ޚަބަރު

ދުނިޔޭގެ ޞިއްޙީ ނުފޫޒު ގަދަ ލީޑަރަކަށް، ރައީސްގެ ބަދަލުތަކަށް ތަޢުރީފް


  • އުމްރާނީ ތަރައްޤީގެ އެތައް މަސައްކަތެއް ފެއްޓެވި

  • ޖެނެރޭޝަނަލް ބޭންއެއް ގެންނަވާ ޢަމަލުކުރަން ފެއްޓެވި

  • ނޭޝަނަލް ފަރޓިލިޓީ ސެންޓަރެއްވެސް ޤާއިމުކުރެއްވި

ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތެއް ލިބުމަކީ ކޮންމެ ރައްޔިތަކުވެސް ބޭނުންވާނެކަމެކެވެ. އަދި ބަލި ޖެހުމުގެ ކުރިން އެކަން ދެނެގަނެ ބަލީގެ ބޮޑުވަރު ނުވަނީސް ދުރާލާ އެކަމަށް ތައްޔާރުވެ ފަރުވާ ލިބޭނެ ގޮތް ފަހިވެފައި އޮތުމަކީ ސިއްޙި ޚިދުމަތުގެ ތެރެއިން ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާނެ އެއްކަންތަކެވެ. އަދި ހަމަ އެހެންމެ ބޮޑެތި ބަލިތަކަށް ހުށަހެޅުމުގެ ފުރުޞަތު އޮތް ދުންފަތުގެ އިސްތިޢުމާލު ކުރުންފަދަ ނޭދެވޭ ޢަމަލުތަކުން އަދުގެ ޖީލު ރައްކާތެރިކުރުމަކީވެސް ހަމަ ދިވެހި ކޮންމެ ރައްޔިތަކުވެސް ބޭނުންވާނެކަމެއްކަން ކަށަވަރެވެ. މިފަދަ އެތައް މައްސަލަތަކެއް ހައްލުކުރުމަށްޓަކައި ވޭތުވެ ދިޔަ ދުވަސްތަކުގައި ސަރުކާރުން ވަނީ ޚާއްސަ މަސައްކަތްތަކެއް ފަށްޓަވާ ކަންކަން ތަންފީޒްކުރަން ފަށާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މޭސްތިރިކަމުގައި ސިއްޙީ ދާއިރާއަށް ގެންނަވާފައިވާ ބަދަލުތަކަކީ މިއަދު ދުނިޔޭގެ އެކި ހިސާބުތަކުން އެކަމަށް މަރުހަބާ ކިޔަމުންދާ ކަމެކެވެ.

ފުރަތަމަ ރައްޔިތުންގެ ސިއްޙަތު، އުމްރަނީ ތަރައްޤީ

އާބާދީ ގޮތުން މީސްކޮޅު މަދު ނަމަވެސް ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ސިއްޙީ ޚިދުމަތް ދޭނެ ތަނެއް ހުރެއެވެ. ނަމަވެސް މީގެ ތެރެއިން ބައެއް ރަށްރަށުގައި ތަންތަން ކުއްޔަށް ހިފައިގެން ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމާއި ރަށްރަށުގައި ހުރި ސިއްޙީ މަރުކަޒުތައް ބާވެ، ޖާގައިގެ ގޮތުންވެސް ކުޑަވުމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެކި ގޮންޖެހުންތަކާ ކުރިމަތިލާންޖެހެއެވެ. ނަތީޖާއެއްގެ ގޮތުން ރަށްރަށުގައި އެންމެ އާދައިގެ ޓެސްޓެއް ނުވަތަ އައު ޚިދުމަތެއް ތަޢާރަފްކުރުމަށްވެސް އޮންނަނީ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައެވެ. އެހެންނަމަވެސް މިކަން މިހާރު ބަދަލުކޮށް ރަށްރަށުގެ ސިއްޙީ މަރުކަޒުތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި އައު އިމާރާތްތައް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ވަނީ ފަށްޓަވާފައެވެ.

