ޚަބަރު

"ސީޕްލޭން ޚިދުމަތާއެކު ތޮއްޑޫ ރައްޔިތުންނަށް އާމްދަނީ ހޯދުމަށް އައު މަގެއް"


  • ރަށު ފަތުރުވެރިކަމަށް ހުރި ހިރާސްތައްވެސް ކުޑަކުރެވޭނެ

  • އާމްދަނީ ހޯދުމުގެ އައު މަގެއް ކަށަވަރުވެގެންދާނެ

  • ތޮއްޑޫއަކީ ޒަމާނުއްސުރެ ދަތުރުފަތުރަށް ބަރޯސާވެފައިވާ ރަށެއް

ސީޕްލޭންގެ ޚިދުމަތާއެކު ތޮއްޑޫ ރައްޔިތުންނަށް އާމްދަނީ ހޯދުމަށް އައު މަގުތަކެއް ހުޅުވިގެންދާނެކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ތޮއްޑޫގައި ސީޕްލޭންގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ތޮއްޑޫއަކީ ޒަމާނުއްސުރެ ދަތުރުފަތުރަށް ބަރޯސާވެފައިވާ ރަށެއް ކަމަށާއި، އެ ރަށުގެ ދަނޑުވެރިކަމުގެ އުފެއްދުންތައް އެހެން ހިސާބުތަކަށް ފޯރުކޮށްދިނުމުގައިވެސް މި ދާއިރާއިން ބޮޑު ދައުރެއް އަދާކުރާ ކަމަށެވެ. އަދި މިހާރު އެ ރަށުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ރަށު ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ ދަތުރުފަތުރުގެ ހިރާސްތައް ނައްތާލައިގެން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް ލިބިފައިވާ މައުލޫމާތު ގޯސްކަމުގައި ނުވާނަމަ މިވަގުތުވެސް 1800 ފަތުުރުވެރިން މި ރަށުގައި އެބަތިބި. ވުމާއެކު ދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖެހުމަކީ ވަަރަށްވެސް މުހިންމު ކަމެއް. މިހެންވެ މިރަށުގެ ރައްޔިތުންގެ އެދިވަޑައިގަތުމަށް ރައީސް މި ތާރީޚީ ކަން އިއުލާންކުރެއްވީ. ރައީސްގެ ރިޔާސީ ބަޔާނުގައިވެސް މިކަން ހިމެނުއްވީ ވަރަށްވެސް މުހިންމު ކަމަކަށް މިކަން ވާތީ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މި ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތޮއްޑޫ ރައްޔިތުންގެ އެދިލެއްވުމުގެ މަތިންނާއި، އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ހިމަނުއްވާފައިވާ މުހިންމު ސިޔާސަތެއްގެ ދަށުން ފެއްޓެވި ކަމެއް ކަމަށެވެ. އަދި މީގެ ސަބަބުން ތޮއްޑޫގެ ރައްޔިތުންނަށް އާމްދަނީ ހޯދުމުގެ އައު މަގުތަކެއް ކަށަވަރުވެގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"ތޮއްޑޫގެ ވަށައިގެން މި އޮންނަ ކަނޑަކީ ބައެއް ދުވަސްވަރަށް ވަރަށް ގަދަވާ ކަނޑެއް. އެ ގަދައިގެ ތެރޭގައި ދަތުރުކުރުމަކީ ވަރަށް އުނދަގޫކަމެއް. އޭގެ ސަބަބުން ދަތުރުފަތުރައް އެޅޭ ހުރަހަށް ވަރަށް ބޮޑު ހައްލެއް ލިބިގެންމިދިޔައީ. އެހެންވީމަ ތޮއްޑޫގެ ފަތުުރުވެރިކަމަށް މޫސުމީގޮތުން އަންނަ ބަދަލުތަކާ ގުޅިގެން އެއްވެސް ކަހަލަ ހީނަރުކަމެއް ނާންނާނެ އިންތިޒާމެއް އިރާދަކުރެއްވީތީ ހަމަޖެހިގެން މިިދިއައީ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުތަކާއި ފައްޓަވާފައިވާ މަޝްރޫއުތައް ކާމިޔާބުކަމާއެކު ނިންމަވާނެ ކަމުގެ ޔަގީންކަން އަރުވަމުންނެވެ. އަދި ތޮއްޑޫގެ ފަތުރުވެރިކަމަކީ ދިވެހި ސަގާފަތާއި އާދަކާދަތައް ކުރިއަރުވާ ނަމޫނާ ރަށަކަށް ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.