ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ވިރާތު ކޯލީ އާއި ރީހިތް ޝަރުމާ ވެސްޓް އިންޑީޒްއާ ދެކޮޅަށް ކުޅޭ އިންޑިޔާގެ ގައުމީ ކްރިކެޓް ޓީމުގައި ހިމަނައިފި އެވެ.
އުމުރުން 39 އަހަރުގެ ރޯހިތް އާއި 37 އަހަރުގެ ވިރާތު މިހާރު ކުޅެނީ ހަމައެކަނި 50 އޯވަރުގެ އެއް ދުވަހުގެ މެޗުތަކުގައި އެކަންޏެވެ. ޓުވެންޓީ20 އާއި ޓެސްޓް މެޗުތަކުގައި މި ދެ ކުޅުންތެރިން ނުކުޅެ އެވެ. ވެސްޓް އިންޑީޒްއާ ދެކޮޅަށް ކުޅޭ ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ޝުބްމަން ގިލް އެވެ. މީގެ އިތުރުން އޯލް ރައުންޑަރު ރަވިންދްރަ ޖަޑެޖާ ވެސް ވަނީ ޓީމާ ގުޅިފަ އެވެ. އޭނާ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ މިދިޔަ ޖެނުއަރީ މަހު އެވެ. މި ކުޅުންތެރިންގެ އިތުރުން މީޑިއަމް ފޭސް ބޯލަރު އައުގިބް ނާބީ އާއި ބެޓިން އޯލްރައުންޑަރު ނަމް ދިރް އަށް ޓީމުން ޖާގަ ދީ ފުރަތަމަ ފަހަރަށް ގައުމީ ޖާޒީގައި ކުޅުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ކުރީގެ ކެޕްޓަން ރޯހިތް މި ފަހަރުގެ ޓީމަށް ނެގީ އޭނާގެ ފިޓްނަސް އާއި އެންމެ ފަހުން ކުޅުނު މެޗުތަކުގައި ދެއްކި ކުޅުމަށް ފާޑުކިއުން އަމާޒުވެ، ގައުމީ ޓީމުގެ ޖާގައާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދިފައިވަނިކޮށެވެ. އޭނާ އެންމެ ފަހުން އިންޑިޔާގެ ޓީމަށް ކުޅުނީ މިދިޔަ ޖުލައި މަހު އިނގިރޭސިންނާ ދެކޮޅަށެވެ.
ނަމަވެސް ވިރާތާއި ރޯހިތް މަސައްކަތް ކުރަމުންދަނީ އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕް ކްރިކެޓް މުބާރާތުގައި ކުޅޭ އިންޑިޔާ ޓީމުގައި ހިމެނުމަށެވެ. މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ވެސް އިންޑިޔާ އެވެ.