ޚަބަރު

"މުޖުތަމަޢަށް ހެޔޮ ބަދަލެއް ގެނައުމަށް ރަމަޟާން މަހަކީ ރަނގަޅު މުރުޝިދެއް"


  • ރައީސްވަނީ ރަމަޟާން މަހުގެ ހެޔޮއެދުންތައް ދިވެހި ރައްޔިތުންނަށް ފޮނުއްވާފައި

  • އަމިއްލަ ދިރިއުޅުމާއި ޤައުމަށް ހެޔޮ ބަދަލު ގެނައުމަށް މިމަހުގެ ބޭނުންކުރެއްވުމަށް އިލްތިމާސްކުރެއްވި

ދިވެހި މުޖުތަމަޢަށް ހެޔޮ ބަދަލެއް ގެނައުމުގައި މަދަދު ހޯދާން ރަމަޟާން މަހަކީ ރަނގަޅު މުރުޝިދެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ބަރަކާތްތެރި ރަމަޟާން‏ މަހުގެ ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ފޮނުއްވާ ނެރުއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޚިޠާބުގައި ވިދާޅުވީ، މިއީ 1447 ވަނަ އަހަރުގެ ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރި އުފާވެރި މުނާސަބާ ކަމަށެވެ. މިއީ، ތަޤުވާވެރިވުމާއި ކުށް ފާފަތަކުން ދުރުހެލިވުމާއި ތެދު މަގުގައި ސާބިތުވެ ތިބުމުގެ މައްސަރު ކަމަށެވެ. މި ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށާއި، މުޅި އިސްލާމީ އުންމަތަށް ނުހަނު އިޚްލާޞްތެރިކަމާއެކު ފޮނުވާ ކަމަށް ރަޢީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ބަރަކާތްތެރި ހެޔޮކަމުގެ މޫސުން އަޅުގަނޑުމެންނާ ބައްދަލު ކުރިއިރު، މުޖުތަމަޢުން ދެކެން ބޭނުންވާ ވަރަށް ގިނަ ހެޔޮ ކަންކަން އެބަހުރި ކަމަށެވެ. ދީނީ ކަންކަމާއި، އާދަކާދައިގެ ކަންކަމާއި، އުސޫލާއި، ޤާނޫނާއި ޤަވާއިދަށް ބޯ ލެނބުން މުހިންމު ކަމަށެވެ. އަދި ފަސްވަގުތު ނަމާދު ކުރާ މުޖުތަމަޢެއް ބޭނުންވާ ކަމަށާއި، ކުޑަކުދީންގެ ކަރާމާތް ރައްކާތެރި ކުރާ، ބޮޑެތި މީހުންނަށް އިޙްތިރާމު ކުރާ މުޖުތަމަޢެއް ބޭނުންވެއެވެ.

މަސްތުވާ ތަކެތިން ސަލާމަތްވެފައިވާ، ޞިއްޙީ ގޮތުން ނުރަގަނޅު އާދަތަކަށް ނޫނެކޭ ބުނުމާއި، ހުރިހައި ކަމެއްގައި މާތްވެގެންވާ އިސްލާމްދީނުގެ އަސްލުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތާ ދިވެހީންގެ ހަރުދަނާ އިސްލާމީ ސަޤަފަތާއި، ދިވެހިވަންތަ ރީތި ތަހުޒީބު އަމިއްލަ ގޮތްތައް ނަގަހައްޓާ މުޖުތަމަޢެއް ދެކެން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެއީ، ޤައުމުގެ އަމާންކަމާއި ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދުމާއި އަދި ހެޔޮލަފާ ޚުލްޤު ހެޔޮ، ޒަމާނާއެކު ކުރިއަރާފައިވާ ބަޔަކަށް ދިވެހީން ވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ދުނިޔޭގެ އެހެން މީހުންގެ ކިބައިންވެސް ދިވެހީންނަށް ހެޔޮ ބަސްތައް ލިބި، ދިވެހީންގެ ޤަދަރު މަތިވެރިވުމަށްޓަކައި ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ދިވެހި މުޖުތަމަޢަށް ހެޔޮ ބަދަލެއް ގެނައުމުގައި މަދަދު ހޯދާން ރަމަޟާން މަހަކީ ރަނގަޅު މުރުޝިދެއް ކަމަށެވެ.

ރަމަޟާން މަސް، އަޚްލާޤުގެ އެންމެ މަތިވެރި ހުރިހައި ފިލާވަޅެއް އުނގަންނާދޭ ކަމަށާއި، އަޅުކަންތައްތަކުން ވަގުތުތައް ރާވައިލުމާއި ވަގުތަށް ކަމޭ ހިތާން ދަސްކޮށްދޭ ކަމަށެވެ. ޛިކުރުތަކުން ތަޤުވާވެރިވުމާއި، ހިތާއި، ރޫޙާއި، ހަށިގަނޑު ހެޔޮ ކަންކަމުގައި ހޭދަކުރާން ދަސްކޮށްދޭ ކަމަށާއި، އެ މައްސަރުގައި ވެވިފައިވި ހަނގުރާމަތަކުން އިސްލާމީ އުންމަތަށް ހެޔޮ އެދުމާއި، ޙައްޤާއި ބާޠިލާ ދެމެދު ތިމާ ސާބިތުވާންވި ގޮތް ދައްކައިދޭ ކަމަށެވެ.

ރޯދަ ވީއްލުމާއި، ހާރުދަން ފަދަ އިޖުތިމާޢީ އާއިލީ ބައްދަލުވުންތަކަކީ، ޖަމާޢަތުގެ ގުޅުންތައް ހަރުދަނާ ކުރުމާއި، ދޭދޭ ކުލުނާއި ލޯބި އަށަގަންނަވައި ދިނުމުގެ މަދަރުސާ ކަމަށް ރައީސްގެ ޚިތާބުގައި ވިދާޅުވިއެވެ. އެހެންކަމުން މި ކަންކަން އަމިއްލަ ނަފުސާ ހަމައިން ފަށާ، މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަކީ ޤައުމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި، އަމިއްލަ ނަފުސު އެ ބަދަލާ އެއް ގޮތަށް، ދީނީ ޤައުމީ އިންތަކުގެ މަތީގައި ތަރުބިއްޔާތު ކުރާ މައްސަރަކަށް ހެދުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.