ޚަބަރު

ޕާކިސްތާން މެޗަށް ނިކުންނާނީ މޮޅުވުމުގެ އަޒުމުގައި: ކޯޗު އާތިފް


ތައިލެންޑުގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި މިއަދު ޕާކިސްތާނާއި ބައްދަލުކުރާ މެޗަށް ނިކުންނާނީ މެޗު ކާމިޔާބުކުރަން ކަމަށް ޤައުމީ އަންހެން ފުޓްސަލް ޓީމުގެ ކޯޗު އާތިފް މުހައްމަދު (އާތީ) ބުނެފިއެވެ.

ޕާކިސްތާނާއި ބައްދަލުކުރާ މެޗުގެ ކުރިން ޕީއެސްއެމް ނިއުސް އާއި ވާހަކަ ދައްކަމުން ކޯޗު އާތީ ބުނީ އެންމެ ފަހުން ނޭޕާލް އާއި ބައްދަލުކުރި މެޗުގައި ދިވެހިރާއްޖޭގެ ޤައުމީ އަންހެން ފުޓްސަލް ޓީމުން ދެއްކި ކުޅުމާއެކު މުޅި ޓީމަށްވެސް އިތުބާރު ލިބިއްޖެ ކަމަށާއި ޙާއްސަކޮށް ނޭޕާލް އާއި ބައްދަލުކުރި މެޗުގެ ދެވަނަ ހާފްގައި ދެއްކި ކުޅުމާއެކު މެޗު ނެގޭނެކަން މުޅި ޓީމަށްވެސް އިންގިގެންދިޔަކަމަށެވެ.

ނޭޕާލް އަތުން 5-0 ދިވެހި ޓީމް ބަލިވިނަމަވެސް އެމެޗުގެ ދެވަނަ ހާފްގައި ނޭޕާލްއަށް މާރަނގަޅު ފުރުސަތުތަކެއް ތަނަވަސް ނުކުރެވުނު އިރު ދިވެހި ޓީމުން ވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއްވެސް ތަނަވަސްކޮށްފައެވެ. ދިވެހި ޓީމުގެ ކެޕްޓަން ޝާލިޔާ އެމެޗަށްފަހު ޕީއެސްއެމް ނިއުސް އާއި ވާހަކަ ދައްކަމުން ބުނީ މިހާރު ޓީމުގައި ހަމައެކަނި މަދު ވަނީ ނިންމާލުން ކަމަށާއި ލިބޭ ފުރުސަތުތައް ނިންމާލުމަށް ކުރިއަށް ހުރި މެޗުތަކުގައި ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.

ޤައުމީ ޓީމުގެ ކޯޗު އާތިފް އިތުރަށް ބުނީ ޓީމު މިހާރު އޮތީ ރަނގަޅު ފޯމެއްގައި ކަމަށާއި ބޭނުންވަނީ ދިވެހިން ފަޙުރުވެރިވާ ވަރުގެ ނަތީޖާއެއް ނެރެންކަމަށެވެ. އަދި ކުރިއަށް ހުރި މެޗުތަކާ ކުރިމަތިލާއިރު ދިވެހި ކުޅުންތެރިންއަށް އިންޑޯ ދަނޑުގައި ކުޅެ ލިބެމުންދާ ތަޖުރިބާއަކީ ރަނގަޅު ނަތީޖާއެއް ނެރެން މުހިއްމު އެއްޗަކަށް ވާނެ ކަމަށެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ދިވެހިރާއްޖެ އާއި ޕާކިސްތާން ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން އިރުއޮއްސި 6 ޖަހާއިރުއެވެ.

މިމުބާރާތުގެ ހުރިހާ މެޗެއްވެސް ޕީއެސްއެމްގެ ޔެސް ޓީވީއިން ވަގުތުން ގެނެސްދޭނެއެވެ.