ކުޅިވަރު

ރަމަޟާން ކުރިކެޓް ކާނިވަލުގައި ބައިވެރިވުމަށް ހުޅުވާލައިފި


ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކުރިކެޓް ކާނިވަލުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

މާލޭ ކުރިކެޓް އެކުވެނީގައި ކުރިއަށްގެންދާ މިކާނިވަލުގައި ތިން މުބާރާތެއް ކުރިއަށްދާނެއެވެ. އެގޮތުން ހަމައެކަނި ދިވެހިންނަށް ވާދަކުރެވޭގޮތަށް ކުރިއަށްގެންދާ އޯޕަން މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު 16 ޓީމަކަށް އެބައޮތެވެ. މިމުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކުންވެސް މިދިޔަ އަހަރުގެ މޯލްޑިވްސް ޓީ20 ޕްރިމިއަރ ލީގުގައި ކުޅުނު އެއް ކުޅުންތެރިޔަކަށް ޓީމުގައި ހިމެނުމުގެ ފުރުސަތު އެބައޮތެވެ.

ރަމަޟާން ކުރިކެޓް ކާނިވަލުގެ ތެރެއިން ކުރިއަށްދާނެ އަނެއް މުބާރާތަކީ އޮފީސްތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މުބާރާތެވެ. މިމުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށެވެ. މިމުބާރާތުގައި ޖުމްލަ ބައިވެރިކުރާނީ 6 ޓީމެވެ.

މީގެ އިތުރުން ކުންފުނިތަކަށް ޚާއްސަކޮށްގެން 10 ޓީމަށް ވާދަކުރެވޭގޮތަށް ކޮންޕެނީ މުބާރާތްވެސް ރަމަޟާން ކުރިކެޓް ކާނިވަލުގެ ތެރެއިން ކުރިއަށްދާނެއެވެ.

ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކުރިކެޓް ކާނިވަލުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ ފެބުރުވަރީމަހުގެ 6 ވަނަ ދުވަހެވެ. މިމުބާރާތުގައި ވާދަކުރާ ޓީމުތަކަށް އެންމެ ގިނަވެގެން ޓީމުގައި ޖެއްސޭނީ 10 ކުޅުންތެރިންނާއި 2 އޮފިޝަލުންނެވެ. މިކާނިވާ ފުވައްމުލަކާއި ލ. ކުނަހަންދޫގައިވެސް ބާއްވާގޮތަށް ސީބީއެމްއިންވަނީ ނިންމާފައެވެ.