ސްކޫލްތަކުގެ މަރާމާތަށް ވޭތުވެދިޔަ 10 އަހަރުތެރޭގައި ނުކުރާ ހޭދަ މިދިޔަ 2 އަހަރުގެ ތެރޭގައިކޮށްފައިވާކަމަށް ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ގިނަ ރަށްރަށުގެ ސްކޫލްތަކަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ އެކި މަސައްކަތް އެކި މަރުޙަލާތަކުގައި އަންނަނީ ކުރަމުންނެވެ.
ސްކޫލްތަކުގައި ދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމަށް ޓީޗަރުންގެ ފެންވަރު މަތިކުރުމަށާއި، ވަޞީލަތް ޤާއިމުކޮށް ސްކޫލްތަކަށް ބޭނުންވާ ޖާގައިގެ މައްސަލަ ޙައްލުކުރުމަށް އެކި މަޝްރޫޢުތައް އަންނަނީ ހިންގަމުންނެވެ. އެގޮތުން ޢުމްރާނީގޮތުން މުޅިން އައު ސްކޫލް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންއަންނައިރު، މިހާރުވެސް ހުރި ސްކޫލްތަކަށް ބޭނުންވާ މަރާމާތުގެ މަސައްކަތްވެސް ކުރުމަށް ޚާއްސަ އިސްކަމެއް ތަޢުލީމީ ވުޒާރާއިން ދެއްވައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވީ، 2024 ވަނަ އަހަރުގެ ތެރޭގައި 30 މިލިއަނެއްހާ ރުފިޔާގެ މަރާމާތުގެ މަސައްކަތް ސްކޫލްތަކުގައި ކޮށްފައިވާކަމަށެވެ. މިދިޔަ ސްކޫލް ބަންދާ ދިމާކޮށް 20 މިލިއަން ރުފިޔާގެ މަސައްކަތަށް ހުއްދަދީފައިވާކަމަށެވެ. އަދި މިއަހަރު ފެށުނުއިރު 40 މިލިއަން ރުފިޔާގެ މަސައްކަތް ހަމައެކަނި މަރާމާތުގެ ކަންކަމަށް ހޭދަކޮށްފައިވާކަމަށެވެ. މީގެއިތުރުން ސްކޫލްތައް ހުޅުވުމާއެކު އިތުރު 40 ވަރަކަށް މިލިއަން ރުފިޔާގެ މަޝްރޫޢަށް ހުއްދަ ދިނުމަށް ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިހާ ބޮޑު ހޭދައެއް ސްކޫލްތަކުގެ މަރާމާތަށް މިވޭތުވެދިޔަ 10 އަހަރުގެ ތެރޭގައިވެސް ނުކުރޭ، އަޅުގަނޑުވެސް ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާތާ ވިއްސަކަށް އަހަރުވީމަ މިދެންނެވީ މިހާބައިވަރު މަރާމާތުގެ މަސައްކަތަށް މީގެކުރިން ހޭދަކުރެވިފައިނުވާ ވާހަކަ." ވަޒީރު ވިދާޅުވިއެވެ.
ތަޢުލީމީ ވަޒީރު ވިދާޅުވީ ސްކޫލްތަކުގެ މަރާމާތަށް ބޮޑު ހޭދައެއް ކުރަންޖެހިފައިވަނީ ދިގު މުއްދަތަކަށް މަރާމާތަށް ކުރަންޖެހޭ މަސައްކަތްތަކަށް އަޅާނުލެވި ހުރުމުންކަމަށެވެ. އެހެންކަމުން ބޮޑު ހޭދައެއް ކޮށްފައިވަނީ ސްކޫލްގެ ބަޖެޓުން ބޭރުން ކުރަންޖެހޭ ބޮޑެތި މަރާމާތުތަކަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާއަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިއްމުކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެންމެ މުހިންމީ ހަގީގަތުގައި ސްކޫލްތަކުގައި ފެންވަރު ރަނގަޅު ޓީޗަރުން ތިބުންކަމަށެވެ. އަދި ރަނގަޅު ވަޞީލަތްތަކާއެކު ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ދަރިވަރުންނަށް ނަތީޖާ ނެރެވޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.