ކެންސަރުބަލީގެ ފަރުވާ އަތޮޅުތަކުގައި ފެށުމަކީ ޤައުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލައަގުވާމީގޮތުން ފާހަގަކުރާ ކެންސަރު ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދުނިޔޭގެ ކެންސަރު ދުވަސް ފާހަގަކުރާއިރު އެ ބަލިން ސަލާމަތްވެފައިވާ މީހުންނާއި ބައްޔާ ހަނގުރާމަ ކުރަމުންދާ މީހުން ދައްކަމުންދާ ހިތްވަރު ފާހަގަކުރައްވާ ކަމަށެވެ. އަދި ކޮންމެ އަހަރަކުވެސް ކެންސަރު ބަލީގައި އެތައް ބަޔަކު އަޅުގަނޑުމެންނާ ވަކިވެގެންދާއިރު ކެންސަރާ ގުޅިގެން އާންމުން ހޭލުންތެރިކުރުމާއި ކެންސަރު ޖެހުން މަދުކުރުމަށް ފިޔަވަޅު އެޅުމާއި ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްކަން ހަނދުމަކުރަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދާދިފަހުން ރ. އުގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ކީމޯތެރަޕީގެ ޚިދުމަތް ފެށުމަކީ ކެންސަރު ބައްޔާ ގުޅޭގޮތުން ކުރަމުން އަންނަ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެެރުމެއް ކަމަށެވެ. އަދި މިއީ ޒަމާންތަކެއްވަންދެން މާލެއިން އެކަނި މިފަދަ ޚިދުމަތްތައް ލިބުން ނިމުމަކަށް އައިސް އަތޮޅުތަކުގައިވެސް އެ ޚިދުމަތް ފުޅާކުރެވި، އެތައް ބަޔަކަށް އޭގެ ސަބަބުން މާލީ ގޮތުންނާއި ނަފްސާނީގޮތުންވެސް ލިބިގެންދިޔަ ލުއިތަކެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
As we mark #WorldCancerDay, we honour survivors and everyone currently fighting cancer, whose courage continues to inspire us. Each year, cancer claims many brave lives, reminding us of the urgent need for greater awareness, prevention, and collective action to support those… pic.twitter.com/qDPURh7123
— Dr Mohamed Muizzu (@MMuizzu) February 4, 2026
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ޚިދުމަތް ސަރުކާރުން ފަށާފައިވަނީ މިދިޔަ ޖެނުއަރީ މަހުގައެވެ. މިއީ މާލެއިން ބޭރުން ރާއްޖޭގައި ކީމޯ ތެރަޕީގެ ޚިދުމަތް ފެށި 4 ވަނަ ހޮސްޕިޓަލެވެ.
ރާއްޖޭގައި ކެންސަރު ޖެހިފައިވާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ އެ މީހުންނަށް އުއްމީދު އައުކޮށްދިނުމުގައި ސިއްޙީ ޚިދުމަތްތެރިންނާއި އިޖުތިމާޢީ މަސައްކަތްތައް ކުރައްވާ ޖަމިއްޔާ ޖަމާއަތްތަކުން ކުރާ ބުރަ މަސައްކަތް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ބައިނަލްއަގުވާމީ ގޮތުން ކެންސަރު ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 4ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ ކެންސަރު ބައްޔަށް އާންމުން ހޭލުންތެރިކޮށް، އެ ބަލިން ރައްކާތެރިވުމަށާއި ކެންސަރު ޖެހިފައިވާ ފަރާތްތަކަށް ދޭ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ބާރު އެޅުމުގެ ގޮތުންނެވެ.
އާސަންދައިގެ ތަފާސްހިސާބަށް ބަލާއިރު ރާއްޖޭގައި އެންމެ ގިނަ މީހުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން އެދޭ ދާއިމީ އެންމެ ބޮޑު ބައްޔަކީ ކެންސަރު ބައްޔެވެ. އެހެންކަމުން ރާއްޖޭގައި ކެންސަރަށް ދޭ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.