އަލަށް އިމާރާތް ކުރާ ސިއްޙީ މަރުކަޒުތަކަކީ ޖާގައިގެ ގޮތުން ތަނަވަސް، އެރަށެއްގެ އާބާދީއަށް ބަލާ ވޯޑުތައް އިތުރުކުރުމާއި އައު ޚިދުމަތްތައް ތަޢާރަފްކުރުމަށްވެސް ޖާގަ ލިބޭނެ މަރުކަޒުތަކެކެވެ. ހަމަ އެއާއެކު ރަށްރަށުގެ ސިއްޙީ މަރުކަޒުތަކުގައި ލެބޯޓަރީތައް ޤާއިމުކޮށް ޚިދުމަތް ދިނުމުގެ އިތުރުން ކޮންމެ ރަށަކުންވެސް އެންމެ އާދައިގެ ޓެސްޓްތައް ހެދުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތަކީވެސް ސިއްޙީ ދާއިރާއިން ކުރަމުން އަންނަ މުހިއްމު މަސައްކަތްތަކަކެވެ. ސިއްޙީ މަރުކަޒުތަކުގެ އިތުރުން ކޮންމެ އަތޮޅެއްގައިވެސް ހުންނަ ރީޖަނަލް ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކޮށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެއާއެކު ރައްޔިތުން ސިއްޙީ ޚިދުމަތް ހޯދުމަށް މާލެއަށް އަންނަ އައުމަށް ލުޔެއް ލިބިގެންދާނެއެވެ.

ޕްރައިމަރީ ހެލްތު ކެއަރ

މިން ހެޔޮ ކާނާ ނުކެއުމާއި ހެލިފެލިވެނޫޅުމުގެ ސަބަބުން ބޮޑެތި ބަލިތަކަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑުވާކަން ސިއްޙީ މާހިރުން ފާހަގަކުރައްވައެވެ. އެހެންކަމުން މިފަދަ ބޮޑެތި ބަލިތަކަށް ހުށަހެޅުމުގެ ކުރިން ނުވަތަ ބަލީގައި ބޮޑުވަރު ނުވަނީސް ބަލި ދެނެގަތުމަކީ މުހިއްމުކަމަކަށް ވެއެވެ. މިކަން ކަން ދެނެގަތުމަށް ޕްރައިމަރީ ހެލްތްކެއަރ ނިޒާމް މުހިއްމުވެއެވެ.

ޕްރައިމަރީ ހެލްތު ކެއަރގެ ނިޒާމަކީ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށާއި ސްކްރީންކޮށް ބަލިދެނެގަތުމަށާއި، ބޮޑުވަރުވިޔަނުދީ ބެލެހެއްޓުމަށް ބާރުއަޅާ، ބަލިމީހުންނާއި އެމީހުންގެ އާއިލާތަކާއެކު މަސައްކަތްކުރެވޭނެ ގޮތަށް ކަންކަން އިންތިޒާމުކޮށް ހިންގޭ ޞިއްޙީ ޚިދުމަތުގެ ނިޒާމެވެ. މި ނިޒާމްއަކީ މީގެ އަހަރުތަކެއް ކުރިން ޢަމަލު ކުރަމުން އައި ނިޒާމްއެކެވެ. އޭގެ ނަތީޖާއަކަށްވީ ބޮޑެތި ބަލިތަކާ ރައްޔިތުން ދުރުވެ، ދުރާލާ ބަލި ދެނެގަނެ ބައްޔަށް ފަރުވާ ހޯދުމަށް ފަސޭހަވުމެވެ. މިކަން ހުއްޓިފައި އޮތުމަށްފަހު އަލުން ސަރުކާރުން ވަނީ އެ މަސައްކަތް ފަށާފައެވެ. ރާއްޖޭގެ އެކި އަތޮޅުތަކުގައި މި ޕްރޮގްރާމް ކުރިއަށްގެންދާއިރު 24000އަށް ވުރެ ގިނަ މީހުން ވަނީ ސްކްރީންކޮށްފައެވެ.

ޕްރިއިމެރީ ހެލްތް ކެއަރ ނިޒާމްގެ ތެރެއިންކޮށްފައިވާ އަނެއް މަސައްކަތެއްގެ ގޮތުގައި ފާގަކޮށްލެވެނީ މާލެ ސަރަހައްދުގައި ޖީޕީ ކްލިނިކްތައް ތަރައްޤީކުރަން ފެށުމެވެ. މިއީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ޢަމަލު ކުރަމުން އަންނަ ގޮތަށް ކުޑަކަމެއްވިނަމަވެސް ސްޕަޝަލިސްޓް ޑޮކްޓަރަށް ދެއްކުމުގެ ބަދަލުގައި ފުރަތަމަ އާންމު ބަލިތަކާ ބެހޭ ޑޮކްޓަރަކަށް ފަސޭހައިން ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް ތަރައްޤީކޮށްފައިވާ ކްލިނިކްތަކެވެ. މާލޭގެ މާފަންނުގައި އެއް ކްލިނިކް ހުޅުވާފައިވާއިރު ހެންވޭރުގައި އިތުރު ކްލިނިކްއެއް ހުޅުވުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. ހަމަ އެއާއެކު ހުޅުމާލޭ ދެވެނަ ފިޔަވަހީގައިވެސް ޖީޕީ ކްލިނިކް އެއް ހުޅުވުމުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.

ސަރުކާރުން ވަނީ ރައްޔިތުންނަށް ފަސޭހައިން އައިނު ހެއްދޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ. މިގޮތުން އައިޖީއެމްއެޗްއާއި ހުޅުމާލޭގައި ސަރުކާރުގެ އައިނު ފިހާރައެއް ހުޅުވާ އަންނަނީ ޚިދުމަތް ދެމުންނެވެ. އަދި އަތޮޅު ތެރޭގެ ފުރަތަމަ އައިނު ފިހާރަ އެކުއެޓޯރިއަލް ހޮސްޕިޓަލްގައި ހުޅުވާ މިހާރު އަންނަނީ ޚިދުމަތް ދެމުންނެވެ.

ހެލްތު އިންޝުއަރެންސްގެ ތެރެއިން ރައްޔިތުންނަށް އައިނު ހެއްދުމަށް މީގެ ކުރިން ދެމުން ދިޔައީ ކޮންމެ ދެއަހަރުން އެއް އަހަރު 1000 ރުފިޔާގެ އެހީތެރި ކަމެކެވެ. އެހެންނަމަވެސް މިހާރު ވަނީ އައިނު ހައްދަން ދޭ އެހީ 2000 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ. މީގެ އިތުރުން އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ފޯރުކޮށްދެމުންދާ ބައެއް ތަންތަނުން ހައްދާ ނަންބަރު އައިނުތަކަށް އާސަންދައިގެ ޚިދުމަތް ލިބޭނެގޮތްވެސް ސަރުކާރުން ވަނީ ހަމަޖައްސާދީފައެވެ.

