ކުޅިވަރު

މެޑައްޔެއް ހޯދުމުގެ އަމާޒުގައި ރާއްޖޭގެ ނެޓްބޯޅަ ޓީމު އޭޝިއާ ކަޕަށް


  • މުބާރާތުގައި ރާއްޖެ ހިމެނޭހެން ދެން ވާދަކުރަނީ ހޮންގކޮންގާއި، ޖަޕާންގެ އިތުރުން މެލޭޝިއާ

  • މެންސް އޭޝިއާ ކަޕު ކުރިއަށްދާނީ މިމަހުގެ 5 އިން 8ގެ ނިޔަލަށް

މެޑައްޔެއް ހޯދުމުގެ އަމާޒުގައި އޭޝިއާ ކަޕުގައި ވާދަކުރުމަށް ފިރިހެނުންގެ ޤައުމީ ނެޓްބޯޅަ ޓީމު ޗައިނާއަށް ފުރައިފިއެވެ. ހޮންގކޮންގުން އިންތިޒާމުކުރާ މިމުބާރާތުގެ ކުޅުން ކުރިއަށްދާނީ މިމަހުގެ 5 އިން 8ގެ ނިޔަލަށެވެ.

މިއީ މިސަރަހައްދުގައި ފިރިހެނުންނަށް ޚާއްސަކޮށްގެން ބާއްވާ ފުރަތަމަ ނެޓްބޯޅަ މުބާރާތެވެ. ޕީއެސްއެމްއާ ވާހަކަ ދައްކަމުން ނެޓްބޯޅަ ޓީމުގެ މެނޭޖަރ މުޙައްމަދު ވަޙީދު ބުނީ މިފަދަ މުބާރާތެއްގައި ރާއްޖެއިން ބައިވެރިވުމަކީ ރާއްޖޭގެ ނެޓްބޯޅައަށް ލިބޭ ޝަރަފެއްކަމަށާއި މިމުބާރާތުގެ ސަބަބުން ނެޓްބޯޅައަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ގަބޫލުކުރާކަމަށެއެވެ. ޓީމާއެކު ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެ ވަހީދު ބުނީ ނެޓްބޯޅައަކީ މިހާރު ފިރިހެނުންގެ މެދުގައިވެސް މަގުބޫލު ކުޅިވަރެއްކަމަށާއި އެހެންނަމަވެސް މިއީ އޭޝިއާގައި ބާއްވާ މިފަދަ ފުރަތަމަ މުބާރާތްކަމަށެވެ. މުބާރާތުގައި ވާދަކޮށް ރަން ވަނައެއް ހޯދުމަށް ކުޅުންތެރިންތިބީ ޖޯޝާއި ފޯރީގައިކަމަށް ވަހީދު ބުންޏެވެ.

"މި ސަރަހައްދުގައި އަލަށް މިފަދަ މުބާރާތެއް މިބާއްވަނީ. އެޝަރަފު އަޅުގަނޑުމެންނަށް ލިބިގެންދާނެ ބައިވެރިވާ ޓީމުތަކުގެ ތެރޭގައި. އޭގެ ތެރެއިން ޓީމެއްކަމުގައި ރާއްޖެވުމަކީ ވަރަށް ބޮޑު ޝަރަފެއް އަޅުގަނޑުމެންނަށް ލިބޭ. ކުދިން ތިބީ ހަމަ ވަރަށް ތައްޔާރުވެގެން ވަރަށް ގޯގައި" ވަހީދު ބުންޏެވެ.

ފިރިހެނުންގެ ގައުމީ ނެޓްބޯޅަ ޓީމެއް އެކުލަވާލާ ފަރިތަކުރަމުން އަންނަތާ މިހާރު ގާތްގަނޑަކަށް ތިންމަހެއްހާ ދުވަސްވެއްޖެއެވެ. އޭރު ޓީމުން ތައްޔާރުވަމުން ދިޔައީ ފެބްރުއަރީ މަހުގެ 3 އިން 13 އަށް އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވުމަށް ހަމަޖެއްސި އޭޝިއަން މެންސް ނެޓްބޯލް ޗެމްޕިއަންޝިޕަށެވެ. އެހެންނަމަވެސް ފަހު ވަގުތު ބައިވެރިވި ގިނަ ޓީމުތަކުން މުބާރާތުގައި ބައިވެރިނުވާން ނިންމުމާއި ގުޅިގެން އެމުބާރާތް ވަނީ ތާރީޚެއް ނެތި ފަސްކޮށްފައެވެ. އެހެންކަމުން މިމުބާރާތަކީ ހޮންގްކޮންގުން އިސްނަގައިގެން ރޭވި މުބާރާތެކެވެ.

