ޚަބަރު

ކެންސަރު ބައްޔަށް ޚާއްޞަ ސެންޓަރުގެ މަސައްކަތް ފަށަނީ


  • މިތަން ހަދަނީ ރޭޑިއޭޝަނަށް ޚާއްޞަ ޗެމްބަރަކާއެކު

  • މި ސެންޓަރާއެކު ކެންސަރުގެ ފަރުވާ އިތުރަށް ހަރުދަނާވާނެ

ކެންސަރު ބައްޔަށް ޚާއްސަ ސެންޓަރުގެ ޢަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސެންޓަރާއެކު ކެންސަރު ބަލި ދެނެގަނެ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެކަމަށެވެ.

ސިއްޙީ ދާއިރާއިން ސަރުކާރުން މިއަހަރު ކުރުމަށް ހަމަޖެހިފައިވާ ކަންކަން ޢިއުލާންކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިއަހަރުގެ މެދުތެރޭގައި ކެންސަރު ބައްޔަށް ޚާއްސަ ޑައިގްނޯސްޓިކް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ. އަދި މިސެންޓަރު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި މިވަގުތު ކެންސަރުގައި ރާއްޖޭގައި ނުދެވޭ ހަމައެކަނި ފަރުވާ ކަމުގައިވާ ރޭޑިއޭޝަނަށް ޚާއްސަ ޗެމްބަރަކާ އެކުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

"ކެންސަރު ބައްޔަށް ފަރުވާދިނުމަށް ބޭނުންވާ ރޭޑިއޭޝަން ޗެމްބަރެއް ޤާއިމުކުރުން ހިމެނޭހެން ޑައިގްނޯސްޓިކް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށިގެންދާނެ." ރައީސް ވިދާޅުވިއެވެ.

ކެންސަރު ބައްޔަށް ފަރުވާ ދިނުމަށް ޚާއްސަ ހޮސްޕިޓަލެއް ޤާއިމުކުރުމަށް ހުޅުމާލެއިން ބިމެއް ހަމަޖެހިފައިވާކަމަށް ސަރުކާރުންވަނީ މީގެކުރިން ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، މިއަހަރު މާލެ ސަރަޙައްދުގައި ސިއްޙީ ދާއިރާއިން ފެށޭނެ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ވިލިމާލޭގައި ޤާއިމުކުރާ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް ހިމެނޭކަމަށެވެ. އަދި، ހުޅުމާލެ ފޭސް 2 ގައި 500 އެނދުގެ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް ޤާއިމްކުރުމުގެ މަސައްކަތް މިއަހަރުގެ މެދު ތެރޭގައި ފެށޭނެކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ރައީސްގެ ރިޔާސީ ބަޔާނުގައި ވަނީ ހުޅުމާލޭ ހޮސްޕިޓަލުގެ ތަރައްޤީއަށްވެސް މުހިންމު މަސައްކަތްތަކެއް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ހުޅުމާލެ ހޮސްޕިޓަލުގެ އެކްޓެންޝަންގެ ގޮތުގައި 250 އެނދުގެ މަލްޓި-ސްޕެޝަލްޓީ ޓާޝަރީ ހޮސްޕިޓަލެއް ބިނާކުރުމުގެ މަސައްކަތް މިއަހަރު މެދު ތެރޭގައި ފެށޭނެކަން އެމަނިކުފާނު އިޢުލާންކުރެއްވިއެވެ. އަދި އިތުރު އެމް.އާރް.އައި މެޝިނަކާއި، ޔޫރޯޑައިނަމިކް ޚިދުމަތާއެކު ޔޫރޮލޮޖީގެ ޚިދުމަތް ފެށުމާއި، އެންޑޯސްކޯޕީ ސުއީޓަކާއެކު ގޭސްޓްރޯއެންޓްރޮލޮޖީގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ. އަދި އޯ.ޕީ.ޑީ އަދި އީ.އީ.ޖީ ޚިދުމަތް ހިމެނޭހެން ނިއުރޮލޮޖީގެ ޚިދުމަތް ފެށުމާއި ސީ.އެކްސް.އެލް ސާޖަރީ ތަޢާރަފުކޮށް، އޮފްތަލްމޮލޮޖީ ޚިދުމަތް ފުޅާކުރުމާއި ޑެންޓަލް ލެބޯޓްރީއެއް ހުޅުމާލޭ ހޮސްޕިޓަލުގައި ޤާއިމުކުރުން މިއަހަރު ތެރޭގައި ކުރިއަށްދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.