ޚަބަރު

ރަނގަޅު މެޗުތަކެއް ކުޅެވޭނީ ދަނޑުގެ ވިނަގަނޑު ރަނގަޅުވެގެން: ހެނާންޑޭޒް


މިހާރު ކުރިއަށްދާ ދިރާގު ދިވެހި ލީގުގެ ތެރެއިން ރަނގަޅު މެޗުތަކެއް ފެނިގެންދާނީ ދަނޑުގެ ވިނަގަނޑު ރަނގަޅުވެގެންކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ.

ހެނާންޑޭޒް މިހެން ބުނެފަވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ލީގުގައި ވެލެންސިއާ 3-0 ގެ ނަތީޖާއަކުން ބަލިކުރި މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައެވެ. ހެނާންޑޭޒް ބުނީ ގަލޮޅު ދަނޑުގެ ވިނަގަނޑުގެ ހާލަތު ވަރަށް ގޯސްކަމަށާއި އެކަމުގެ ސަބަބުން ކުޅުންތެރިންނަށް އަސްލު ފެންވަރު ދައްކާލުމަށް ދަތިވެފައިވާކަމަށެވެ. އެހެންކަމުން މިކަމަށް އަވަސް ހައްލެއް ބޭނުންވާކަމަށް އޭނާ ވަނީ ބުނެފައެވެ.

"އަހަރެންގެ އުންމީދަކީ މިލިބޭ ބްރޭކަށްފަހު ނުކުންނައިރު ދަނޑުގެ ވިނަގަނޑުގެ ހާލަތު ރަނގަޅުވުން. މިކަހަލަ ވިނަގަނޑެއްގަ މޮޅަށް ކުޅުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް. އެހެންވީމަ ވިނަގަނޑުގެ ހާލަތު ރަނގަޅުކުރަން އެބަޖެހޭ މަސައްކަތްތަކެއް ކުރަން" މާޒިޔާގެ ކޯޗު ބުންޏެވެ.

ވެލެންސިއާއާއި ދެކޮޅަށް ކުޅުނު މެޗަކީ ފަސޭހަ މެޗެއް ނޫންކަމަށް ކޯޗު ފާހަގަކުރިއެވެ. އިދިކޮޅުން ދެއްކީ މޮޅު ކުޅުމެއްކަމަށާއި އެހެންނަމަވެސް މާޒިޔާއިން ފަހު ވަގުތު މެޗު ކޮންޓްރޯލްކޮށް އިދިކޮޅުގެ ގޯލު ފޫއަޅުވާލެވުމަކީ ލިބުނު ހިތްހަމަޖެހުމެއްކަމަށް އޭނާ ބުންޏެވެ.

"ވެލެންސިއާއިން އެމީހުންގެ ޕްލޭނާއި އެއްގޮތަށް ކުޅެން މަސައްކަތްކުރި. އެހެންނަމަވެސް މާޒިޔާއިން މެޗުގެ ކޮންޓްރޯލް ނެގުމާއިއެކު ގިނަ ހަމަލާތަކެއް އުފައްދާ މެޗު މިވަނީ ކާމިޔާބުކޮށްފަ. މެޗުގެ ނަތީޖާއާއި ދޭތެރޭ ވަރަށް ހިތްހަމަޖެހޭ" ހެނާންޑޭޒް ބުންޏެވެ.

ކުޅުނު 12 މެޗުން 34 ޕޮއިންޓާއެކު އެއްވަނައިގަ އޮތް މާޒިޔާއިން މިހާތަނަށް މޮޅު ކުޅުމެއްދައްކަމުން އަންނައިރު، ލީގުގެ ފުރަތަމަ ބުރުގައި މި ދެޓީމު ވާދަކުރި މެޗު މާޒިޔާއިން ނަގާފަވަނީ 5-0 ގެ ފަރަގަކުންނެވެ.

ލީގުގައި މާޒިޔާއިން ދެން ނުކުންނާނީ މާދަމާ ހަވީރު ޔުނައިޓެޑް ވިކްޓްރީއާއި ދެކޮޅަށެވެ. އެޓީމު އޮތީ 7 ޕޮއިންޓާއިއެކު ތާވަލުގެ ފުލުން ދެވަނައިގައެވެ.