ޚަބަރު

ހެންވޭރުގައި ތަރައްޤީ ކުރާ ޖީޕީ ކުލިނިކުގެ މަސައްކަތް މިމަހު ފަށަނީ


  • މާފަންނު ޖީޕީ ކުލިނިކު ހުޅުވީ މިދިޔަ އަހަރުގެ ނޮވެންބަރުގައި

  • ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގައި ޖީޕީ ކުލިނިކެއް ޤާއިމުކުރަން ހަވާލުކޮށްފައިވޭ

ހެންވޭރުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ޖެނެރަލް ޕްރެކްޓިސް ކުލިނިކުގެ މަސައްކަތް މިމަހުގެ ތެރޭގައި ފެށުމަށް ތައްޔާރު ވަމުންދާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވިދާޅުވެއްޖެއެވެ.

މާލެ ސަރަޙައްދުގައި 6 ޖީޕީ ކުލިނިކު ޤާއިމު ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ޢާންމު ބަލިތަކަށް ޚާއްޞަ ކޮށްގެން މާލޭގެ 4 ސަރަޙައްދެއްގައި ތަރައްޤީ ކުރާ 4 ޖީޕީ ކުލިނިކާއި، ހުޅުމާލޭގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ 2 ކުލިނިކާއެކު ގްރޭޓަރ މާލޭ އޭރިއާގައި 6 ޖީޕީ ކުލިނިކު ހުޅުވުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މާފަންނުގައި ތަރައްޤީ ކޮށްފައިވާ ކުލިނިކުގެ ޚިދުމަތް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުވަނީ ފަށާފައެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރާ ކުލިނިކުގެ މަސައްކަތް، ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަމާން އުދަރެސްގައި ތަރައްޤީ ކުރުމަށް މިހާރުވަނީ ޙަވާލުކޮށްފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، ހެންވޭރުގައި ތަރައްޤީ ކުރާ ޖީޕީ ކުލިނިކުގެ މަސައްކަތް މިމަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އަދި އަމާން އުދަރެސްގައި ޤާއިމުކުރާ ކުލިނިކުގެ މަސައްކަތްވެސް ކުރިއަށް އޮތް ރަމަޟާން މަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ޖެނެރަލް ޕްރެކްޓިސް ކުލިނިކުތަކަކީ، މާލެ ސަރަޙައްދުގައި ހުންނަ ބޮޑެތި ހޮސްޕިޓަލްތަކުގެ އެމަރޖެންސީ ރޫމްތަކަށް އޮންނަ ލޯޑު ކުޑަކުރުމަށްޓަކައި މާލޭގައި ޤާއިމު ކުރާ ކުލިނިކުތަކެކެވެ. އެކި ދުވަސްވަރު އިތުރުވާ ހުމާ ރޯގާގެ ކޭސްތަކާއެކު ހުރިހާ ޢުމުރެއްގެ މީހުންވެސް އަވަސް ޚިދުމަތް ހޯދުމަށްޓަކައި ހޮސްޕިޓަލްތަކުގެ އީއާރަށް ދިޔުމުން އެތަންތަނުގެ ބޭނުން އެންމެ ބޮޑަށް ޖެހިގެން އަންނަ ސީރިއަސް ކޭސްތަކަށް ސަމާލުކަން ދެވޭ ނިސްބަތް ދަށްކަން ހޮސްޕިޓަލުގެ މެނޭޖްމަންޓުން ފާހަގަކުރައްވައެވެ.

އެހެންކަމުން ޖީޕީ ކުލިނިކުތަކާއެކު އެކަމަށް ޙައްލެއް ގެނެސް، ދުނިޔޭގެ އެހެން ތަންތަނުގައިވެސް ޚިދުމަތް އިންތިޒާމު ކޮށްފައިވާ ގޮތަށް އާންމު ބަލިތަކާއި ގުޅިގެން އިތުރުވާ ކޭސްތަކަށް ފަރުވާ ދެވޭނެ ރަނގަޅު ނިޒާމެއް ރާއްޖޭގައިވެސް ޤާއިމުވެގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ޖީޕީ ކުލިނިކުތަކުން އާންމު ބަލިތަކުގެ ޑޮކްޓަރަށް ދެއްކުމާއި، އެކްސްރޭ ނެގުމާއި، ލޭގެ ޓެސްޓުތައް ހެދުން އަދި ކުޑަކުދިންނަށް ވެކްސިން ދިނުން ފަދަ މުހިއްމު ޚިދުމަތްތައް ލިބިގެންދާނެއެވެ. އަދި އެތަންތަނުގައި ގިނަ ވަގުތު މަޑުނުކޮށް އަވަސް ފަރުވާ ލިބިގެންދާނެ ކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ. އަދި އިތުރު ފަރުވާއަށް ސްޕެޝަލިސްޓުންނަށް ދައްކަން ޖެހޭ ޙާލަތްތަކުގެ ހޮސްޕިޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެދޭނެ ފަސޭހަ ނިޒާމެއްވެސް ޤާއިމުވެފައި ހުންނާނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވިދާޅުވެއެވެ.