މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދު ބެލުމުގެ ރަސްމީ މަސައްކަތްތައް މި ހިނގާ ފެބްރުއަރީ މަހުގެ 17 ވާ އަންގާރަ ދުވަހު ކުރިޔަށްދާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ހާމަކުރައްވައިފިއެވެ.
ޑީޖޭއޭއިން މަޢުލޫމާތުދެއްވާ ގޮތުގައި، ހަނދު ބެލުމުގެ މަސައްކަތް އެ ދުވަހުގެ ހަވީރު 17:30 އިން ފެށިގެން ކުރިއަށް ދާނެއެވެ. މިކަމަށްޓަކައި މާލޭގައި ހުންނަ ޑީޖޭއޭގެ އިދާރާގެ އިތުރުން، އަތޮޅުތަކުގެ ކައުންސިލް އިދާރާތަކާއި، ރަށު ކައުންސިލްގެ އިދާރާތަކާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތައް އެ ވަގުތުގައި ހުޅުވާފައި ބެހެއްޓުމަށް ވަނީ ހަމަޖައްސަވާފައެވެ.
ހަނދު ފެނިގެން ހެކިބަސް ދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، މާލޭގައިނަމަ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅު މަތީގައި އަދި ރަށްރަށުގައިނަމަ މެޖިސްޓްރޭޓުންގެ ކުރިފުޅުމަތީގައި ހެކިބަސް ދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސަވާފައެވެ. މެޖިސްޓްރޭޓަކު ނެތް ރަށެއްނަމަ، އެ ރަށެއްގެ ކައުންސިލް ހިންގުމާ ޙަވާލުވެ ހުންނެވި އިސްވެރިޔަކަށް ހެކިބަސް ދެވޭނެ ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.
ހަނދު ފެނިގެން މަޢުލޫމާތު ދޭއިރު، ހަނދު ހުރި މިސްރާބާއި އުސްމިން ފަދަ މުހިންމު ތަފްސީލުތައް ހިއްސާކުރަން ޖެހޭނެއެވެ. ހަނދު ފެނިގެން ހެކިބަސް ދޭން އަންނަ ފަރާތްތަކުގެ ދަތުރުފަތުރުގެ ޚަރަދު ދައުލަތުން ހަމަޖައްސައިދޭ ގޮތަށް ވަނީ ނިންމަވާފައެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު 3340828 ނަންބަރަށް ގުޅައިގެން ސާފުކުރެވޭނެއެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މި މަހުގެ 18 ވާ ބުދަ ދުވަހެވެ.