މުޅިން އަލަށް ބާއްވާ މުބާރާތުގައި ވާދަކުރާ ޓީމާމެދު ކުރާ އުންމީދު ބޮޑުކަމަށް ޓީމުގެ ހެޑް ކޯޗު އީމާ ޢަބްދުއްސައްތާރު ބުނެފަވާއިރު އޭނާވަނީ ވާދަވެރި ޓީމުތަކުގެ ފެންވަރާއިމެދު އެއްޗެއް ބުނަން އަދި ދަތިކަމަށް ފާހަގަކޮށްފައެވެ. މުބާރާތުގެ މެޗުތައް ފެށުމުން އިދިކޮޅު ޓީމުތަކުގެ ފެންވަރު އެނގޭނެކަމަށާއި ރާއްޖޭގެ ކޮންމެ ކުޅުންތެރިއަކުވެސް އެކުޅުންތެރިއެއްގެ ބެސްޓު ދައްކާނެކަމާމެދު ޔަގީންކަން އޮތްކަމަށް އީމާ ބުންޏެވެ. މިމުބާރާތަކީ ރާއްޖޭގެ ޓީމަށް ލިބޭނެ ވަރަށް ރަނގަޅު ތަޖުރިބާއެއްކަމަށް ވެސް އީމާ ވަނީ ބުނެފައެވެ.

"ވަރަށް ކުޑަ ދުވަސްކޮޅެއް ތެރޭގައި ހުރިހާ ކުދިންވެސް ވަރަށް މަސައްކަތްކޮށްފި. ހަމަ އަލަށް ރޫލްސްއާއި އެއްޗެހި ދަސްކޮށްގެން ފަރިތަކުރާތާ ޓޫ މަންތުސްވަރު ވެއްޖެ. ކުއްލިއަކަށް މުބާރާތް އައީ، އެހެންނަމަވެސް ރަނގަޅު ނަތީޖާއެއް ލިބޭނެކަމަށް އުންމީދުކުރަނީ" އީމާ ބުންޏެވެ.

ޗައިނާއަށް މިދުވަސްވަރަކީ ފިނި މޫސުންކަމަށްވުމުން އެއީ ދިމާވާނެ ގޮންޖެހުމެއްކަމަށް އީމާ ބުންޏެވެ. ރާއްޖޭގައި ފަރިތަކުރަނީ އައުޓްޑޯގައިކަމަށް ވިޔަސް މުބާރާތުގެ އެއް މެޗު ފިޔަވާ ދެން ބާކީ މެޗުތައް އިންޑޯގައި ކުޅެންޖެހުމަކީވެސް ޓީމަށް ދިމާވާނެ ދައްޗެއްކަމަށް ފާހަގަކުރަމުން އޭނާ ބުނީ ދަތިތަކާއި އެކުވެސް ކުޅުންތެރިން މޫސުމަށް ހޭނި ރަނގަޅު ކުޅުމެއްދައްކާނެކަމަށް ގަބޫލުކުރާކަމަށެވެ.

"ވަރަށް އުނދަގުވާނެ އެކޮޅު ވަރަށް ފިނި. މިކޮޅުގައި ވަރަށް ހޫނުގައި އައުޓްޑޯގައި ޕްރެކްޓިސްކޮށްދި މިދަނީ. އެކޮޅަށް ގޮސްފަ އެއް މެޗު ފިޔަވާ ކުޅެން ޖެހޭނީ އިންޑޯގައި ހުރިހާ މެޗެއްވެސް. އިންޑޯ ހުންނާނީ އޭސީކޮށްފަ. އައުޓްޑޯގައި ކުޅުނު ނަމަވެސް އެކޮޅަށް ވަރަށް ފިނި ދުވަސްކޮޅެއް. އެހެންވީމަ ޓެމްޕެރޭޗަރ ޑިފަރެންސް ވަރަށް ބޮޑު ޗެލެންޖަކަށްވާނެ ކަންނޭނގެ އަޅުގަނޑުމެންނަށް" މުބާރާތުގެ ދިމާވާނެ ގޮންޖެހުންތަކާއި ގުޅޭގޮތުން އީމާ ބުންޏެވެ.

ލިބުނު ވަގުތުކޮޅު ކުޑަ ނަމަވެސް މުބާރާތާއި ކުރިމަތިލާނީ މެޑައްޔަކަށް އަމާޒުކޮށްގެންކަމަށް އީމާ ބުނެފަވާއިރު، މިހާތަނަށް ޓީމުން ދައްކަމުންދަނީ އެއަމާޒަށް ވާސިލުވުމަށް ކުރަމުންދާ ބުރަ މަސައްކަތްކަމަށް އީމާ ބުންޏެވެ.

"ރަނގަޅު ޕާފޯމެންސެއް ދައްކާ ޓާގެޓުކުރަނީ މެޑަލްއަކަށް" އީމާ ބުންޏެވެ.

ހޮންގކޮންގުން އިންތިޒާމުކޮށްގެން ޗައިނާގައި މުޅިން އަލަށް ބާއްވާ މެންސް އޭޝިއާ ކަޕު ކުރިއަށްދާނީ މިމަހުގެ 5 އިން 8ގެ ނިޔަލަށެވެ. މިމުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ މުބާރާތް އިންތިޒާމުކުރި ހޮންގކޮންގާއި ޖަޕާނުގެ އިތުރުން މެލޭޝިއާއިންނެވެ. މިމުބާރާތް ފެށޭނީ ރާއްޖެ އާއި މެލޭޝިއާ ވާދަކުރާ މެޗުންނެވެ. އެއަށްފަހު ޖެހިގެން އަންނަ ދުވަހު ޖަޕާނާއި ވާދަކުރުމަށްފަހު ތިންވަނަ މެޗަށް ރާއްޖެއިން ނުކުންނާނީ ޖަޕާނާއި ދެކޮޅަށެވެ.