ހިތަދޫ ޕޯޓަކީ ދެކުނުގެ އިގްތިސާދީ މައިބަދަކަމަށާއި، ޕޯޓުގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން ވިޔަފާރިވެރިންގެ މައި ހަބަކަށް ވެގެންދާނެ ކަމަށް ހިތަދޫ ޕޯޓް ލިމިޓެޑްގެ ސީއީއޯ މުޙައްމަދު ރިޝްވާން ވިދާޅުވެއްޖެއެވެ. ސީއީއޯ މިހެން ވިދާޅުވީ، ހިތަދޫ ވިޔަފާރި ބަނދަރުގައި މުހިންމު ތިން ޚިދުމަތެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެޗްޕީއެލްގެ ސީއީއޯ މުޙައްމަދު ރިޝްވާން ވިދާޅުވީ، ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވުރުގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ފަރާތްތަކަކީ ހިތަދޫ އަދި ކުޅުދުއްފުށި ވިޔަފާރި ބަނދަރު ކަމަށެވެ. އެހެންކަމުން މިއަދު ހިތަދޫ ޕޯޓުގައި އިފްތިތާހުކުރެވިގެންދިޔަ ޑިއުޓީ ފްރީ ބޮންޑެޑް ޒޯނަކީ އޭގެ ސަބަބުން މިކަމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި މީގެ ސަބަބުން ހިތަދޫ ޕޯޓަކީ ދެކުނުގެ އިގްތިސާދީ މައި ހަބަކަށް ވެގެންދާނެ ކަމަށްވެސް ރިޝްވާން ވިދާޅުވިއެވެ.
ރިޝްވާންގެ ވާހަކަފުޅުގައި ޕޯޓުތަކުގެ ލޮޖިސްޓިކްސްގެ ޚިދުމަތް ފުޅާކުރުމުގެ މުހިންމު ކަމަށްވެސް އަލިއަޅުއްވާލެއްވިއެވެ.
"ބޭރު ގައުމުތަކުގައި މި މަސައްކަތް ކުރިއަށްދާއިރު އަޅުގަނޑުމެން ޖެހެނީ ކަނޑުދަތުރުފަތުރުގެ ނިޒާމު ގާއިމުކުރަން. އޭގެ އެންމެ މުހިންމު ކަމަކީ މާލޭ ބަނދަރަށް ގެނެވޭ ކާގޯ އުތުރާއި ދެކުނަށް ފޮނުވުން. މީގެ އިތުރުން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ އެގްރިކަލްޗާ މިނިސްޓްރީއާ ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޯލްޑް ސްޓޯރޭޖްތައް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން. މި މަސައްކަތްތަކުގެ ސަބަބުން އަތޮޅުތެރެއަށް ގެންދާ ކާގޯގެ އަގު ހެޔޮވެ، މުޅި ސަރަހައްދުގެ ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެ." ރިޝްވާން ވިދާޅުވިއެވެ.
އެކި ސަރަހައްދުތަކުގައި ޤާއިމުކޮށްފައިވާ ވިޔަފާރި ބަނދަރުތަކަށް އިތުރުކުރެވިގެންގޮސްފައިވާ ޚިދުމަތްތަކަށްވެސް ސީއީއޯ ރިޝްވާން އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރައީސްގެ ރިޔާސީ ވަޢުދުފުޅާއެއްކޮށް މާލޭ، ހުޅުމާލެ އަދި ޓީޖެޓީއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމަށް ތިލަފުއްޓަށް މައި ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ ފުރަތަމ ފިޔަވަހީގެ މަސައްކަތްތައްވެސް ފެށިގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ލޮޖިސްޓިކްސްގެ ޚިދުމަތްތައްވެސް ފެށިގެންގޮސްފައިވާ ކަމަށާއި، މި ހުރިހާ މަސައްކަތްތަކަކީވެސް އޭގެ ސަބަބުން ރާއްޖޭގެ ވިޔަފާރީގެ ނެޓްވޯކްތައް ގުޅާލުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅުތަކެއް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، އަމާޒަކީ 2027ވަނަ އަހަރުގެ ނޮވެމްބަރާ ހަމައަށްދާއިރު މި ހުރިހާ މަސައްކަތްތަކެއް ފުރިހަމަވެ، ރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގެ ނިޒާމު އެއްކޮށް ބަދަލުވެގެން ދިއުން ކަމަށްވެސް ރިޝްވާން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ހިތަދޫ ވިޔަފާރި ބަނދަރަށް މުހިންމު 3 ޚިދުމަތެއް މިވަނީ އިފްތިތާހުކުރެވިގެންގޮސްފައެވެ. މި ޚިދުމަތްތައް އިފްތިތާހުކޮސްދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދެވެ.
ހިތަދޫ ވިޔަފާރި ބަނދަރުގައި މިއަދު އިފްތިތާހުކުރެވިގެންދިޔަ 3 ޚިދުމަތަކީ ކާބޯތަކެއްޗާއި އަސާސީ މުދާ ޑިއުޓީ ފްރީކޮށް ބެހެއްޓޭނެ ޒޯންގެ ޚިދުމަތާއި، ބޮންޑެޑް ވެއަރހައުސްގެ ޚިދުމަތުގެ އިތުރުން، ބަލްކް ކާގޯ ފެސިލިޓީގެ ޚިދުމަތް ޤާއިމްކުރުމެވެ. މި ޚިދުމަތްތަކުގެ ސަބަބުން ހިތަދޫގެ އިތުރުން ދެކުނުގެ އަތޮޅުތަކަށްވެސް އިޤްތިޞާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.