ޖެނެރޭޝަނަލް ބޭން، އެއްވެސް ވެރިއަކަށް އަޅަން ނުކުރެނު ފިޔަވަޅެއް

ދިވެހިންގެ ސިއްހަތާއި ދުޅަހެޔޮކަމާއި ގުޅިފައިވާ ދުންފަތުގެ މައްސަލައަށްވެސް ހައްލު ހޯއްދެވުމަށް މީގެކުރިން އެކި ވެރީންގެ ޒަޢާމަތުގައިވެސް މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. ނަމަވެސް އެކި ފަހަރު މަތިން ސިނގިރޭޓުގެ އަގު ކޮންމެވެސް މިންވަރަކަށް އުފުލާލުމުގެ ގޮތުން އިމްޕޯޓް ޑިއުޓީ ބޮޑުކުރުން ފިޔަވައި އިތުރު ކަމެއް ކޮށްފައެއް ނެތެެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅާއި އެމަނިކުފާނެ އަމާޒު ތަފާތެވެ. ދުންފަތާއި ގުޅޭ ކަންކަމުގައި އާދައިގެ ފިޔަވަޅުތައް އެޅުއްވުމުގެ ބަދަލުގައި އެމަނިކުފާނު އެޅުއްވީ ބޮޑެތި ފިޔަވަޅުތަކެކެވެ. މުޖްތަމަޢުގައި އާއްމުވަމުން ދިޔަ ވޭޕްއާއި އެހެނިގެން އިލެކްޓްރޯނިކް ސިނގިރޭޓު މަނާކުރެއްވިއެވެ. ދުުންފަތުގެ އިސްތިއުމާލްކުރާ މީހުން އެއާ ދުރުކުރުމަށްޓަކައި މިއިން ޒަމާނަކު ބޮޑުނުކުރާ މިންވަރަށް އޭގެ ޑިއުޓީ ވަނީ ބޮޑުކުރައްވާފައެވެ. އަދި މުސްތަޤްބަލުގައި ޤައުމުގެ ކަންކަމާއި ހަވާލުވާން ތިބި އަދުގެ ޒުވާން ޖީލު ދުންފަތުގެ ނުރައްކަލުން ސަލާމަތްކުރުމަށް ޖެނެރޭޝަނަލް ބޭންއެއް ތަންފީޒުކުރުމަށް ނިންމަވައި، ޤާނޫނީގޮތުން އެކަމަށް ބޭނުންވާ އިޖުރާޢަތުތައް ފުރިހަމަކޮށް، ޖެނެރޭޝަނަލް ބޭންއަށް މިވަނީ އަމަލުކުރަން ފަށާފައެވެ. މި ބޭންގެ ސަބަބުން 2007 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން އުފަންވެފައިވާ ކުދިންނާއި އުފަންވާ ކުދިން ދުންފަތުގެ އިސްތިއުމާލުކުރުމާއި، އެކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުންވެސް މަނާވާނެއެވެ.

މިއާއެކު ދުނިޔޭގެ ބޮޑެތި ލީޑަރުންނާއި އިސްވެރިންގެ ތަޢުރީފް ރައީސް ޑރ. މުޙައްމަދު މުއިއްޒުއަށް ވަނީ ލިބިވަޑައިގަންނަވާފައެވެ. ހަމަ އެއާއެކު ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ ޚާއްސަ އެވޯޑެއްވެސް އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.

ރައީސްގެ އިޚުލާސްތެރިކަމާއެކު ގެނެސްދެއްވި އިތުރު ޚިދުމަތްތައް

ތެލަސީމިއާ ކުދިންނަށް ދެއްވާ ޚާއްސަ އިސްކަމެއްގެ ދަށުން ރައީސްގެ ނިންމެވުމާއެކު މަދު ދުވަސްކޮޅެއްގެ ތެރޭގައި އެކުދިންނަށް ހިތްފަސޭހަ ސެންޓަރެއް ހުޅުމާލޭގައި ވަނީ ތަރައްޤީކޮށްދެއްވާފައެވެ. ހަމައެއާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަރުކާރުގެ ހޮސްޕިޓަލެއްގައި ތެލަސީމިއާގެ އެކި ޓެސްޓްތައް ހެދޭ ޑީ.އެން.އޭ ލެބޯރެޓަރީއެއް ޤާއިމްކޮށް ވަނީ ޚިދުމަތް ދޭންފަށާފައެވެ. މި ދާއިރާއިން ކުރިއަށްގެންގޮސްފަވާ މަސައްކަތްތަކަށް ބަލާއިރު ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދައިދޭން މި ސަރުކާރުން ފެށި ޕްރޮގްރާމްގެ ދަށުން، މިދިޔަ އަހަރު އިތުރު 10 ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ވަނީ ފޮނުވާފައެވެ. މިހާތަނަށް ޖުމުލަ 24 ކުދިންނަށް ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތުވަނީ ދީފަވެއެވެ. މީގެ އިތުރުން، ތެލެސީމިއާ ކުދިންނަށް 2000 ރުފިޔާގެ އެލަވަންސެއް މި އަހަރުން ފެށިގެން ދިނުމަށްވެސް ވަނީ ނިންމާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 5ވަނަ ދުވަހު އާސަންދައިގެ ދަށުން އައިވީއެފްގެ ޚިދުމަތް ދެއްވުމަށް ނިންމެވިއެވެ. އަދި މިކަމުގެ ހުރިހާ އިންތިޒާމުތަކެއް ހަމަަޖައްސަވާ އެއްވެސް އަގަކާ ނުލައި މި ޚިދުމަތް އަންނަނީ ދެމުންނެވެ. އައިވީއެފްގެ ޚިދުމަތް އިތުރަށް ފުރިހަމަކޮށް، ރައްޔިތުންނަށް އެންމެ އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި 2024ވަނަ އަހަރުގެ ފަހުކޮޅު ދަރުމަވަންތަ ހޮސްޕިޓަލުގައި ނޭޝަނަލް ފަރޓިލިޓީ ސެންޓަރެއްވެސް ހުޅުވިއެވެ. މި ސެންޓަރު މެދުވެރިކޮށް ގިނަ ބަޔަކަށް ޚިދުމަތް ފޯރުކޮށްދެމުންދާއިރު، ސަރުކާރުން ދަނީ މިކަމަށް ބޭނުންވާ މާލީ އެހީތެރިކަންވެސް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުންނެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި ކާމިޔާބުކަމާއެކު އައިވީއެފް މެދުވެރިކޮށް 2 ކުދިން ވަނީ އުފަންވެފައެވެ. އަދި އިތުރު ފަރާތްތަކަށްވެސް އައިވީއެފް ހެދުމުގެ ފުރުޞަތު ވަނީ ހުޅުވާލަފައެވެ.

