ޓެކްނޮލޮޖީގެ ދާއިރާއިން ބޮޑެތި ބަދަލުތަކެއް ދުނިޔެއަށް އައިނަމަވެސް، ޒަމާނުއްސުރެ ބޭނުންކުރާ ރޭޑިއޯގެ ދައުރު ފަނޑުވެގެން ނުދެއެވެ. މިއަދުވެސް ދުނިޔޭގެ ބައެއް ސަރަޙައްދުތަކާއި ރާއްޖޭގައިވެސް އާންމުންގެ މެދުގައި ރޭޑިއޯގެ މަގުބޫލުކަން ބޮޑެވެ. މިއަދަކީ މިއަހަރު ފާހަގަކުރާ ދުނިޔޭގެ ރޭޑިއޯ ދުވަހެވެ.
ދުނިޔޭގެ ރޭޑިއޯ ދުވަހަކީ، ރޭޑިއޯގެ ޒަރިއްޔާއިން އިންސާނިއްޔަތަށް އެކި ގޮތްގޮތުން އައިސްފައިވާ އަދި އަންނަމުންދާ ބަދަލުތައް ފާހަގަކޮށް، އެކަންކަމުގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޔުނެސްކޯއިން ފާހަގަކުރަމުންދާ ދުވަހެކެވެ. މިދުވަސް ފާހަގަކުރަން ފަށާފައިވަނީ 2011 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުގައެވެ. މިއަހަރަށް ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިޢާރަކީ "ރޭޑިއޯއާއި އާޓިފިޝަލް އިންޓެލިޖެންސް – އޭއައިއަކީ ވަޞީލަތެއް އެއީ އަޑެއް ނޫން." މިޝިޔާރެވެ.
މިއަހަރުގެ ރޭޑިއޯ ދުވަހާއި ގުޅިގެން، ރާއްޖޭގެ އެންމެ ގިނަދުވަސްވީ އަދި މިހާރު ހިންގާ ހަމައެކަނި ރޭޑިއޯ އަދި އެފްއެމް ޗެނަލް ކަމުގައިވާ ދިވެހިރާއްޖޭގެ އަޑާއި ދިވެހި އެފްއެމްއިންވެސް ޚާއްސަ ޕްރޮގްރާމްތަކެއްވަނީ ގެނެސްދީފައެވެ. މިގޮތުން މިއަހަރުގެ ޝިޢާރާއި ގުޅުވައިގެން، ޚާއްސަ ޕެނަލް ޑިސްކަޝަންއެއްވަނީ ގެނެސްފައެވެ. މިޕެނަލް ޑިސްކަޝަންގައި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރާއި ރާއްޖޭގެ އާޓިފިޝަލް އިންޓަރލިޖެންސްގެ ދާއިރާގައި ޙަރަކާތްތެރިވާ އަދި އެދާއިރާއިން މަތީ ތަޢުލީމު ޙާސިލްކޮށްފައިވާ ފަރާތްތަކުންވަނީ ބައިވެރިވެފައެވެ. މީގެއިތުރުން ދިވެހި އެފްއެމްއިންވަނީ ދުވަހަށް ޚާއްސަކޮށްގެން ލަވަ ޕްރޮގްރާމެއް އޭއައި ޕްރެޒެންޓަރަކާއެކުވަނީ ގެނެސްދީފައެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ރޭޑިއޯގެ ޚިދުމަތް ފެށީ، 1962 ވަނަ އަހަރުއެވެ. އެއަހަރު ރާއްޖޭގައި ޤާއިމްކުރެވުނު ފުރަތަމަ ރޭޑިއޯ ސްޓޭޝަނުން، ފުރަތަމަ ފޮނުވި ޓްރާންސްމިޝަންގެ ދިގުމިނަކީ، 4 މިނެޓާއި ދެ ސިކުންތެވެ. ރާއްޖޭގެ އެންމެ ދުވަސްވީ ރޭޑިއޯ ޗެނަލްކަމުގައިވާ ދިވެހިރާއްޖޭގެ އަޑަށް މިހާރުވަނީ 63 އަހަރު ފުރިފައެވެ. ރޭޑިއޯގެ ޚިދުމަތަކީ ދިވެހިންގެވެސް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑު އިންޤިލާބެއް ގެނުވި ވަޞީލަތެކެވެ. އެގޮތުން ރާއްޖޭގައި އަސާސީ ތަޢުލީމު ކުރިއެރުވުމާއި މީހުން ތޭލުންތެރިކުރުވުމާއި ސިއްޙީގޮތުން ދުނިޔެއަށާއި ރާއްޖެއަށް ކުރިމަތިވީ އެކި ނުރައްކާތެރި ބަލިތަކާއި ދެކޮޅަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުވުމަށް މުހިއްމު ދައުރެއް ރޭޑިއޯއިންވަނީ އަދާކޮށްފައެވެ.