ޚަބަރު

ސައިބަރ ސެކިއުރިޓީން 15 ދިވެއްސަކު އޮސްޓްރޭލިއާއިން ތަމްރީނުވެއްޖެ


  • މި ތަމްރީން ގެންދިޔައީ މިދިޔަމަހުގެ 19 އިން މިމަހުގެ 3 އަކަށް

  • ހުރިހާ ޚަރަދެއް ހަމަޖެއްސީ އޮސްޓްރޭލިއާ އެވޯޑްސް 2026 ގެ މާލީ އެހީގައި

ދިވެހި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް މަގުފަހިކުރުމަށް، ސައިބަރ ސެކިއުރިޓީ އެންޑް ރެޒިލިއެންސްގެ ދާއިރާއިން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި އިދާރާތަކުން 15 ދިވެހިން ތަމްރީނު ހާސިލުކޮށްފިއެވެ.

މިދިޔަ ޖަނަވަރީ މަހުގެ 19 އިން ފެބުރުވަރީ މަހުގެ 3 އަކަށް އޮސްޓްރޭލިއާގައި ކުރިއަށްގެންދިޔަ ސައިބަރ ސެކިއުރިޓީ އެންޑް ރެޒިލިއަންސް ފެލޯޝިޕް ޕްރޮގްރާމް ފުރިހަމަކޮށް ބައިވެރިން ރާއްޖެ އައިސްފައިވަނީ ރޭގެ ވަގުތެއްގައެވެ.

މި ފެލޯޝިޕް ޕްރޮގްރާމް ހިންގާފައިވަނީ، ސައިބަރ ސެކިއުރިޓީ އެޑިޔުކޭޝަން އެންޑް ރިސާޗުގެ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގައި މަތީ ވަނަތަކެއް ހާސިލުކޮށްފައިވާ ވެސްޓަރން އޮސްޓްރޭލިއާގެ އެޑިތު ކޯވަން ޔުނިވަސިޓީ (އީ.ސީ.ޔޫ.) އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ގުޅިގެންނެވެ. މި ޕްރޮގްރާމްގެ ހުރިހާ ޚަރަދެއް ހަމަޖައްސަވާފައިވަނީ އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް (ޑީ.އެފް.އޭ.ޓީ.) ގެ އޮސްޓްރޭލިއާ އެވޯޑްސް 2026 ގެ މާލީ އެހީގައެވެ.

ފެލޯޝިޕްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އިބްރާހީމް ލަޠީފް, ޑީ.ސީ (ރޓ)، ލޓކލ (ރޓ) ވަނީ ކީނޯޓް ސްޕީކަރެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި އީ.ސީ.ޔޫ.ގެ ވައިސް ޗާންސެލަރގެ އިތުރުން ޑީ.އެފް.އޭ.ޓީ.ގެ ޑިރެކްޓަރެއް ވެސް ބައިވެރިވަޑައިގެންފައިވެއެވެ. މީގެ އިތުރުން، މި ފެލޯޝިޕްގެ ބައިވެރިންނަށް ވެސްޓަރން އޮސްޓްރޭލިއާގެ ގަވަރނަރ އޮނަރަބަލް ކްރިސް ޑޯސަން ވަނީ 22 ޖަނަވަރީގައި ރިސެޕްޝަނެއް ބާއްވާފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކަށް އެޑްވާންސް ސައިބަރ ގަވަރނަންސް، ޑިޖިޓަލް ރިސްކް މެނޭޖްމަންޓް، އިންސިޑެންޓް ރެސްޕޮންސް ކޯޑިނޭޝަން އަދި ރެސިލިއަންސް ޕްލޭނިންގ ފަދަ މުހިއްމު ދާއިރާތަކުން ވަނީ އިލްމު އުގެނި، ތަޖުރިބާ ލިބިފައެވެ. އަދި މުއައްސަސާއަކަށް ސައިބަރ ހަމަލާއެއް އަތުވެއްޖެނަމަ އަމަލުކުރާނެ ގޮތް ދެނެގަތުމަށް ޓޭބަލް ޓޮޕް އެކްސަސައިޒެއް ވެސް ވަނީ ކުރިޔަށް ގެންދަވާފައެވެ.

މި ފެލޯޝިޕްއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް 2.0" ވިޜަންގެ ދަށުން ސަރުކާރުގެ ޑިޖިޓަލައިޒޭޝަން އެޖެންޑާ ކުރިއެރުވުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަން ސަރުކާރުން ފާހަގަކުރައްވައެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ސައިބަރ ސެކިއުރިޓީ ދާއިރާގެ މާހިރުންގެ ތައުލީމާއި ތަޖުރިބާ މުޅި ރާއްޖޭގައި އިތުރަށް ހަރުދަނާވެގެންދާނެކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.