2023ވަނަ އަހަރާ އަޅާބަލާއިރު އިއާދަކުރަނަވި ހަކަތައިގެ މިންވަރު 53 މެގަވޮޓުން 110 މެގަވޮޓަށް އިތުރުވިފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމްވަނީ ރާއްޖޭގައި އުފައްދާ ކަރަންޓުގެ %92 އުފައްދަނީ ރާއްޖެއިން ބޭރުން އެތެރެކުރާ ތެލުންކަމަށާއި ބާކީ %8 އުފައްދަނީ އިރުގެ އަލި ބޭނުންކޮށްގެންކަން ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގައި އަހަރަކު 3 ޓެރަވޮޓު އަވަރގެ ކަރަންޓު ބޭނުންވާކަމަށާއި މީގެ ތެރެއިން %20 ކަރަންޓު ބޭނުންކުރަނީ މާލެ ސަރަޙައްދުގައިކަމަށެވެ.
ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރާ ޚަރަދުތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ޠާރިޤް ވިދާޅުވީ ރާއްޖެއަށް ތެޔޮ އެތެރެކުރުމަށްޓަކައި އަހަރަކު 8.9 ބިލިޔަން ރުފިޔާ ޚަރަދުކުރާކަަމަށެވެ. އަދި އިލެކްޓްރިސިޓީ ސަބްސިޑީ 2.3 ބިލިޔަން ރުފިޔާ ޚަރަދުކުރާކަމަށެވެ. ސަރުކާރުގެ އަމާޒަކީ 2028ގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ %33 އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ބަދަލުކުރުމަށްކަމަށެވެ. މިކަމާ ގުޅިގެން ވަޒީރު ވިދާޅުވީ 2023 ވަނަ އަހަރު ހުރީ އިއާދަކުރަނުވު ހަކަތައިގެ މިންވަރު ހުރީ 53 މެގަވޮޓަށް ކަމަށެވެ. އަދި މިވީ 2 އަހަރުގެ ތެރޭގައި 110 މެގަވޮޓަށް އިތުރުވެފައިވާކަމަށާއި އެއީ %100 ކުރިއެރުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އިއާދަކުރަނިވި ހަކަތަ އިތުރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެެވެ. އެގޮތުން މަގޭ ސޯލާ ޕްރޮޖެކްޓް ވަޒީރު ފާހަގަކުރެއްވިއެވެ.
"ގޭބިސީތަކުގައި ނެޓް މީޓަރިން އުސޫލުން ސޯލާ ޕީވީ ޤާއިމްކޮށްދިނުމުގެ ޕްރޮގުރާމްގެ ދަށުން ބައިވެރިންނަށް %90 އާ ހަމައަށް ބިލު ކުޑަކުރުމުގެ ފުރުޞަތު ލިބޭ. ކަރަންޓު ބިލުން ސަލާމަތްކުރެވޭ ފައިސާއިން އިންސްޓޯލްމަންޓަށް ނިޒާމުގެ އަގު ދެއްކޭނެ" ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިހާތަނަށް 102ރަށުގައި އިއާދަކުރަނިވި ހަކަތައިގެ ނިޒާމް ޤާއިމްކޮށް ވިއުގަ އަޕްރްގޭޑްކޮށްފައިވާކަމަށެވެ. އަދި 28 މެގަވޮޓުގެ ސޯލާ ޕީވީ ނިޒާމް ޤާއިމްކޮށް ނިންމާފައިވާކަމަށެވެ. މީގެއިތުރުން 10 މެގަވޮޓުގެ ބެޓަރީ ސްޓޯރޭޖް ޤާއިމްކޮށް ނިންމާފައިވާކަމަށެވެ. މިއާއެކު އަހަރަކު 13 މިލިޔަން ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވިގެންދާކަމަށާއި އެއީ 190 މިލިޔަން ރުފިޔާ ސަލާމަތް ކުރެވޭކަމަށެވެ. މީގެ އިތުރުން 101 ރަށުގައި އިއާދަކުރަނިވި ހަކަތައިގެ ނިޒާމް ޤާއިމްކޮށް ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން 164 ސޯލާ ޕީވީ ޤާއިމްކުރުމާއި 158 މެގަވޮޓުގެ ބެޓެރީ ސްޓޯރޭޖް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. މިއާއެކު އަހަރަކު 76 މިލިޔަން ލީޓަރު އަދި 1.1 ބިލިޔަން ރުފިޔާ ސަލާމަތް ކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ ދެމެހެއްޓެނިވި ހަކަތައިގެ ވިޔަފާރީގެ އާ މޮޑެލްތަކާއި އެކި އިއާދަކުރަނިވި ވަޞީލަތްތަކުން ކަރަންޓު އުފެއްދުމުގެ އަޖުމަ ބެލުމުގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދާކަން ވެސް ފާހަަގަ ކުރައްވާފައެވެ. އެގޮތުން ދަނޑުވެރިކަމަށް ޚާއްސަކޮށްގެން ސޯލާ އެސިސްޓެށް އިރިގޭޝަން ނިޒާމެއް ޤާއިމްކުރުމަށް ބީލަމުގެ މަރުހަލާގައި އޮތް ކަމަށާއިސޯލާ ފެރީއެއް ބަނުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން 100 ކިލޯ ވޮޓުގެ ވައިން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމްކުރުމަށް ކޮންޓްރެކްޓްއާ ހަވާލުކުރުމުގެ މަރުހަލާގައި އޮތްކަމަށާއި 4 ރަށުގައި ސޯލާ އެސިސްޓެޑް ކޮމިއުނިޓީ އައިސްޕްލާންޓް ޤާއިމްކުރުމުގެ %95 މަސައްކަތް ނިމިފައިވާކަމަށާއި ފެށޭ އަހަރުގެ ފުރަތަމަ ކުއާޓާގައި ކޮމިޝަން ކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ 25 ކިލޯ ވޮޓުގެ ކަނޑުގެ އޮއިވަރުން ކަރަންޓު އިފެއްދުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ.