ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއް ރާއްޖޭގައި ބާއްވަމުންދާކަމަށްޓަކައި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ޠަލާލް ޝުކުރު އަދާކުރައްވައިފިއެވެ.
މާލޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ ކާވާ ވިމެންސް ލީގު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގައި ޠަލާލްވަނީ ވީއޭއެމްއިން އިސްނަގައިގެން ރާއްޖޭގައި ގިނަ ބައިނަލްއަގްވާމީ މުބާރާތްތަކެއް ބާއްވަމުން އަންނަކަށް ފާހަގަކުރައްވާފައެވެ. މިފަދަ މުބާރާތްތަކުގެ ސަބަބުން ރާއްޖޭގެ އެތުލީޓުންގެ ހުނަރަށް ބޮޑެތި ކުރިއެރުންތަކެއް އަންނަމުންދާކަން ހާމަކުރައްވާ ޠަލާލްވަނީ މިއީ އުފާވެރި މަންޒަރެއްކަމަށް ސިފަކުރައްވާފައެވެ. ވަކިން ޚާއްސަކޮށް ބައިނަލްއަގްވާމީ މައިދާނުގައި ވާދަކޮށް އަންހެން ޓީމުތަކުން ހޯދަމުންދާ ކުރިއެރުންތަކުން ދައްކުވައިދެނީ މިއީ އުޖާލާ މުސްތަގުބަލެއް އޮތް ކުޅިވަރެއްކަންކަމަށް ޠަލާލްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
"ވޮލީބޯލް އެސޯސިއޭޝަނުން މިދިޔަ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގައި ބައިނަލްއަގްވާމީ ވަރަށް ގިނަ މުބާރާތްތައްވަނީ ބާއްވާފަ. އަދި އަޅުގަނޑުހެންގެ ދިވެހި ކުޅުންތެރިންގެ ހުނަރު އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ވޮލީގައި މިފަދަ މުބާރާތްތަކުން ފެނިގެން އެބަދޭ. އޭގެ ތެރޭގައި ގިނަ މުބާރާތްތަކުން ޚާއްސަކޮށް އަންހެން ޓީމުތައް ފައިނަލާއި ހަމައަށް ދަތުރުކުރާކަން އަޅުގަނޑު ހަމަ އުފަލާއިއެކު ފާހަގަކޮށްލަން. ހަމަ އެކަމަށްޓަކައި އަދިވެސް އެއްފަހަރު ވޮލީބޯލް އެސޯސިއޭޝަނަށް، ވޮލީބޯޅަ ކުޅޭ އެންމެހާ ކުޅުންތެރިންނަށް އަދި ވޮލީ އާއިލާއަށް މަރުހަބާ ދަންނަވަން" ޠަލާލް ވިދާޅުވިއެވެ.
ރާއްޖޭގައި ބޭއްވޭ ބައިނަލްއަގްވާމީ މުބާރާތްތަކުގެ ސަބަބުން ރާއްޖޭގެ އެތުލީޓުންނަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާކަމަށް ޠަލާލް ވިދާޅުވިއެވެ. މިފަދަ ފުރުސަތުތަކަކީ ދިވެހި އެތުލީޓުންނަށް ލިބިގެންދާ ތަޖުރިބާތަކަކާއި ފިލާވަޅުތަކެއްކަމަށް ހާމަކުރައްވަމުން ޠަލާލްވަނީ ބައިނަލްއަގްވާމީ މުބާރާތްތަކުގެ ސަބަބުން ދުނިޔެއަށް ރާއްޖެ ހުޅުވިގެންދާކަމަށް ވިދާޅުވިއެވެ. އަދި މިފަދަ މުބާރާތްތައް ރާއްޖޭގައި ބޭއްވޭކަމީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބިގެންދާ ފަޚުރެއްކަމަށް ޠަލާލް ފާހަގަކުރެއްވިއެވެ.
"މިފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވޭކަމީ ރާއްޖެއަށް ލިބިގެންދާ ފަޚުރެއް. މުބާރާތުގެ ބައިވެރިންނަށް މަރުހަބާ ކިޔަން. ތިޔަ ބޭފުޅުން ރާއްޖޭގައި ބާއްވާ މިފަދަ މުބާރާތްތަކުގައި ވާދަކުރުމުގެ ސަބަބުން ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވުމަށް ހިތްވަރަކަށްވޭ. އުންމީދަކީ ކުރިއަށް އޮތްތަނުގައިވެސް ބައިނަލްއަގްވާމީ ކުޅުންތެރިން ރާއްޖެއަށް ޒިޔާރަތްކޮށް މުބާރާތްތަކުގައި ވާދަކުރުން. މިއީ ރާއްޖޭގެ ކުޅުންތެރިންނަށް ލިބިގެންދާ ފިލާވަޅުތަކެއް އަދި ތަޖުރިބާއަކަށްވޭ. އޭގެ އިތުރުން މިފަދަ މުބާރާތްތަކުގެ ސަބަބުން ބައިނަލްއަގްވާމީ ދުނިޔެއަށް ރާއްޖެ އަންނަނީ ހުޅުވެމުން" ޠަލާލް ވިދާޅުވެފަވެއެވެ.
ސްޕޯޓްސް ޓޫރިޒަމު ރާއްޖެއަށް ތަޢާރަފުވެ މަޑުމަޑުން ވައިގައި ހިފަމުން އަންނައިރު، ކާވާ ވިމެންސް ލީގުގައި ވާދަކުރަމުންދާ ބިދޭސީ ޓީމުތަކަށް ޠަލާލްވަނީ ރާއްޖޭގެ ތީރިކަން ދެކިލުމަށް ދަޢުވަތދެއްވާފައެވެ. ރާއްޖޭގެ ރީތިކަމަކީ ހުދު ދޮންވެލިން ޖަރީވެފައިވާ ގޮނޑުދޮށްތަކާއި، ނުލުގެ ސާލެއް ފަދަ މޫދާއި ކަނޑު އެކަނި ނޫންކަމަށާއި ރާއްޖޭގެ ހަގީގީ ރީތިކަމަކީ ދިވެހިންގެ ފަރާތުން ލިބިގެންދާ ލޯތްބާއި މެހެމާންދާރީކަމަށް ޠަލާލް ވިދާޅުވިއެވެ. އެހެންކަމުން މި އުފާވެރި ތަޖުރިބާ ކޮންމެ ކުޅުންތެރިއަކުވެސް ކޮށްލުމަށް ޠަލާލް އެދިވަޑައިގެންނެވިއެވެ.
"މިފުރުސަތުގައި އަޅުގަނޑު ތިޔަ ބޭފުޅުންނަށް ދަޢުވަތުދޭ ހިތްވޭ ރާއްޖޭގެ އެކި ރަށްތަކަށް ޒިޔާރަތްކޮށްލާ އަޅުގަނޑުމެންގެ ގައުމުގެ ރީތިކަން ދެކިލުމަށް. ދިވެހިންގެ މެހެމާންދާރީ ތަޖުރިބާކޮށްލާ، ދިވެހިންގެ މުއްސަނދި ސަގާފަތް ހަމަލޮލުން ދެކިލުމަށް. ރާއްޖޭގެ ރީތިކަމަކީ އަޅުގަނޑުމެންގެ ވެށިން ފެންނަމުންދާ އަޖައިބުތައް އެކަންޏެއް ނޫން. ރާއްޖޭގެ ރީތި ކަމަކީ ސާފު ހިތަކުން ރާއްޖޭގެ ރައްޔިތުން، މެހެމާނުންނަށް ކިޔަމުންދާ މެހެމާންދާރީ" ބިދޭސީ ކުޅުންތެރިންނާއި މުޚާޠަބުކުރައްވާ ޠަލާލް ވިދާޅުވިއެވެ.
ޠަލާލްގެ ވާހަކަ ނިންމަވާލައްވަމުންވަނީ ރާއްޖޭގެ ކުޅިވަރު ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކޮށްދެއްވަމުންދާ އަގުހުރި މަސައްކަތްޕުޅުގެ އަގުވަޒަންކުރައްވާ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިފަދަ ފުރުސަތުތައް ފަހިކޮށްދެއްވަމުންދާ ކަމަށްޓަކައި ވީއޭއެމްގެ އިސްވެރިންނަށްވެސް ޠަލާލް ޝުކުރު އަދާކުރެއްވިއެވެ.
ޠަލާލް ވިދާޅުވީ ވީއޭއެމްއިން އިސްނަންގަވައިގެން ރާއްޖޭގެ ފަސްގަނޑުގައި ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވުމުގެ ސަބަބުން ރާއްޖޭގެ އެތުލީޓުން ބައިނަލްއަގްވާމީ މައިދާނުގައި ވާދަކުރުމަށް ހޭނެމުންދާކަމަށާއި، ބޭރުގެ ޕްރޮފެޝަނަލް ރެފްރީންނާއި ޓެކްނިކަލް އޮފިޝަލުން ތަޖުރިބާކޮށްލަން ލިބި ކުޅުންތެރިންނަށް ބޮޑު ކުރިއެރުންތަކެއް އަންނާނެކަމަށް ގަބޫލުކުރައްވާކަމަށެވެ.
"މިފުރުސަތުގައި ރާއްޖޭގެ ކުޅިވަރު ތަރައްޤީއަށް ގިނަ މަސައްކަތްތަކެއްކޮށްދެއްވަމުންދާ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް ޝުކުރު ދަންނަވަން. ބައިނަލްއަގްވާމީ މުބާރާތް ރާއްޖޭގައި ބޭއްވުމަކީ އެމަނިކުފާނުގެ ތަސައްވުރެއް. މިކަމުގެ ސަބަބުން ރާއްޖޭގެ ކުޅުންތެރިންނަށް އެތައް ފުރުސަތުތަކެއް ފަހިވެގެންދޭ. ބައިނަލްއަގްވާމީ މައިދާނަށް ރާއްޖޭގެ އެތުލީޓުން ހޭނި، ބޭރުގެ ރެފްރީންނާއި ޓެކްނިކަލް އޮފިޝަލުންގެ ޕްރޮފެޝަނަލްކަން ތަޖުރިބާކޮށްލުމަށް ފުރުސަތު ލިބިގެންދޭ. މިފުރުސަތު ފަހިކޮށްދިނީތީ ވޮލީބޯލް އެސޯސިއޭޝަނަށާއި، މުބާރާތް އިންތިޒާމުކުރި ފަރާތްތަކަށް ޝުކުރު އަދާކުރަން" ޠަލާލް ވިދާޅުވިއެވެ.
ވީއޭއެމްއިން ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތްތައް ބާއްވަމުންދާތާ ވަނީ އަހަރުތަކެއްވެފައެވެ. އެގޮތުން މިދިޔަ އަހަރުވެސް ބައިނަލްއަގްވާމީ މުބާރާތްތަކެއް ރާއްޖޭގައި ކާމިޔާބުކަމާއިއެކު ނިންމާލިއިރު، މިއަހަރު ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތުގެ ޝަރަފުވެސް ހޯދާފައިވަނީ ވީއޭއެމްގެ އެހީތެރިކަމާއި އެކު މިހާރު ކުރިއަށްދާ ކާވާ ވިމެންސް ލީގުންނެވެ.