ޚަބަރު

މާވަށުގައި 8 ހެކްޓަރުގެ ބިން ހިއްކާ ނިމިއްޖެ


  • އެރަށުގައި ޖުމްލަ 30ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވޭ

  • ހިއްކާ ސަރަޙައްދުގައި އެންމެ ފުރަތަމަ ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ހައުސިން މަޝްރޫޢެއް

  • ރަށުގެ ޒުވާނުން އެދޭ ފަދަ ފުޓުބޯޅަ ދަނޑެއްވެސް ތަރައްޤީކުރުމަށްވަނީ ނިންމާފައި

ލ. މާވަށުގެ ބިންހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު މިހާތަނަށް 8 ވަރަކަށް ހެކްޓަރު ހިއްކާ ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ވިދާޅުވެއްޖެއެވެ. އެރަށުގައި 30 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ނިންމާފައެވެ.

އާބާދީގައި 2200 މީހުން ދިރިއުޅެމުން އަންނަ ލ.މާވަށަކީ ބިމުގެ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ރަށެކެވެ. ރަށު ކައުންސިލުން ވިދާޅުވާ ގޮތުގައި އެރަށުގައި އެއްވެސް ކަމަކަށް ދޫކުރާނެ ބިމެއް ނެތެވެ. ދިރިއުޅުމަށް އެންމެ ފަހުން ބިން ދޫކޮށްފައިވަނީ މީގެ 20 އަހަރުކުރިންކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި މަވަށަށް ވަޑައިގަތުމުން އެރަށު ރައްޔިތުންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ ދަތިކަމުގެ ޝަކުވާއެވެ. އެރަށުގައި ސަރުކާރުން އެންމެ ފުރަތަމަ ނިންމީ 15 ހެކްޓަރުގެ ބިން ހިއްކާށެވެ. ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުން އޮތް މިންވަރު ބެއްލެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާވަނީ އިތުރު 15 ހެކްޓަރު އިތުރުކޮށްދެއްވާ، ޖުމްލަ 30 ހެކްޓަރުގެ ބިން މާވަށުގައި ހިއްކުމުގެ މަސައްކަތް ކުރުމަށް ނިންމަވާފައެވެ.

މިމަޝްރޫޢުގެ ދަށުން މާވަށުގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އެމްޓީސީސީން އެރަށުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްގެންދާއިރު، ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާވަށު ކައުންސިލްގެ ރައީސް އަޙްމަދު މޫސާ ވިދާޅުވީ، ބިން ހިއްކުމުގެ މަސައްކަތް 24 ގަޑިއިރު މިހާރު ކުރިއަށްގެންދާކަމަށެވެ. އެގޮތުން ގާތްގަނޑަކަށް 8 ވަރަކަށް ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިމިފައިވާކަމަށް ކައުންސިލް ރައީސް އަންދާޒާކުރައްވައެވެ.

މާވަށު ބިން ހިއްކުމުގެ މަޝްރޫޢު ނިމުމުން އެސަރަޙައްދުގެ ލޭންޑް ޔޫސް ޕްލޭން ހެދުމަށްފަހު އެންމެ އިސްކަމެއް ދިނުމަށް ހަމަޖެހިފައިވަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް އެސަރަޙައްދުގައި ކުރިއަށްގެންދިޔުމަށެވެ. އެގޮތުން އެންމެފަހުން ރައީސް އެރަށަށް ކުރެއްވި ދަތުރުފުޅުގައި އަލަށް ހިއްކާ ސަރަޙައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ކުރިއަށްގެންދަވާނެކަމަށާއި އެސަރަޙައްދުގައި ބޮޑު ފުޓުބޯޅައަށް ޚާއްސަ ދަނޑެއް ތަރައްޤީކޮށްދެއްވާނެކަމަށްވަނީ ވިދާޅުވެފައެވެ.

މިމަސައްކަތް ނިމިގެންދާއިރު އެސަރަޙައްދުގައި މާވަށުގެ ރައްޔިތުން މޫދަށް އެރިލާނެ ސަރަޙައްދެއްވެސް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. ރާއްޖޭގެ އެހެން ރަށްރަށާއި ޚިލާފަށް މޫދަށް އެރިލާނެ ސަރަޙައްދެއް ނެތް މާވަށުގެ ރައްޔިތުންގެ ދުޅަހެޔޮކަމަށް އެއީ މުހިއްމުކަމެއްގެ ގޮތުގައި ކައުންސިލުން ފާހަގަކުރައްވައެވެ.