ޚަބަރު

ނިސްތާރުގެ ތައުރީފު ވެލެންސިއާގެ ޒުވާން ޓީމަށް


ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރަމުންދާ ވެލެންސިއާގެ ޒުވާން ޓީމަކީ ވަރަށް ވަރުގަދަ ޓީމެއްކަމަށާއި އެއީ އެންމެފަހު ވަގުތާ ޖެހެންދެންވެސް ހިތްވަރުކޮށް ނަތީޖާ އަނބުރާލުމުގެ ގާބިލްކަން ލިބިފައިވާ ޓީމެއްކަމަށް ގްރީން ސްޓްރީޓްސް ކޯޗު އަލީ ނިސްތާރު ބުނެފިއެވެ.

ނިމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ލީގުގައި ކުލަބު ވެލެންސިއާއާއި ދެކޮޅަށް ގްރީންއިން ނުކުމެ ހޯދި މޮޅާއިއެކު ތާވަލުގެ 7 ވަނަ އަށް ކުރިއަށް ޖެހިލި މެޗަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ނިސްތާރު ބުނީ ވެލެންސިއާއަކީ ނިސްބަތުން ޒުވާން ކުޅުންތެރިން ތިބި ޓީމެއް ނަމަވެސް އެއީ ފަހު ވަގުތާއި ހަމައަށް ހިތްވަރު އެލުވާނުލާ ކުޅެމުންދާ ވަރުގަދަ ޓީމެއްކަމަށެވެ.

ޒުވާން ކުޅުންތެރިންތަކެއް ދައްކަމުންދާ ހުނަރަށް ތައުރީފު ހައްގުކަމަށް އޭނާ ފާހަގަކުރިއެވެ. އެމެޗު ގްރީންއިން 1-0 ގެ ނަތީޖާއަކުން ނެގި ނަމަވެސް ކަމަށްވިޔަސް ވެލެންސިއާއިން ދެއްކި ހިތްވަރަކީ ފަހު ވަގުތުވެސް ނަތީޖާ އަނބުރާލާފާނެ ފަދަ ހިތްވަރެއްކަމަށް ނިސްތާރު ބުންޏެވެ.

"އަޅުގަނޑުގެ ތައުރީފު ވެލެންސިއާގެ ޔަންގު ޓީމަށް. ވަރަށް ވަރުގަދަ ފައިޓެއް ދިން ހަމަ. އެންމެ ފަހު ވަގުތާ ޖެހެންދެންވެސް އަޅުގަނޑުމެން ވަރަށް ބިރުން ތިބީ" ނިސްތާރު ބުންޏެވެ.

ނިސްތާރު ބުނީ އެމެޗަށް ނުކުތީ ކައުންޓަރ އެޓޭކަށް އިސްކަންދީގެންކަމަށެވެ. ސަބަބަކީ ވެލެންސިއާއަކީ ހަލުވި ޓީމަކަށްވެފައި އެއީ ހަމަލާތައް ގިނައިން އުފައްދާ ޓީމަކަށްވުމުން އެޓީމާއި ދެކޮޅަށް ކުޅޭނަމަ އެޓީމާއި އެއްވަރުގެ ކުޅުމެއް ދައްކަންޖެހޭކަމަށެވެ.

މިމެޗުގައިވެސް ވެލެންސިއާއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް މެޗުގެ 10 ވަނަ މިނިޓުގައި ގްރީންގެ އިރާގު ފޯވާޑް އޮބައިދާ ކަދުމް ނަގައިދިން ބޯޅައެއް އޭރިއާ ތެރެއިން މިސްރުގެ ކުޅުންތެރިއާ އަލް ސައީދު އަބްދުލްފައްތާހު ފޮނުވާލުމާއެކު ވެލެންސިއާގެ ގޯލު ފޫ އަޅުވާލާ އެޓީމުން ލީޑު ނެގިއެވެ. މުޅި މެޗުގައި ކަހަލަ ގޮތަކަށް ވެލެންސިއާއިން ހަމަލާތައް އުފެއްދި ނަމަވެސް ގްރީންގެ ގޯލަށް އަމާޒުވާގޮތްނުވެ 1-0 ގެ ނަތީޖާއަކުން ވެލެންސިއާއަށްވަނީ އެމެޗު ގެއްލިފައެވެ.

މިމެޗުގެ ކާމިޔާބީއަކީ ނޭވާއެއް ލުމަށް ލިބުނު ފުރުސަތެއްކަމަށް ނިސްތާރުވަނީ ސިފަކޮށްފައެވެ. އެހެންނަމަވެސް އަދިވެސް ގިނަގުން މަސައްކަތްތަކެއް ޓީމުން ކުރަންޖެހޭކަމަށާއި ޓީމުގެ ކުޅުންތެރިންގެ ފަރާތުން އެކަންކަން ކުރިއަށް އޮތްތަނުގައި ފެނިގެންދާނެކަމަށް ނިސްތާރު ފާހަގަކުރިއެވެ.

"ތެދުތެދަށް ބުނަންޏާ މިހަމަ ނޭވާއެއް ލާން ފުރުސަތު އަދި މިލިބުނީ. އެހެންވީމަ އަދި ލޮޓް އޮފް ވޯކް ޓު ޑޫ. އިންޝާﷲ އަޅުގަނޑުމެންގެ ޕްލެޔާޒް އެމަސައްކަތްކުރާނެ" ނިސްތާރު ބުނެފަވެއެވެ.

ދިވެހި ޕްރިމިއަރ ލީގުގައި ގްރީން އިން ދެން ނުކުންނާނީ ހުކުރުދުވަހު ހަވީރު ވިކްޓްރީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. މިމެޗަށް ނުކުންނައިރު ވިކްޓަރީ ވަނީ ގަދަ ހައެއްގަ ހަމަ ޖެހިލާފައެވެ. ވެލެންސިޔާ އަތުން ހޯދި މޮޅާއެކު ގްރީން އިން ވަނީ ލީގުގެ ގަދަ ހައެއްގެ އުންމީދު އާ ކޮށްފައެވެ. ލީގުގައި މިހާތަނަށް ގްރީން މޮޅުވެފަވަނީ ދެމެޗުންނެވެ.