ކުޅިވަރު

ކުނަހަންދޫ ސީޒަން އޯޕަން ކުރިކެޓު މުބާރާތުގެ ފައިނަލަށް ގޮމައާއި ރެހެންދި


  • މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗު އިއްޔެ ވަނީ ކުޅެފައި

  • ރެހެންދި ޓީމަށް 15 އޯވަރުތެރޭ 8 ވިކެޓަށް 67 ލަނޑު ހެދި

  • ގޮމަ ޓީމުން 12 އޯވަރުތެރޭ ހެދިފައި ވަނީ 47 ލަނޑު

  • މުބާރާތުގެ ފައިނަލު މެޗު މިމަހުގެ 15 ވަނަ ދުވަހުގެ

ލ. ކުނަހަންދޫގައި މިހާރު ކުރިއަށްދާ ސީޒަން އޯޕަން ކުރިކެޓު މުބާރާތުގެ ފައިނަލަށް ގޮމައާއި ރެހެންދި ދަތުރުކޮށްފިއެވެ.

15 އޯވަރަށް ކުޅޭ މިމުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗު އިއްޔެ ކުޅެފަވާއިރު، މިމެޗުގައި ބައްދަލުކޮށްފަވަނީވެސް ގޮމަ ޓީމާއި ރެހެންދި ޓީމެވެ. ޓޮސް ދިމާވުމުން ގޮމަ ޓީމުން ހޮވަން އަރާފަވާއިރު، ރެހެންދި ޓީމުން ކުޅެން އަރާ 15 އޯވަރުތެރޭ 8 ވިކެޓަށް 67 ލަނޑު ވަނީ ހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅެފަވަނީ 19 ލަނޑު ހެދި ފާތިމަތު ސުނާއެވެ.

ގޮމަ ޓީމުން ކުޅެން އަރާ 12 އޯވަރު ތެރޭ ހުރިހައި ކުޅުންތެރިން ނުބައިވިއިރު ހަދައިފައި ވަނީ 47 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 22 ލަނޑަށް 2 ވިކެޓް ނެގި ނާދިޔާ ޢަބްދުލްޣަފޫރުއެވެ.

ކުނަހަންދޫގައި ކުރިއަށްދާ މިމުބާރާތުގެ އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރެހެންދި ޓީމުގެ ހަފްސާ ޢަބްދުﷲއެވެ.

ސީޒަން އޯޕަން ކުރިކެޓު މުބާރާތުގެ ފައިނަލު މެޗު މިމަހުގެ 15 ވަނަ ދުވަހުގެ ހަވީރަށް ތާވަލުކޮށްފަވާއިރު، މިއަދު މިމުބާރާތުގެ ތިންވަނަ ހޮވާ މެޗު ކުޅޭނެއެވެ. މިމެޗުގައި ބައްދަލުކުރާނީ ރަނިކަމަނަ ޓީމާއި ދޮންހިޔަލަ ޓީމެވެ. މިމެޗު ފަށާނީ ހަވީރު 4:00ގައެވެ.