ޚަބަރު

ހަލާލް ޓޫރިޒަމަށް 3 ރަށެއް، ރިސޯޓު ތަރައްޤީކުރުމަށް 13 ފަޅެއް ބީލަމަށް


  • ހަލާލް ފަތުރުވެރިކަމަށް ހުޅުވާލާފައިވަނީ ހދ، ލ އަދި ސ އަތޮޅުން

  • ރިސޯޓު ތަރައްޤީކުރަން ހުޅުވާލީ ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކުން

ހަލާލް ޓޫރިޒަމް މޮޑެލަށް 3 ފަތުރުވެރިކަމުގެ ރިސޯޓު ތަރައްޤީކުރަން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ހުޅުވާލާއިފިއެވެ.

އެ ވުޒާރާއިން ވިދާޅުވީ ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން ހަލާލް ޓޫރިޒަމް މޮޑެލްއަށް ފަތުރުވެރިކަމުގެ ރިސޯޓު ތަރައްޤީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އަންނަ މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 9:00ގެ ކުރިން ބީލަން ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން ހަލާލް ޓޫރިޒަމް މޮޑެލްއަށް ފަތުރުވެރިިކަމުގެ ރިސޯޓު ތަރައްޤީކުރުމަށް 3 ތަނެއް ވަނީ ކަނޑައަޅުއްވާފައެވެ. އެއީ ހދ. މަކުނުދޫ ފަރުން ފަޅުގެ 200 ހެކްޓަރުގެ ސަރަހައްދަކާއި ލ. ފޮނަގާދޫ އަދި ސ. ދޮންހެރައާއި އެ ރަށާ ކައިރި 0.85 ހެކްޓަރުގެ ރަށެވެ.

މި ރަށްތަކަށް ބީލަން ހުށަހަޅާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް އަންނަ މަހުގެ ދެވަނަ ދުވަހުގެ ހެނދުނު 10:00ގައި މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި 1 މާރިޗު 2026 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް [email protected] އަށް ހުށަހެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ހަލާލް މޮޑެލަށް ފަތުރުވެރިކަމުގެ ރިސޯޓު ތަރައްގީ ކުރުމުގެ އިތުރުން 13 ސަރަހައްދެއްގައި ރިސޯޓު ތަރައްގީކުރުމަށްވެސް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ. މި ރިސޯޓުތައް ތަރައްގީކޮށް، ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 6ވަނަ ދުވަހުގެ ހެނދުނު 11:00 ގެކުރިން ބީލަން ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

ޓޫރިސްޓް ރިސޯޓް ތަރައްގީކުރަން ހުޅުވާލާފައިވާ ތަންތަން

  • ހއ. މާދުނި ފަރު 1 (200 ހެކްޓަރު)
  • ހއ. މާދުނި ފަރު 2 (200 ހެކްޓަރު)
  • ހއ. މާދުނި ފަރު 3 (200 ހެކްޓަރު)
  • ހއ. ކެލާ ފަޅު 1 (156.2 ހެކްޓަރު)
  • ހއ. ކެލާ ފަޅު 2 (169.3 ހެކްޓަރު)
  • ހދ. މަކުނުދޫ ފަރު 1 (200 ހެކްޓަރު)
  • ހދ. މަކުނުދޫ ފަރު 2 (200 ހެކްޓަރު)
  • ހދ. މާފަރު ފަރު 1 (200 ހެކްޓަރު)
  • ހދ. މާފަރު ފަރު 2 (200 ހެކްޓަރު)
  • ހދ. މާފަރު ފަރު 3 (200 ހެކްޓަރު)
  • ށ. ގޮނާފަރު 1 (200 ހެކްޓަރު)
  • ށ. ގޮނާފަރު 2 (200 ހެކްޓަރު)
  • ށ. ގޮނާފަރު 3 (200 ހެކްޓަރު)

މި ބީލަމާއި ގުޅޭ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް 2 މާރިޗު 2026 ވާ ހޯމަ ދުވަހު ދުވަހުގެ 11:00 ގައި ވަރޗުއަލްކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށާއި މި ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި 1 މާރިޗު 2026 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް [email protected] މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.