ޚަބަރު

"ރާއްޖޭގެ ތަރައްޤީގައި އޮސްޓްރޭލިޔާއިން މުހިންމު ދައުރެއް އަދާކުރޭ"


  • އެކި ދާއިރާތަކުން އޮސްޓްރޭލިއާއިން ރާއްޖެއަށް ވަމުންދާ އެހީތެރިކަން ފާހަގަކުރެއްވި

  • ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާވަމުންދާކަން ފާހަގަކުރެއްވި

އޮސްޓްރޭލިޔާއަކި ރާއްޖޭގެ އިޖުތިމާއީ އަދި އިޤްތިޞާދީ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާ ޤައުމެއް ކަމަށް ޚާރިޖީީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މިހެން ވިދާޅުވީ، އޮސްޓްރޭލިޔާގެ ޤައުމީ ދުވަސް "އޮސްޓްރޭލިއަން ޑޭ" ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގައި ހުންނަ އެޤައުމުގެ ހައިކޮމިޝަނުން އިންތިޒާމުކޮށްގެން ބޭއްވި ފޮޓޯ މައުރަޒު ހުޅުވުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްްވާ ވާހަކަފުޅު ދައްކަވަމުން ޚާރިޖީީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، ރާއްޖެއާ އޮސްޓްރޭލިޔާއާ ދެމެދު އޮންނަ ގާތް ގުޅުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިޙްތިރާމާއި، ސުލްޙަ މަސަލަސްކަން ބިނާކުރުމަށް ދެ ގައުމުން ގުޅިގެން ކުރާ މަސައްކަތްތަކުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއް ކަމަށެވެ. އަދި މި މައުރަޒަކީވެސް ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، އޮސްޓްރޭލިޔާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

"ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ދާއިރާ ކުރިއެރުވުމުގައި އޮސްޓްރޭލިއާއަކީ ވަރަށް ބޮޑަށް އެހީތެރިވެދޭ ގައުމެއް. ތައުލީމާއި، ޞިއްޙީ ދާއިރާ އަދި ތިމާވެށި ހިމާޔަތްކުރުން ފަދަ މުހިންމު ދާއިރާތަކުންވެސް އޮސްޓްރޭލިއާއިން އަންނަނީ ރާއްޖޭގެ ދިގު މުއްދަތުގެ ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާސިލްވުމަށް ބޮޑު އެއްބާރުލުމެއް ދެމުން. މިގޮތުން އޮސްޓްރޭލިއަން އެވޯޑްސް ޕްރޮގްރާމަކީ ދިވެހިންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދީ، އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ލިބޭ ވަރަށް އަގުހުރި ފުރުސަތެއް" ޚާރިޖީީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.

ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާވަމުންދާކަން ފާހަގަކުރައްވައި، ފާއިތުވި އަހަރުތަކުގައި އިސް އޮފިޝަލުންގެ ފެންވަރުގައާއި ޑިފެންސް ޕޮލިސީގެ ދާއިރާއިން ކުރިއަށްދާ މަޝްވަރާތަކަކީ ދެ ގައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންގޮސްދޭ މުހިންމު ކަންތައްތަކެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފަދަ މަޝްވަރާތަކުގެ ޒަރީއާއިން ދެ ގައުމުގެ އިސްކަންދޭ ކަންކަމުގައި އެއްބާރުލުން އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަޒީރު ވަނީ އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒްއަށާއި އެ ގައުމުގެ ރައްޔިތުންނަށް ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. އަދި އޮސްޓްރޭލިއާގެ ޚާރިޖީ ވުޒާރާއިން ރާއްޖެއާއެކު ބާއްވާ ގާތް ގުޅުމަށްޓަކައި ޝުކުރު އަދާކުރައްވައި، އޮސްޓްރޭލިއަން ހައިކޮމިޝަނުން އިސްނަގައިގެން ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކަށް ވަނީ ތައުރީފުކުރައްވާފައެވެ.