ޚަބަރު

ގްރޭޑު 1 އަށް ވަނުމަށް 4790 ދަރިވަރުން އެދިފައިވޭ!


  • އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް ވަނުމަށް އެދި 1500 އަށްވުރެ ގިނަ ދަރިވަރުން އެދިފައިވޭ

  • ހުޅުމާލޭގެ ސްކޫލްތަކަށް ބަދަލުވުމަށް 800 އަށްވުރެ ގިނަ ދަރިވަރުން އެދިފައިވޭ

ދިރާސީ އަހަރު ސަރުކާރު ސްކޫލްތަކުގެ ގްރޭޑު 1 ގައި ކިޔެވުމަށް 4790 ދަރިވަރުން އެދިފައިވާކަމަށް ތަޢުލީމީ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މިއަހަރުވެސް އަތޮޅުތަކުން މާލެއަށް 1500 އެއްހާ ދަރިވަރުން ބަދަލުވެފައިވާކަން ތަޢުލީމީ ވުޒާރާއިން ފާހަގަކުރައްވައެވެ.

މިއަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށް ވާންޖެހޭ ތައްޔާރީތަކުގެ މަސައްކަތް ތަޢުލީމީ ވުޒާރާއާއި ސްކޫލްތަކުން ދަނީ ކުރަމުންނެވެ. ކޮންމެ އަހަރެއްގެވެސް ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށްޓަކައި ވާ ތައްޔާރީތަކުގެ ތެރޭގައި އަލަށް ގްރޭޑް 1 އަށްދާ ދަރިވަރުންގެ ކަންކަން ހިމެނެއެވެ. ތަޢުލީމީ ވުޒާރާއިން ވިދާޅުވީ މިއަހަރު ސަރުކާރު ސްކޫލްތަކުގެ ގްރޭޑު 1 އަށް ވަނުމަށް އެދި މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް 4790 ދަރިވަރުން އެދިފައިވާކަމަށެވެ.

އަތޮޅުތަކުގެ ރަށްތަކުން ގްރޭޑު 1 އަށް 3042 ދަރިވަރުން ވަނުމަށް އެދިފައިވާއިރު މާލެ ސަރަޙައްދުގެ ސްކޫލްތަކުގައި ގްރޭޑު 1 އަށް ވަނުމަށް 1748 ދަރިވަރުންވަނީ އެދިފައެވެ. މިއަހަރު އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް 1530 ދަރިވަރަކު ބަދަލުވުމަށް އެދިފައިވާއިރު މާލެއިން ހުޅުމާލޭގެ ސްކޫލްތަކަށް ބަދަލުވުމަށް އެދިފައިވާ 836 ދަރިވަރުންވެސް ބަދަލުކޮށްދެއްވާފައިވާކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން ސްކޫލްތައް ހުޅުވޭއިރު ޓީޗަރުންނާއި ފޮތްތައް ހަމަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ކޮންމެ އަހަރަކުވެސް އެންމެ އިސްކަމެއްދޭ އެއްބަޔަކީ ޓީޗަރުންނާއި ފޮތްތައް ހަމަކުރުން." އިރާދަކުރެއްވިއްޔާ މިއަހަރުގެ ސްކޫލްތައް ފެށެންވާއިރަށް އެކަންކަން ހަމަވާނެ." ވަޒީރު ވިދާޅުވިއެވެ.

ސްކޫލްތަކުގެ ކުދިންގެ އާބާދީއަށް އަންނަ ބަދަލުތަކަށް ބަލައިގެން ވަކިން ޚާއްސަކޮށް މާލެ ސަރަޙައްދުގެ ސްކޫލްތަކަށް އޮންނަ ޑިމާންޑު އިތުރުވަމުންދާތީ މާލެ ސަރަޙައްދުގައި އިތުރު ސްކޫލްތައް ހުޅުވުމުގެ މަސައްކަތް ސަރުކާރުންދަނީ ކުރަމުންނެވެ. އޭގެތެރޭގައި މިއަހަރުގެ ސްކޫލްގެ ކިޔެވުން ފެށޭއިރު އަލަށް ހުޅުވާ ޝަހީދު ޢަލީ ސްކޫލަށް ވަނުމަށް އެދި މިހަތަނަށް 1900 އެއްހާ ދަރިވަރުން ހުށައަޅާފައިވާކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.

ކިޔެވުން ފެށުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރޭގައި އަތޮޅުތަކުގެ ސްކޫލްތަކަށް ބޭނުންވާ ފޮތްތައް ފޮނުވުމުގެ މަސައްކަތް ތަޢުލީމީ ވުޒާރާއިން ވަނީ މިދިޔަ ޑިސެމްބަރު މަހު ފަށާފައެވެ. އަދި ސްކޫލްތަކުގެ ކިޔެވުން ފެށެންވާއިރަށް އެމަސައްކަތްވެސް ނިމޭނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. މީގެ އިތުރުން ސްކޫލްތަށް ބޭނުންވާ މުހިއްމު މަރާމާތުގެ މަސައްކަތްވެސް މިދިޔަ ބަންދުގެ ތެރޭގައިވަނީ ކުރިއަށްގެންގޮސްފައެވެ.