ޚަބަރު

އައިޖީއެމްއެޗުގެ ސްޓްރޯކް ސެންޓަރުން މިދިޔަ އަހަރު 532 މީހަކަށް ފަރުވާދިން


  • ނާރުގެ ބަލިތަކުގައި 1،089 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދީފައިވޭ

  • 70%އަކީ ސިކުނޑީގެ ލޭ ހޮޅިއެއް ބެދިގެން ސްޓްރޯކް ޖެހުނު މީހުން

އަޖީއެމްއެޗުގެ ނިއުރޮލޮޖީ ޑިޕާރޓްމަންޓުން، ސްޓްރޯކް ޖެހުނު 532 މީހަކަށް މިދިޔަ އަހަރު ފަރުވާދީފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކުރައްވައިފިއެވެ.

ރާއްޖޭގެ އާބާދީގެ ނިސްބަތުން ނާރުގެ ބަލިތަކާއި ސްޓްރޯކް ޖެހޭ މިންވަރު އިތުރުކަން ޑޮކްޓަރުން ފާހަގަކުރެއެވެ. މީގެ ތެރޭގައި ޒުވާން އުމުރުފުރާގެ ކުދިން ގިނައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި ނާރުގެ ބަލިތަކާއި، ސްޓްރޯކަށް ޚާއްޞަ ސެންޓަރެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފުރަތަމަ ނިއުރޮލޮޖިސްޓް ޑރ. އަޙްމަދު ރަޝީދު ވަނީ އައިޖީއެމްއެޗުގެ ނިއުރޮލޮޖީ ޑިޕާޓްމަންޓުގެ ތަފާސްހިސާބުތައް ހިއްސާކުރައްވާފައެވެ.

ޑރ. އަޙްމަދު ރަޝީދު ވިދާޅުވީ، ރާއްޖޭގައި ނާރުގެ ބަލިތަކާއި ސްޓްރޯކަށް ފަރުވާ ހޯދަން ޖެހޭ މީހުންގެ އަދަދު ނިސްބަތުން އިތުރު ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ނާރުގެ ބަލިތަކުގައި 1،089 މީހުންނަށް އައިޖީއެމްއެޗުގެ ނިއުރޮލޮޖީގައި އެޑްމިޓްކޮށްގެން ފަރުވާދީފައިވާ ކަމަށް ވިދާޅުވިއެވެ. މީގެތެރެއިން ގިނައީ، ސްޓްރޯކް ޖެހުމުން އެޑްމިޓްކޮށްގެން ފަރުވާ ދިން މީހުންނެވެ. މިމުއްދަތުގައި 532 މީހަކަށް ސްޓްރޯކް ޖެހިގެން ފަރުވާ ދީފައިވެއެވެ. މީގެތެރެއިން 70 އިންސައްތައަކީ، ސިކުނޑީގެ ލޭ ހޮޅިއެއް ބެދިގެން ސްޓްރޯކް ޖެހުނު މީހުން ކަމަށާއި، އަނެއް 30 އިންސައްތައަކީ ސިކުނޑީގެ ލޭ ހޮޅިއެއް ފަޅައިގެން ގޮސްގެން ސްޓްރޯކް ޖެހުނު މީހުން ކަމަށް އަހުމަދު ރަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން 557 މީހުންނަކީ، ޢާންމު ބަލިތަކާއި، ފިޓު ޖެހުމާއި، ނާރުގެ އެހެން ބަލިތަކުގައި އެޑްމިޓް ކުރި މީހުން ކަމަށް ޑރ. އަޙްމަދު ރަޝީދު ވިދާޅުވިއެވެ.

ޑރ. އަޙްމަދު ރަޝީދު ވިދާޅުވީ، ދުނިޔޭގެ އެހެން ޤައުމުތަކުގައި ސްޓްރޯކް ޖެހޭ މީހުންގެ ތެރެއިން ގިނައީ އަންހެނުން ކަަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި އެކަން ތަފާތު ކަމަށެވެ. އޭނާ ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގައި ސްޓްރޯކް ޖެހިގެން އެޑްމިޓް ކުރި މީހުންގެ ތެރެއިން 70 އިންސައްތައަކީ، ފިރިހެނުން ކަމަށާއި 30 އިންސައްތައަކީ އަންހެނުން ކަމަށެވެ.

ސްޓްރޯކް ޖެހިގެން އެޑްމިޓް ކުރި މީހުންގެ ތެރެއިން 61 އިންސައްތައަކީ، 61 އަހަރާއި 80 އަހަރާ ދެމެދުގެ މީހުންނެވެ. ޑރ. އަޙްމަދު ރަޝީދު ވިދާޅުވީ، މީގެ ތެރެއިން 40 އިންސައްތަ މީހުންނަކީ 40 އަހަރުން ދަށުގެ މީހުންކަން ފާހަގަކުރައްވަމުން ޑރ. އަހުމަދު ރަޝީދު ވިދާޅުވީ ރާއްޖޭގައި ހަނގު އުމުރުގައި ސްޓްރޯކް ޖެހޭ މިންވަރު އިތުރުވުމަކީ ހިތާމަކުރަންޖެހޭކަމެއްކަމަށެވެ.

" އޯޕީޑީގެ ސަރވިސްއަށް ބަލާއިރު 9400 މީހުން ޑޮކްޓަރަށް ދައްކާފައިވޭ. މީގެ ތެރެއިން ސްޓްރޯކް ކްލިނިކަށް 700 އަށްވުރެ ގިނަ ފޮލޯއަޕް ހެދިފައިވޭ. ނާރުގެ 908 ޓެސްޓެއް ވަނީ ހެދިފައި" ޑރ. އަޙްމަދު ރަޝީދު ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވާފައިވާ "ނޭޝަނަލް ސެންޓަރ ފޮރ ނިއުރޯ ސައިންސް އެންޑް ސްޓްރޯކް" ސެންޓަރުގެ ސަބަބުން މުސްތަޤުބަލުގައި ރޮބޮޓިކް ޓެކްނޮލޮޖީ ފަދަ ޒަމާނީ ވަސީލަތްތަކާއެކު ސިކުނޑިއާއި، މައިބަދައިގެ އޮޕަރޭޝަންތައް ކުރެވި މުޅި ރާއްޖެ ގުޅާލެވޭ ވިއުގައެއް މެދުވެރިކޮށް ސްޓްރޯކްގެ ބަލި މީހުންނަށް ހަލުވިކަމާއެކު ފަރުވާ ލިބޭނެ ނިޒާމެއް ޤާއިމްވެގެންދާނެއެވެ. އަދި އަތޮޅުތަކުގެ ހޮސްޕިޓަލުތަކާއެކު ހިންގާ ޕްރޮގްރާމްތަކުގެ ސަބަބުން ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި ހުރިނަމަވެސް ފެންވަރު ރަނގަޅު ނާރުގެ ފަރުވާ ލިބުމަށް މަގުފަހިވާނެއެވެ.