ނަފްސާނީ ދުޅަހެޔޮކަން

ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ނަފްސާނީ އެކިއެކި ކަންކަން ކުރިމަތިލަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ޚާއްޞަ ހެލްޕްލައިން 1677 އިފްތިތާޙުކޮށް ޚިދުމަތް އަންނަނީ ދެމުންނެވެ. ނަފްސާނީ ޚިދުމަތްތަކަށް ޚާއްޞަ ހެލްޕްލައިންގެ މައިގަނޑު އެއް މަޤްސަދަކީ ނަފްސާނީ ގޮތުން އުނދަގޫވާ އެކިއެކި ހާލަތްތަކުގައާއި، ނަފްސާނީ ބަލި ހުންނަ އެކި އުމުރު ފުރައިގެ މީހުންނަށް، ނަފްސާނީ ފުރަތަމަ އެހީތެރިކަން، 24 ގަޑިއިރު ފޯރުކޮށްދިނުމެވެ. މިނަންބަރުން ނަފްސާނީ ސިއްޙަތުގެ ފުރަތަމަ އެހީގެ އިތުރުން މައްސަލަ ހައްލުކުރުމަށް އެހީތެރިވުމާއި މަޢުލޫމާތު ފޯރުކޮށްދިނުމާއި ހެދިފައިވާ އުޞޫލްގެ ތެރެއިން ގުޅުން ހުރި ޚިދުމަތްތަކަށް ރިފަރަލް ހެދިގެންދެއެވެ.

ނަފްސާނީ ދުޅަހެޔޮކަމަށް ރައީސް ދެއްވާ ޚާއްސަ އިސްކަމުގެ ތެރެއިން މެންޓަލް ހެލްތު ނުވަތަ ނަފްސާނީ ބަލީގެ ފަރުވާއަށް ޚާއްޞަ ބައިނަލްއަޤްވާމީ ހޮސްޕިޓަލެއްވެސް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ.

ކޮންމެއަކަށް ސިއްޙީ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންނަވާ އިންޤިލާބީ ބަދަލުތަކާއެކު މުޅި ދުނިޔެއިންވެސް އަންނަނީ އެކަން ފާހަގަކުރަމުންނެވެ. އޭގެ ހެއްކެއްގެ ގޮތުން ޞިއްޙީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގަތުން ހިމެނެއެވެ. އެމެރިކާގެ މަޝްހޫރު ޓައިމް މެގަޒިނުން އެކުލަވާލި ޞިއްޙީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގަތުމަކީ، ބަލިތަކުން ރައްކާތެރިވުމަށާއި އާންމު ޞިއްޙަތު އިޞްލާޙުކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ހިތްވަރުގަދަ ލީޑަރޝިޕް މުޅި ދުނިޔެއިންވެސް ބަލައިގަތް ކަމުގެ އަލިގަދަ ހެއްކެއްކަން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިންވެސް ވަނީ ފާހަގަކުރައްވާފައެވެ.