އިންޑިއަން އޯޝަން ޗެސް ރެޕިޑް އޮންލައިންގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބިއްޖެއެވެ.
ދުނިޔޭގެ ރާޒުވާގެ މައި އިދާރާ (ފިޑޭ) އިން ހުއްދަދީފައިވާ މިމުބާރާތަކީ އިންޑިއަން އޯޝަން ޗެސް އެސޯސިއޭޝަން (އައިއޯސީއޭ)އިން އިންތިޒާމުކޮށްގެން އޮންލައިންކޮށް ކުރިއަށްގެންދާ މުބާރާތެކެވެ. މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު އާންމުކޮށް ހުޅުވާލާފަވާއިރު މުބާރާތް ކުރިއަށްދާނީ އަންނަމަހުގެ 18 ވަނަ ދުވަހުގެ ހަވީރު 04:00ގައެވެ.
މިމުބާރާތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ރާޒުވާ އެސޯސިއޭޝަނުގެ ރައީސް އަލީ ނޫހު ވިދާޅުވީ މިމުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށް ލިބިފަވަނީ މީގެ ތިންވަރަކަށް ދުވަސްކުރިންކަމަށެވެ. މުބާރާތުގެ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފަވާއިރު މިހާތަނަށް ގިނަ އަދަދެއްގެ ކުޅުންތެރިން މުބާރާތުގައި ރަޖިސްޓްރީވެފައިވާކަން ނޫޙު ހާމަކުރެއްވިއެވެ.
ނޫހު ވިދާޅުވީ މިފަދަ މުބާރާތްތަކުގައި ރާއްޖޭގެ ކުޅުންތެރިން ވާދަކުރުމުގެ މުހިންމުކަން ބޮޑުކަމަށެވެ. މިއީ ވަރަށް މަތީ ފެންވަރުގެ ކުޅުންތެރިން ބައިވެރިވާ މުބާރާތަކަށްވުމުން އެފަދަ ކުޅުންތެރިންނާއި ވާދަކޮށް ކުޅެލަން ލިބުމަކީ ރާއްޖޭގެ ކުޅުންތެރިންނަށް ލިބިގެންދާނެ ރަނގަޅު ތަޖުރިބާއަކަށްވާނެކަމަށް އޭނާ ވިދާޅުވެފައެވެ.
"މިކަހަލަ ގިނަ މުބާރާތް ކުޅުމަކީ އަޅުގަނޑުމެންގެ ޅަކުދިން، ޒުވާން ކުދިން މިކަމަށް ކުރިއަރައިގެން ދިޔުމުގެ ވަރަށް ބޮޑު ފުރުސަތެއް މިއީ. މިމުބާރާތްތަކުގަ ކުޅޭނެ ވަރަށް ގިނަ ގައުމުތަކުގެ ވަރަށް ގިނަ ކުޅުންތެރިން. ވަރުގަދަ ކުޅުންތެރިން ކުޅޭނެ. ވަރަށް ހައިލެވެލް ކުޅުންތެރިން ކުޅޭނެ" ނޫހު ވިދާޅުވިއެވެ.
މިއީ އޮންލައިންކޮށް ކުރިއަށްދާ މުބާރާތެއް ނަމަވެސް މިއީ ފިޑޭއިން ވަރަށް ގާތުން ބަލަމުންދާ މުބާރާތެއްކަމަށާއި މުބާރާތުގައި މަކަރު ހެދުމުގެ ޖާގަ ވަރަށް ކުޑަވާނެކަމަށް ނޫހު ވަނީ މައުލޫތުދެއްވާފައެވެ.
"އެމުބާރާތަކީ އޮންލައިންކޮށް އޮންނަ މުބާރާތެކޭ ބުނީމަ އޭގެން އެއްވެސް ވައްކަމެއް ނުކުރެވޭނެ. ލައިވްކޮށް އެމީހުން ހުރިހާ މެޗުތަކެއް ބަލަމުންގެންދާނެ. ފަހަތުގަ މީހަކު ހުރޭތޯ، ނުވަތަ ހިންޓެއް މީހަކު ދޭތޯ ބަލާނެ އޮންލައިންކޮށް އޮންނަ އެއްޗެއްވީމަ. އެއީ ފިޑޭގެ ރޫލްސްއާއި އެއްގޮތަށްވީމަ އެމީހުން އެގޮތަށް ކުރިއަށްގެންދާނެ" ނޫހު ވިދާޅުވިއެވެ.
މިމުބާރާތުގައި ވާދަކޮށް ރާޒުވާގައި ރާއްޖޭގެ ރޭންކިން މައްޗަށް ޖެއްސުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. ހިތްވަރާއެކު އެއަމާޒަށް މަސައްކަތްކޮށްފިނަމަ އެފަދަ ކާމިޔާބީއެއް ގައުމަށް ހޯދައިދެވިދާނެކަމަށް ގަބޫލުކުރައްވާކަމަށް ނޫހު ވިދާޅުވެފަވެއެވެ.
"އަޅުގަނޑުމެންގެ ރޭޓިންއަކީ 12-2000 އާއި ދެމެދު، އެންމެ ކުއްޖެއް 2000 އަށްވުރެ މައްޗަށް ޖެހިފަވަނީ. އެހެންވީމަ މިހާރު މިއޮތް ހާލަތުގައި އިރާދަކުރެއްވިއްޔާ ގައުމަށް ރޭންކިންގަ ކުރިއެރުމެއް، ރޭޓިންގަ ކުރިއެރުމެއް ﷲ ގެ ރަހުމަތުން އިރާދަކުރެއްވިއްޔާ ލިބިދާނެ. ހުރިހާ ކުދިންވެސް އެމަގަށް މަސައްކަތްކޮށްފިއްޔާ ކުރިއަށްދާނެ" ނޫހު ވިދާޅުވެފަވެއެވެ.
އިންޑިއަން އޯޝަން ޗެސް ރެޕިޑް އޮންލައިން ކުރިއަށްދާނީ 7 ބުރެއްގެ މައްޗަށެވެ. މިމުބާރާތުގައި ވާދަކުރާ އެހެން ގައުމުތަކުގެ ތެރޭގައި މަޑަގަސްކަރަ، ކެންޔާ، މޮރިޝަސް، ކޮމޮރޯސް، ޓެންޒޭނިއާ، ސްރީލަންކާ އަދި ސައުތު އެފްރިކާ ހިމެނެއެވެ. މިމުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވާނީ އަންނަމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.