ރަމަޟާން މަހާ ދިމާކޮށް އަންގާރަ ދުވަހުގެ މެންދުރާ ހަމައަށް މާލޭ ވިޔަފާރި ބަނދަރުން 480 ޓަނުގެ ޕެރިޝަބަލް ނުވަތަ އަވަހަށް ކުނިވާ ޒާތުގެ މުދާ ކްލިއަރކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ވިދާޅުވެއްޖެއެވެ.
އެމްޕީއެލްއިން ވިދާޅުވީ، މިވަގުތު ޕެރިޝަބަލް މުދާ އުފުލާ 2 ބޯޓު ބަނދަރު ސަރަޙައްދުގައި އެބައޮތް ކަމަށާއި މިރޭ މެންދަމު 12 ޖެހުމާ ހަމައަށް ހުރިހާ މުދަލެއް ކްލިއަރކޮށް ނިމޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ރަމަޟާން މަހާ ދިމާކޮށް ކާބޯތަކެތި ރާއްޖެ އެތެރެކުރާ މިންވަރު އިތުރުވެއެވެ. އެހެންކަމުން ރައްޔިތުންނަށް ވީހާވެސް ބޮޑަކަށް ފަސޭހައިން މުދާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ދަނީ ކުރަމުންނެވެ. އެކުންފުނިން ވިދާޅުވީ، މާލެ ވިޔަފާރި ބަނދަރުން އަންގާރަ ދުވަހުގެ މެންދުރާ ހަމައަށް 13113 ޕެކޭޖު ނުވަތަ 480 ޓަނުގެ ޕެރިޝަބަލް މުދާ ކްލިއަރ ކޮށްފައިވާ ކަމަށެވެ. ޕެރިޝަބަލް މުދަލަކީ، ކާބޯތަކެތީގެ ތެރޭގައި ހިމެނޭ އަވަހަށް ހަލާކުވާ ޒާތުގެ މުދަލެވެ. މައިގަނޑު ގޮތެއްގައި ތަރުކާރީއާއި، މޭވާއާއި، ތާޒާ މަހާއި އެނޫންވެސް އަވަހަށް ހަލާކުވާ ބާވަތްތަކެވެ.
ރަމަޟާން މަހާ ދިމާކޮށް އެތެރެކޮށްފައިވާ ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަަވަހަށް ވިޔަފާރިވެރިންނަށް ކްލިއަރކުރެވޭނެ މަގު ފަހިކޮށްދިނުމަށް މި ކުންފުނީގެ އޮޕަރޭޝަންސް ޓީމުތަކުން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.#MaldivesPortsLimited #MPL #PortMV #MPLHidhumathugaa… pic.twitter.com/NaU6reVzWn
— Maldives Ports Limited (@Portmv) February 17, 2026
އެމްޕީއެލްއިން ވިދާޅުވީ، ރަމަޟާން މަހު ބަނދަރުން މުދާ ކްލިއަރ ކުރެވޭނެ ގަޑިތައް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން ބޯޓު ފަހަރުން މުދާ އަރުވާ ބޭލުމުގެ މަސައްކަތާއި، ކޮންޓެއިނާ ޝިފްޓިންގެ ޚިދުމަތް ހުކުރު ފިޔަވާ ކޮންމެ ދުވަހެއްގެވެސް ހެނދުނު 9 އަކުން ހަވީރު 4 ޖެހުމާ ހަމައަށް އަދި ރޭގަނޑު 9 އިން މެންދުރު 01:30 އަށް ކުރިއަށް ގެންދާނެ ކަމަށެވެ. ހުކުރު ދުވަހު މިދެ ޚިދުމަތްވެސް ދެމުންދާނީ، ރޭގަނޑު 9 އިން މެންދަރު 01:30 އަށެވެ. މުދާ ކްލިއަރ ކުރުމަށް އެސައިން ކުރުމުގެ މަސައްކަތް ހުކުރު ފިޔަވާ ކޮންމެ ދުވަހެއްގެވެސް 9 އިން މެންދުރު 1 އަށް އަދި ރޭގަނޑު 9 އިން 22:30 އަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
އާންމު ޚިދުމަތުގެ ދަށުން ކްލިއަރ ކުރާ ސަރަޙައްދަށް ގެންދިޔުމަށް ނޯޓު ކުރެވޭނެ ކޮންޓެއިނާރގެ ޢަދަދުވެސް އެމްޕީއެލްއިން ވަނީ ޢާންމުކޮށްފައެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް 20 ފޫޓުގެ 150 ކޮންޓެއިނަރ ކްލިއަރ ކުރުމަށް ނޯޓު ކުރެވޭނެއެވެ. އޮންލައިންކޮށް ޝިފްޓިންއަށް ރިކުއެސްޓް ކުރުމުގެ ޚިދުމަތް ހުކުރު ފިޔަވާ ކޮންމެ ދުވަހެއްގެވެސް ހެނދުނު 10 އަކުން އަނެއް ދުވަހުގެ 9 ޖެހުމާ ހަމައަށް ކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ. ނޯމަލް އެކްސްޕްރެސް ހުކުރު ފިޔަވާ ކޮންމެ ދުވަހެއްގެވެސް ރޭގަނޑު 20:30 އިން އަނެއް ދުވަހުގެ ހެނދުނު 10:30 އަށް އަދި ޑެއިލީ އެކްސްޕްރެސްއަށް ނޯޓުކުރުން ހުކުރު ފިޔަވާ ކޮންމެ ދުވަހެއްގެވެސް ހެނދުނު 09:15 އިން މެންދުރުފަހު 13:00 އަށް މައިބަނދަރުގެ ޕޯޓަލް ތެރެއިން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މުދާ ކްލިއަރ ކުރުމުގެ މަސައްކަތް ފަސޭހަ ކުރުމަށް މުހިއްމު ތައްޔާރީތަކެއް އެމްޕީއެލްއިން ވަނީ ވެފައެވެ.