ޚަބަރު

މާދަމާ ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފަށަނީ


  • ހަފުތާއަކު 2 ދަތުރު ކުރާނެ

  • އެންމެ ފަހުން ސީޕްލޭންގެ ޚިދުމަތް ފެށީ ވެލިދޫއަށް

މާދަމާ ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފެށުމަށް މޯލްޑިވިއަނުން ތައްޔާރުވެއްޖެއެވެ. މޯލްޑިވިއަނުން އެންމެ ފަހުން ސީޕްލޭންގެ ޚިދުމަތް ފަށާފައިވަނީ ނ. ވެލިދޫއަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އަތޮޅުތަކުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރަށްރަށުގެ ރައްޔިތުން ދަނީ ދަތުރުފަތުރު ފަސޭހަކުރުމަށްޓަކައި ބައެއް ރަށްރަށުގައި ސީޕްލޭންގެ ޚިދުމަތް ފަށައިދިނުމަށް އެދެމުންނެވެ. އަދި އެ ރަށްރަށުގައި ސީޕްލޭންގެ ޚިދުމަތްވެސް ދަނީ ފައްޓަވަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ، ރައީސް އެ ވިދާޅުވާ ތާރީޚުގައި އެރަށްރަށަށް މޯލްޑިވިއަނުން ސީޕްލޭންގެ ޚިދުމަތް ފަށަމުންދާކަމަށެވެ. އެންމެ ފަހުން ޚިދުމަތް ފެށީ ވެލިދޫގައެވެ. އަދި މިމަހުގެ 12 ވަނަ ދުވަހު ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ވިދާޅުވިއެވެ.

"މިމަހުގެ 12 ގައި ތޮއްޑޫއަށްވެސް ޚިދުމަތް އެބަ ފަށަން. އެކަމަށްވެސް ބޭނުންވާ ހުރިހައި ތައްޔާރީތަކެއް ވެފައިއޮތީ. އެހެންވީމަ ތޮއްޑޫގެ ޚިދުމަތްވެސް ވަރަށް އަވަހަށް ފެނިގެންދާނެ." ސަލީމް ވިދާޅުވިއެވެ.

ތޮއްޑޫއަށް މޯލްޑިވިއަންގެ ސީޕްލޭންގެ ޚިދުމަތް ހަފްތާއަކު 2 ދުވަހު ބާއްވާނެއެވެ. ސީޕްލޭންގެ ޚިދުމަތާއެކު ތޮއްޑޫގެ ފަތުރުވެރިކަމާއި އިޤްތިޞާދަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެއެވެ.

މޯލްޑިވިއަނުން ވިދާޅުވީ ސީޕްލޭންގެ ޚިދުމަތް އިތުރު ރިސޯޓްތަކަށް ފެށުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން ގެންދާކަމަށެވެ. އަދި މިހާރު ހުރި ބޯޓުތަކުން ދެވޭނެ އެންމެ ރަނގަޅަށް ރިސޯޓްތަކަށް ޚިދުމަތް ދެމުންދާކަމަށެވެ. އިތުރު ބޯޓުތައް ހޯދުނުހާ އަވަހަކަށް އިތުރު ރިސޯޓްތަކަށް އެ ކުންފުނިން ސީޕްލޭންގެ ޚިދުމަތް ފަށާނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.