ޚަބަރު

ރަޝިއާގެ ކަޓެންގާ ބޭއަށް 200 ޓަނުގެ ތެޔޮ ބަންޑުންވެއްޖެ


ތޫފާނެއްގެ ސަބަބުން ރަޝިއާގެ އެކަހެރި ސަރަޙައްދެއް ކަމަށްވާ ސިންޑާސްކޯގައި ހުންނަ ޕަވަރ ޕްލާންޓެއްގައި ތެޔޮ ރައްކާކުރާ ޓޭންކުތަކަށް ގެއްލުން ލިބި، ރަޝިއާގެ އާކްޓިކް ސަރަޙައްދުގައި އޮންނަ ކަޓެންގާ ބޭއަށް ގާތްގަނޑަކަށް 200 ޓަނުގެ ޑީސެލް ބަންޑުންވެއްޖެއެވެ.

ރަޝިއާގެ ކަމާބެހޭ އިދާރާތަކުން ބުނީ ތެޔޮ ބަންޑުންވުމުގެ ސަބަބުން އެ ޤައުމުގެ ޓެއިމީރް ޑޮލްގަން-ނެނެޓްސް މުނިސިޕަލް ޑިސްޓްރިކްޓުގައި ކުއްލި ޙާލަތު އިޢުލާނުކޮށްފަައިވާ ކަމަށެވެ. ތިމާވެށި ހިމާޔަތް ކުރުމުގެ ޤަވާއިދުތަކާ ޚިލާފުވެފައިވާ ކަމަށް ބެލެވޭ ޙާލަތެއް ކުރިމަތިވެފައިވާތީ ޤާނޫނު ތަންފީޛު ކުރާ އިދާރާތަކުން ވަނީ އެ ހާދިޘާއާ ގުޅޭ ޖިނާޢީ ތަހުޤީޤެއް ވެސް ފަށައިފައެވެ.

އެންމެ ފުރަތަމަ ބެލެވުނީ ބަންޑުންވި ތެލުގެ މިންވަރަކީ 170 ޓަނު ކަމަށެވެ. ނަމަވެސް އެ ޢަދަދު 200އާ ގާތްކުރާ ކަމަށް ބުނެ އިދާރާތަކުން ފަހުން ވަނީ ޢަދަދު މުރާޖަޢާ ކޮށްފައެވެ.

ޓެއިމީރް މުނިސިޕަލްގެ އިސްވެރިޔާ އެލެކްސޭ ޝްލެނޮވް ވިދާޅުވީ ތެޔޮ ބަންޑުންވުމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ލިބިފައިވާ ކަމުގެ ފާޅުކަން ބޮޑު ނިޝާނެއް މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ. ގެއްލުން ލިބިފައިވާ މިންވަރު ދެނެގަތުމަށް ކުރަން ޖެހޭ ދިރާސާތަކާއި ތަހުލީލުތައް ކުރުަމަށްޓަަކައި ސާމްޕަލް އެއް ކުރުމަށް ތަޖުރިބާކާރުން ދަނީ އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންނެވެ.

ތެޔޮ ބަންޑުންވުމުގެ ސަބަބުން ސިންޑާސްކޯއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހުރަސް އެޅިފައެއް ނުވެއެވެ. އެކަހެރިކޮށް އޮންނަ އެ ސަރަޙައްދަށް 10 ދުވަހުގެ މުއްދަތަށް ކަރަންޓު ފޯރުކޮށްދެވޭ މިންވަރަށް ރިޒާވް ޓޭންކުތަކުގައި ތެޔޮ ރައްކާކޮށްފައި އެބަ ހުއްޓެވެ. އެ ސަރަޙައްދަށް ބޭނުންވާ އިތުރު ސާމާނު ވަރަށް އަވަހަށް ފޯރުކޮށްދެވޭނެ ކަމުގެ ޔަޤީން ކަން އިދާރާތަކުން ވަނީ އަރުވައިފައެވެ.