ޚަބަރު

ނިއުޒިލެންޑުގެ ވައިޓަންގީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި


  • ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވި

ނިއުޒިލެންޑުގެ ވައިޓަންގީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ނިއުޒިލެންޑުގެ ވައިޓަންގީ ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ގަވަރުނަރު ޖެނެރަލް ޑޭމް ސިންޑީ ކީރޯ އާއި ބޮޑުވަޒީރު ކްރިސްޓޮފަރ ލަކްސަން އަދި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވައިޓަންގީ ދުވަހަކީ ޤައުމުގެ އެއްބައިވަންތަކަމާއި ތަރައްގީއަށްޓަކައި ސިންދަފާތު މުޖުތަމަޢެއް ބަލައިގަތުން ފާހަގަކުރާ ދުވަހެއްކަމަށެވެ. އަދި އެ ޤައުމަށް ހަމަޖެހުމާއި ލާބަޔާއި މަންފާއަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއާއި ނިއުޒިލެންޑާ ދެމެދު ގާއިމުކޮށްފައިވާ ގާތް ގުޅުން ކުރިއަށް އޮތްތަނުގައިވެސް ދެ ޤައުމަށް ފައިދާވާނެ ކަންކަމުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ނިއުޒިލެންޑުން ވައިޓަންގީ ދުވަސް ފާހަގަކުރަނީ 1840ވަނަ އަހަރު އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އާއި ނިއުޒިލެންޑުގެ މައުރީ ނަސްލުގެ މީހުންނާމެދު އެ ޤައުމުގައި އިނގިރޭސިވިލާތުގެ ސިޔާދަތީ ބާރު ގާއިމުކުރުމަށް އެއްބަސްވުމުގައި ސޮއި ކުރި ދުވަހާ ގުޅުވައިގެންނެވެ. ނިއުޒިލެންޑުގެ ޤައުމީ ދުވަހުގެ ގޮތުގައިވެސް ފާހަގަކުރާ މި ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ 1934 ގައެވެ.