ޚަބަރު

"ކެންސަރު ބަލީގެ މީހުންނަށް އޯގާތެރިކަމާއި އަޅާލުން ލިބޭފަދަ މާޙައުލެއް ޔަގީންކޮށްދޭންޖެހޭ"


  • ކެންސަރުގެ ވޭން ތަޙައްމަލުކުރި ފަރާތްތަކުގެ ވާހަކަތައް އޯގާތެރިކަމާއެކު ބަލައިގަންނަންޖެހޭ

ކެންސަރާ މެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، ކެންސަރު ބަލި ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް އޯގާތެރި އަޅާލުން ލިބޭ ފަދަ މާޙައުލެއް ޤާއިމުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.

ދުނިޔޭގައި މިއަދު ފާހަގަކުރަމުންދާ ކެންސަރު ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި ވިދާޅުވީ، ކެންސަރު ބަލި ތަޙައްމަލުކުރަމުންދާ ފަރާތްތަކާއި އަދި ބަލިން އަރައިގަނެފައިވާ ފަރާތްތަކާއި ސިއްޙީ އެހީތެރިންނާއި ޢައިލާތަކާއި ކެންސަރުގެ ސަބަބުން އަސަރުކޮށްފައިވާ ކޮންމެ މީހަކާއެކުގައި ސާބިތުކަމާއެކު ތިބިކަން މިއަދު ހާމަކޮށްދޭންޖެހޭކަމަށެވެ. އަދި ކެންސަރު ބައްޔާއި ކުރިމަތިލީ އެއްވެސް ދެމީހެއްގެ ތަޖުރިބާއާއި ވޭން އެއްގޮތް ނޫންކަން ޤަބޫލުކުރާ ޙާލު މިބަލީގެ ވޭން އުފުލި ފަރާތްތަކާއި ޢާއިލާތަކުގެ ކެތްތެރިކަމާއި އެފުފުލި ތަކުލިފު އޯގާތެރިކަމާއެކު ބަލައިގަންނަންޖެހޭކަން އެކަމަނާ ވިދާޅުވިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވަނީ ކެންސަރު ބައްޔާ މެދު ހޭލުންތެރިކަން އިތުރުކޮށް، ކެންސަރު ތަޙައްމަލު ކުރަމުންދާ ފަރާތްތަކާއި ޢާއިލާތަކަށްވެސް އޯގާތެރިކަމާއި އަޅާލުން ލިބޭނެފަދަ ގޮތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ މާޙައުލެއް ޤާއިމުކޮށްދެއްވުމަށް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ. އަދި މުސްތަޤުބަލަކީ ކެންސަރުގެ ބިރުވެރިކަމުގެ ސަބަބުން ދިރިއުޅުން ހުއްޓުމަކަށް އަންނަ ކަމެއްގެ ބަދަލުގައި އެންމެގެ އެހީތެރިކަމާއެކު އެބަލި ތަޙައްމަލުކުރަމުންދާ މީހުންގެ ދިރިއުޅުން އުޖާލާކުރެވޭނެ މަގެއް ހޯދުމުގެ މުހިއްމުކަމުގެ މައްޗަށް އެކަމަނާވަނީ ބާރުއަޅުއްވާފައެވެ.

ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހަކީ ދުނިޔޭގައި ފާހަގަކުރާ ކެންސަރު ބަލީގެ ދުވަހެވެ. މުޖުތަމަޢުގައި ކެންސަރު ބަލި ގިނަވެފައިވާއިރު ބައްޔާމެދު ހޭލުންތެރިކަން އިތުރުކުރުކޮށް ދުރާލާ ބަލިން ރައްކާތެރިވެވޭނެ މަގުފަހިކުރުމަށްދަނީ މަސައްކަތް ކުރަމުންނެވެ. ހަމައެއާއެކު ދުރާލާ ބަލި ޖެހިފައިވާކަން ދެނެގަނެވޭނެ އިންތިޒާމު ހަމަޖައްސާ ބަލީގެ ފަރުވާ މާލެއާއި އަތޮޅުތަކުގައި ފުޅާކުރުމަށްވެސްދަނީ މަސައްކަތް ކުރަމުންނެވެ.