ރާއްޖޭގެ އިޤްތިޞާދުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އޮތް ފުރުޞަތުތައް ފުޅާކުރުމުގެ ގޮތުން، އައްޑޫ ސިޓީއަކީ ރާއްޖޭގެ އައިޓީ ހަބެއްގެ ގޮތުގައި ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.
މިކަން އިޢުލާން ކުރެއްވީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ އިންވެސްޓްމެންޓުތަކަށް ހިތްވަރު ދިނުމުގެ ގޮތުން ރާއްޖޭގެ ވަކި ސަރަހައްދުތަކެއް ކަނޑައަޅައި، އެ ތަންތަނުގައި ވިޔަފާރިކުރާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މިފަދަ ސަރަހައްދެއްގެ ގޮތުގައި އައްޑޫ ސިޓީ ކަނޑައަޅާ ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"އެންމެ ފުރަތަމަ ހުޅުވާލާނެ ސަރަހައްދުތަކަކީ އައްޑޫ ސީޓީ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫ ހިމެނޭހެން، އައްޑޫ އަތޮޅަކީ 1 ޖަނަވަރީ 2027 ފެށިގެން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ގިނަ ލުއިތަކެއް ލިބޭނެ ސަރަހައްދެއްގޮތުގައި ކަނޑައެޅުމަށް ނިންމާފައިވާކަން އިއުލާންކުރަން. މީގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާވެ ކުރިއަރައި، އެތައް ވަޒީފައެއް އުފެދި، އައްޑު އަތޮޅަށާއި މުޅި ރާއްޖެއަށްވެސް އިޤްތިސާދީގޮތުން އެކިއެކި މަންފާތައް ކުރާނެ. މި ފުރުސަތުގެ ބޭނުންކޮށް އައްޑު އަތޮޅަކީ ރާއްޖޭގެ އައިޓީ ހަބްގެ ގޮތުގައި ހެދުމަށް އެކަމަށް ޝައުގުވެރި ހުރިހާ ފަރާތްތަކަށް ދިވެހި ސަރުކާރުން ފުރުސަތުދެން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މި ސިޔާސަތުތަކާއެކު މިއަހަރަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރަށް ވެގެންދާނެ ކަމަށާއި، ދެމެހެއްޓެނިވި އިޤްތިޞާދެއް ބިނާކުރުމަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"މި ސިޔާސަތުތައް ތަންފީޒުކުރުމަށް މިދިޔަ އަހަރު ކުރި މަސައްކަތްތަކަށް ރިއާޔަތްކޮށްވެސް މިއަހަރުވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް. އަދި މިއާއެކު މިއަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ އަހަރަށް ވެގެންދާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ވިޔަފާރިވެރިންނަށް ހުރި ދަތިތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުން ކުދި ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 1 ބިލިޔަން ޑޮލަރު މިހާރު ދައްކާފައިވާ ކަމަށެވެ. މީގެ އިތުރުން، އެއަރޕޯޓުން މުދާ ކްލިއަރ ކުރާ ވަގުތު 124 ގަޑިއިރަށް އިތުރުކޮށް، ޑެމަރޭޖް ފީ ނުނަގާ ބަނދަރުގައި މުދާ ބެހެއްޓޭ މުއްދަތު 10 ދުވަހަށް ވަނީ އިތުރުކޮށްފައެވެ. އަދި ޑެމަރޭޖް ފީ އާއި ފްރައިޓް ޗާޖް ދިވެހި ރުފިޔާއިން ދެއްކޭ ގޮތަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.
މީގެ އިތުރުން، ކެފޭތަކުން ނަގާ ފީތަށްވެސް 50 އިންސައްތަ ދަށް ކުރެވިފައި ވާއިރު، 20 ކޯޓައަށްވުރެ ގިނަ ބިދޭސީ ކޯޓާ ގެންގުޅޭ ވިޔަފާރިތަކަށް މިއަހަރުގެ މާރިޗުމަހުން ފެށިގެން އެ ކޯޓާވެސް ނުނެގުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމަމިއާއެކު، ޕޭޕަލް، އަލީބާބާ އަދި ސްވައިޕްގެ ތެރެއިންވެސް މާލީ ބާރުވެރިކަމެއް ލިބޭނެ ފުރުސަތުތައް ފަހިކޮށްދީފައިވާއިރު، އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލިބޭނެ އިންތިޒާމުވެސް މިހާރު ހަމަޖައްސާފައިވާ ކަމަށްވެސް އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވިއެވެ.
ހަމަމިއާއެކު، ބީސީސީ އިމާރާތަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވާ، މި އިމާރާތް މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.