ރާއްޖެއާއި ޗައިނާއާ ދެމެދު އެކުލަވާލެއްވުމަށް މަސައްކަތްކުރައްވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ފަހު ބައްދަލުވުން މިމަހުގެ ސައްބީހުން އަންނަ މަހުގެ ދޭކަށް ޗައިނާގައި ބޭއްވުމަށް ނިންމަވައިފިއެވެ.
މިއެއެއްބަސްވުމާއި ގުޅޭ ގޮތުން ޕީއެސްއެމަށް މަޢުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު އެކުލަވާލެއްވުމަށް މަސައްކަތްކުރައްވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ޤާއިމްކުރައްވަން ބޭނުންފުޅުވަނީ އޭގެ އެންމެ ބޮޑު ނަފާ ރާއްޖޭގެ ވިޔަފާރިވެރިންނަށް ކުރާ ގޮތަށް ކަމަށެވެ.
ޕީއެސްއެމްއާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު އެކުލަވާލެއްވުމަށް މަސައްކަތްކުރައްވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭގޮތުން މިހާތަނަށް ދެހާހަށްވުރެ ގިނަ ވިޔަފާރިތަކާއި ބައްދަލުކޮށް އެފަރާތްތަކުގެ ޚިޔާލު ހޯދާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ ވިޔަފާރިތަކާއި ޗައިނާގެ ވިޔާފާރިތަށް ހިމެނޭ ކަމަށާއި އޭގެ ތެރޭގައި ގިނައީ ރާއްޖޭގެ ވިޔަފާރިތައް ކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމާބެހޭ މަޝްވަރާތައް ރަސްމީގޮތުން ފައްޓަވާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ދިވެހިރާއްޖޭގައެވެ. މީގެ ދެވަނަ ބައްދަލުވުން ބާއްވަވާފައިވަނީ ޗައިނާގެ ބެއިޖިންގގައެވެ. އަދި ތިންވަނަ ބައްދަލުވުން ބާއްވަވާފައިވަނީވެސް މިދިޔަ މޭމަހު ރާއްޖޭގައެވެ. އަދި މީގެ އިތުރުން ހޮންގްކޮންގއާ އެކުވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރެއްވުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ.