ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ބިންތަކުގައި ދިރިއުޅޭ ފަލަސްޠީންގެ ރައްޔިތުންނަށް ލާއިންސަނީ އަނިޔާތައްދީ، ޔަހޫދީ ވަޒަންވެރިން އިތުރުކުރުމުގެ ސިޔާސަތު ބަދަލުކުރުމަށް އެމެރިކާއިން ބާރުއަޅަމުންދާ ކަމަށް އެމެރިކާގެ ނޫހެއްގައި ބުނެފިއެވެ.
އެމެރިކާގެ އެކްސިއޮސް ނޫހުން ބުނީ، ހުޅަނގު އައްސޭރީގައި ޔަހޫދީންގެ ނިރުބަވެރި ދައުލަތުން ގެންގުޅޭ ސިޔާސަތު ބަދަލުކުރަން، ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގާތު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޓްރަމްޕްގެ އެންމެ އަރިސް ބޭފުޅުން އެދިވަޑައިގަންނަމުންދާ ކަމަށެވެ.
ނަމަވެސް، މިކަމާ ގުޅޭގޮތުން އެމެރިކާގެ ސަރުކާރުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.
ހުޅަނގު އައްސޭރީގައި އިސްތިޢުމާރުކޮށްފައިވާ ސަރަޙައްދުތަކުގައި އަވަށްތައް ހަދައި މީހުން ވަޒަންވެރިވުމަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ކުށެކެވެ. ނަމަވެސް 2022ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން މިހާތަނަށް ހުޅަނގު އައްސޭރީގައި 51،000އަށް ވުރެ ގިނަ ގެ އެޅުމުގެ ޙުއްދަ ޔަހޫދީ ސަރުކާރުން ދީފައިވެއެވެ.
ދާދިފަހުން ވެސް ވަނީ، ޔަހޫދީ ވަޒަންވެރިން ދިރިއުޅުމަށް 19 އައު ސަރަޙައްދެއް ކަނޑައެޅުމަށް ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުގެ ވަޒީރުންގެ މަޖިލީހުން ނިންމައިފައެވެ.
އެކަން ހުއްޓައިލުމަށް ޔަހޫދީންނަށް ގޮވާލައި، ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ފިއްތުންތައް ޔަހޫދީންގެ ދައުލަތަށް ވަނީ އިތުރުވެފައެވެ.