ގެދޮރުވެރިޔާ މަޝްރޫޢުގެ ދަށުން މިހާތަނަށް 3600 އަށް ވުރެ ގިނަ ފްލެޓު ވެރި ފަރާތާއި ހަވާލުކޮށްފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. ރަމަޟާން މަހުގެ ކުރިން ފްލެޓުތަކަށް ރައްޔިތުންނަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސެވުމަކީ ސަރުކާރުގެ އަމާޒެކެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ތަރައްޤީކޮށްފައިވަނީ 4000 ހައުސިންގ ޔުނިޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުން އެކުލަވާލާ އެފަރާތްތަކާއި ތަޅުދަނޑި ޙަވާލުކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަނުންދަނީ ކުރަމުންނެވެ. ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ފްލެޓު ލިބުނު ފަރާތްތަކަށް އެތަނަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. މިއާއެކު އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ފްލެޓުތައް ދިނުމަށް ކަނޑައަޅަމުންދިޔަ ފަރާތްތަކަށް ވީހާވެސް އަވަހަކަށް އެއްބަސްވުން އެކުލަވާލާ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް އެފްޑީސީންވަނީ ކުރައްވާފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ މިހާތަނަށް 3850 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށެވެ. އަދި މީގެތެރެއިން 3647 ފަރާތަކަށް މިހާރު ތަޅުދަނޑި ޙަވާލުކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އެއްބަސްވުމުގައި ސޮއިކުރި ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާހުރެ ތަޅުދަނޑިއާއި ހަވާލުވާން ނާދެވޭ ފަރާތްތައް ތިބިކަން ހަމްދާން ފާހަގަކުރެއްވިއެވެ.
ތަޅުދަނޑިއާއި ހަވާލުވުމަށް ޝެޑިއުލްކުރުމަށްފަހު ނާދެވޭ 90 ވަރަކަށް ފަރާތްވެސް ހިމެނޭކަމަށް ހަމްދާން ވިދާޅުވިއެވެ. މީގެއިތުރުން، ފްލެޓު ހޯދުމަށް ހުށައަޅާފައިވާ ލިޔެކިޔުންތައް އިތުރަށް ވެރިފައި ކުރަންޖެހޭތީ ވުޒާރާގެ ފަރާތުން ފްލެޓު އެލޮކޭޓްކޮށްދީފައިނުވާ 112 ފްލެޓު ހިމެނޭކަމަށް ހަމްދާން ވިދާޅުވިއެވެ. މިފްލެޓުތަކުގެ ލިސްޓުވެސް ލިބުމުން ވީއެންމެ އަވަހަކަށް ފްލެޓު ހަވާލުކުރުމުގެ މަސައްކަތް އެފްޑީސީން ކުރާނެކަމަށް އެކުންފުނިން ވިދާޅުވިއެވެ.
އެފްޑީސީން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓުގެ ތެރޭގައި ހިމެނެނީ 16 ފަންގިފިލާގެ 32 ޓަވަރެވެ. މީގެތެރޭގައި 2 ކޮޓަރިއާއި 3 ކޮޓަރީގެ އެޕާޓްމަންޓުތައް ހިމެނެއެވެ. ފްލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރަމުންދަނީ އެތަންތަނުގެ ފެނާއި ކަރަންޓު ގުޅައިދިނުމަށްފަހުގައެވެ. އެފްޑީސީންދަނީ އަލަށް އެސަރަޙައްދަށް ބަދަލުވަމުންދާ ފަރާތްތަކަށް ފަސޭހަވާނެހެން އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ.