަޅުކަމުގެ މައްސަރެވެ. ތައުބާވުމުގެ މައްސަރެވެ. އެހެންކަމުން، މި މަތިވެރި މައްސަރުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް މުހިންމު ވާޖިބެކެވެ.
ރަމަޟާން މަސް މާތްވެގެންވަނީ އެތައް ސަބަބުތަކަކާ ހުރެއެވެ. އޭގެ ތެރެއިން އެންމެ ބޮޑު ސަބަބަކީ، މުޅި އިންސާނިއްޔަތަށް ހިދާޔަތެއްގެ ގޮތުގައި މާތްﷲ ބާވައިލެއްވި ކީރިތި ޤުރުއާން ބާވައިލައްވަން ފެއްޓެވީ މި މަހުގެ ތެރޭގައި ކަމަށްވާތީއެވެ. މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. "شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ" (البقرة: 185) މާނައީ: "ރަމަޟާން މަހަކީ އެމަހެއްގައި ޤުރްއާން ބާވައިލެއްވި މަހެވެ. (އެ ޤުރްއާން ބާވައިލެއްވީ) މީސްތަކުންނަށް ހިދާޔަތެއް ކަމުގައާއި، ހިދާޔަތުގެ ތެރެއިންވާ ފާޅުހުރި ހެކިތަކެއް ކަމުގައާއި، (ޙައްޤާއި ބާޠިލު) ވަކިކޮށްދެނިވި ފުރްޤާނެއް ކަމުގައެވެ."
މި މަތިވެރި މައްސަރާ ކުރިމަތިލާއިރު، އަޅުގަނޑުމެންގެ ޢަމަލުތައް ބައްޓަންކުރުމުގައި އެންމެ އިސްކަމެއް ދޭންޖެހޭ އެއް ކަމަކީ ކީރިތި ޤުރުއާން ކިޔެވުން ގިނަކުރުމެވެ. ކީރިތި ރަސޫލާ ﷺ ވެސް ރަމަޟާން މަހުގެ ކޮންމެ ރެއަކު ޖިބްރީލްގެފާނާ އެކު ޤުރުއާން މުދާރަސާ ކުރެއްވިއެވެ. އެހެންކަމުން، މި މަހަކީ ޤުރްއާނާ އެކު ވަގުތު ހޭދަކޮށް، އޭގެ މާނައާއި މެދު ވިސްނާ ފިކުރުކޮށް، ޚަތިމްކުރުމަށް މަސައްކަތް ކުރަންވީ މަހެވެ.
ހަމައެއާއެކު، ރޯދައަށް ހުންނަ މީހާގެ އަޚްލާޤީ ސިފަތަކަށް ވަރަށް ބޮޑަށް ސަމާލުވާންޖެހެއެވެ. ޚާއްޞަކޮށް ޒުވާބުކުރުމާއި، ދެބައޮޑުވުމާއި، ބޭކާރު ވާހަކަދެއްކުމުން ދުރުހެލިވާންޖެހެއެވެ. ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ގޮތުގައި، ރޯދައަށް ހުރެ މީހަކު އޭނާއާ ދިމާއަށް އެއްޗެހި ކިޔައި ޒުވާބު ކުރި ނަމަވެސް، "ތިމަންނައީ ރޯދަވެރިއަކީމޭ" ބުނެ އެކަމުން ދުރުހެލިވާންޖެހެއެވެ. މިއީ ނަފްސު ކޮންޓްރޯލްކުރަން ދަސްކޮށްދޭ މުހިންމު ފިލާވަޅެކެވެ.
ދުޢާކުރުމަކީ ވެސް ރަމަޟާން މަހު ގިނަކުރަންޖެހޭ ވަރަށް މުހިންމު އަޅުކަމެކެވެ. ރޯދަވެރިޔާ ރޯދަ ވީއްލާ ވަގުތު ކުރާ ދުޢާ، ރޯދަޔަށް ހުރެ ކުރާ ދުޢާއާއި ރޭގަނޑުގެ 3 ބައިކުޅަ ފަހުބައިގައި ކުރާ ދުޢާ އަކީ އިޖާބަކުރައްވާނޭ ދުޢާތަކެއްކަން ޙަދީޘްތަކުން ސާބިތުވެއެވެ. އެހެންކަމުން، ތިމާގެ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަމަށް އެދި ގިނަގިނައިން ދުޢާކޮށް، ﷲގެ ރަޙްމަތާއި ފުއްސެވުމަށް އެދި ދަންނަވަންޖެހެއެވެ.
މީގެ އިތުރުން، ރޭއަޅުކަން ނުވަތަ ދަމުނަމާދު ކުރުމަކީ މި މަހުގެ ރޭތައް އިޙްޔާ ކުރުމަށް އޮތް އެންމެ މޮޅު ގޮތެވެ. ދަމުނަމާދުގެ ސަބަބުން ދީނީ ފައިދާގެ އިތުރުން، ދުނިޔަވީ ގޮތުން ވެސް ގިނަގުނަ ފައިދާތަކެއް ލިބެއެވެ. އޭގެ ތެރޭގައި ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަވުމާއި، ނަފްސާނީ ހަމަޖެހުން ލިބުމާއި، ސްޓްރެސް ދަށްވުން ހިމެނެއެވެ. އަދި ފަތިސް ވަގުތުގެ ހަމޭލާއި މާހައުލުގައި ކުރެވޭ މި އަޅުކަމުގެ ސަބަބުން މުޅި ދުވަހު ސިކުނޑި ތާޒާކޮށްދެއެވެ.
މިއުއްމަތައް ފަރުޟުކުރެއްވުނު ރޯދައިގައި އަހްލުކިތާބީންނާއި ތަފާތުކޮށްދޭ އެއް ސުންނަތަކީ ހާރުކެއުމެވެ. ހާރުކެއުމަކީ އޭގައި ބަރަކާތް އެކުލެވިގެންވާ ކަމެކެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. "تَسَحَّرُوا فَإِنَّ فِي السُّحُورِ بَرَكَةً" (متفق عليه) މާނައީ: "ތިޔަބައިމީހުން ހާރުކާށެވެ! ފަހެ، ހަމަކަށަވަރުން ހާރުކެއުމުގައި ބަރަކާތްވެއެވެ." ހާރުކެއުމުގެ ސަބަބުން ދުވާލުގެ ވަގުތުތަކުގައި އަޅުކަންކުރުމާއި މަސައްކަތްކުރުމަށް ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިބިގެންދެއެވެ.
ރަމަޟާން މަހަކީ އަޅުގަނޑުމެންގެ އިސްލާމީ އުޅުމާއި އަޚްލާޤު އިޞްލާޙުކުރުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. އެހެންކަމުން، ރަމަޟާން މަހުގައި ޢަމަލުތައް ބަހައްޓަންވީ ގޮތަށް ސަމާލުކަންދީ، ހެޔޮ ޢަމަލުތަކުގައި ދެމިތިބުމަކީ ކޮންމެ މުސްލިމެއްގެ އަޒުމަކަށް ހަދަންޖެހެއެވެ.
ލިޔުނީ: އައްޝައިޚު މުޙައްމަދު މަންޞޫރު އާދަމް/ އެތުމާގެ ގެމަނަފުށި