"ރަންދިހަފަހެއް" ނޫޓު ސީރީޒްގެ 20 ރުފިޔާއާއި 100 ރުފިޔާގެ އަލަށް ގެނައި ނޫޓުތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ދައުރުކުރަން ފަށައިފިއެވެ.
އެމްއެމްއޭއިން ވިދާޅުވީ މިއީ، އިޤްތިސާދުގައި އަލަށް އުފެދޭ ޑިމާންޑަށާއި އަދި އެމްއެމްއޭއަށް ލިބޭ ބައުވެ ހަލާކުވެފައިވާ ނޫޓުތައް އައުކުރުމަށް ނެރުނު އައު ބެޗެއްކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ މިމަހުގެ 2 ގައި އެ އޮތޯރިޓީއަށް ލިބުނު 100 ރުފިޔާގެ ނޫޓުތަކާއި، މިމަހުގެ 15 ގައި ލިބުނު 20 ރުފިޔާގެ ނޫޓުތަކެވެ.
މި ނޫޓުތައް ބާޒާރަށް ނެރުމުގެ މައިގަނޑު މަޤްޞަދަކީ އިޤްތިޞާދުގެ ތެރޭގައި ނަގުދު ފައިސާ ދައުރުކުރުމުގައި ދަތިކަމެއް ނެތި، ބޭނުންވާ މިންވަރަށް ފައިސާ ފޯރުކޮށްދިނުންކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ. އަލަށް ނެރުނު މި ނޫޓުތަކުގައި ސޮއިކުރައްވާފައިވަނީ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. އަދި ނޫޓުގައިވާ ތާރީޚަކީ 31 ޖުލައި 2025 (6 ސަފަރު 1447) އެވެ.
ސްޓޮކް މަދުވުމުން އައު ނޫޓުތައް ނެރުމަކީ ފައިސާ ބެލެހެއްޓުމުގެ ނިޒާމުގެ ތެރެއިން އާންމުކޮށް ކުރަމުންދާ ކަމެއްކަންވެސް އެ އޮތޯރިޓީން ފާހަގަކުރިއެވެ. މި ފަހަރު ނެރުނު 20 ރުފިޔާގެ ނޫޓުގެ ފަރުމާއަށް ވަނީ މުހިންމު ބަދަލެއް ގެނެސްފައެވެ. މީގެ ތެރެއިން 20 ރުފިޔާގެ މި އައު ޗާޕުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން އަލަށް ވަނީ ހިމަނާފައެވެ.
ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކުއެވެ. އަދި 7 ޖުލައި 2024 ގެ ތާރީޚުގައި އެންމެ ފަހުން ނެރެފައިވާ 100 ރުފިޔާގެ ނޫޓާއި އެއްގޮތަށް 100 ރުފިޔާގެ މި އައު ޗާޕުގައިވެސް ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.
އެމްއެމްއޭ ވިދާޅުވީ، އަލަށް ނެރުނު ނޫޓުތަކާއެކު މިހާރު ދައުރުވަމުންދާ 20 ރުފިޔާ އާއި 100 ރުފިޔާގެ ހުރިހާ ނޫޓުތަކަކީވެސް ސައްހަ، ބޭނުންކުރެވޭނެ ފައިސާގެ ގޮތުގައި ދެމިއޮންނާނެކަމަށެވެ. އަދި އާންމުންގެ ބޭނުންތަކާ އެއްވަރަށް ފައިސާ ފޯރުކޮށްދީ، ދިވެހި ފައިސާއަށް އޮންނަ އިތުބާރު ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން އެ އޮތޯރިޓީން ވަނީ ދެއްވާފައެވެ.