އިގްތިސާދީ 3 ދާއިރާއަކުން ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް "ޓޫރިޒަމް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ،" އާއި އިމާރާތްކުރުމުގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް "ކޮންސްޓްރަކްޝަން ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ" އަދި މަސްވެރިކަމާއި މެރިކަލްޗަރގެ ސިނާއަތް ދެމެހެއްޓެނެވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް "ފިޝަރީޒް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ" އެކުލަވާލަން ނިންމާފައިވާ ކަމަށެވެ.
މި ކޮމިޓީތަކުގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު 16 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
ކޮމިޓީތަކުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި ވެބްސައިޓުް ޑައުންލޯޑްކުރެވެން ހުންނާނެ ކަމަށް އެ އޮފީހުން ވިދާޅުވިއެވެ.