އަފްޣާނިސްތާނުގައި ކާޑުބަލި ޖެހިފައިވާ އެތައް މިލިޔަން މީހުންނަށް އެދެވޭ މިންވަރަށް އެހީތެރިކަން ފޯރުކޮށްނުދެވޭ ފަދަ ޙާލަތެއް އެތައް އަހަރަކަށްފަހު ފުރަތަމަ ފަހަރަށް ކުރިމަތިވެފައިވާ ކަމަށް އދގެ ކާބޯތަކެއްޗާއިބެހޭ ޕްރޮގްރާމް، ޑަބްލިޔުއެފްޕީން ބުނެފިއެވެ.
ޑަބްލިޔުއެފްޕީން ބުނީ މި އަހަރުގެ ފިނި މޫސުމުގައި ބަނޑުހައިހޫނުގެ ސަބަބުން އަފްޣާނިސްތާނުގައި ގިނަ ޢަދަދެއްގެ ކުޑަކުދިން މަރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. 2021ވަނަ އަހަރުގެ ތެރޭގައި އެ ޤައުމުގައި ތިބި އެމެރިކާ ސިފައިން އެ ޤައުމުން ފޭބި ފަހުން އަދި ޠާލިބާނުން އެ ޤައުމުގެ ހިންގުމާ ޙަވާލުވި ފަހުން އަފްޣާނިސްތާނަށް ލިބެމުންދާ ބައިނަލްއަޤްވާމީ އެހީތެރިކަން ފާހަގަކޮށްލެވޭ މިންވަރަކަށް ދަށަށް ގޮސްފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ. އެ ޤައުމަށް ކުރިމަތިވެފައިވާ އިންސާނީ ޙާލަތު ބިންހެލުންފަދަ ޤުދުރަތީ ކާރިޘާތަކުގެ ސަބަބުން އިތުރަށް ގޯސްވެފައިވާ ކަމަށް ވެސް އެ އިދާރާއިން ފާހަގަކުރެއެވެ.
އަފްޣާނިސްތާނުގެ ޙާލަތު ގޯސް ނަމަވެސް މި އަހަރުގެ ފިނި މޫސުމުގައި އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް ޑަބްލިޔުއެފްޕީއަށް އެންމެ އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ. އަފްޣާނިސްތާނުގައި ނާޒުކު ޙާލަތުގައި ތިބި ހަ މިލިއަނެއްހާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް 460 މިލިޔަން އެމެރިކާ ޑޮލަރު ބޭނުންވެއެވެ. ޑަބްލިޔުއެފްޕީގެ ޑިރެކްޓަރެއް ކަމަށްވާ ޖޮން-މަހްތާން ބައުއާ ވިދާޅުވީ ޑަބްލިޔުއެފްޕީއަށް ބޭނުންވާ ފައިސާގެ ތެރެއިން މިހާތަނަށް ލިބިފައި ވަނީ އެންމެ 12 އިންސައްތަ ކަމަށެވެ. މިއިން ޒަމާނަކު އިތުރު ނުވާ މިންވަރަށް އަފްޣާނިސްތާނުގައި ކާޑުބަލި ތަޙައްމަލް ކުރަމުންދާ ކުޑަކުދިންގެ ޢަދަދު އިތުރުވެފައިވާއިރު، ކުރިން އުންމީދު ކުރެވުނު ގޮތާ ޚިލާފަށް ބައިނަލްއަޤްވާމީ އެހީތެރިކަން ލިބުން މަދުވުމަކީ ޟަރޫރީ ބޭނުންތައް ފުއްދައިދިނުމަށާއި ފަރުވާ ދިނުމަށް އޮތް އެންމެ ބޮޑު ހުރަސް ކަމަށް އެ އިދާރާއިން ބުނެއެވެ.
ޑަބްލިޔުއެފްޕީން ބުނީ އަފްޣާސްނިތާނުގައި 17 މިލިޔަން މީހުން ދަނީ ބަނޑުހައިހޫނުކަމާ ކުރިމަތިލަމުންނެވެ. އެއީ މިދިޔަ އަހަރާ އަޅާ ބަލައިއިރު ތިން މިލިޔަން މީހުން އިތުރު ޢަދަދެކެވެ. އެ ޢަދަދު ބޮޑުތަނުން އިތުރުވީ އީރާނާއި ޕާކިސްތާނުގައި ދިރިއުޅެމުންދިޔަ އަފްޣާނިސްތާނުގެ އެތައް މިލިޔަން ރައްޔިތުންނެއް ޤައުމަށް އަނބުރާ ފޮނުވައިލުމާ ގުޅިގެންނެވެ. އެ ޤައުމުގެ 3.7 މިލިޔަނަށްވުރެ ގިނަ ކުޑަކުދިން ކާޑުބަލި ތަޙައްމަލް ކުރަމުންދާއިރު 1 މިލިޔަން ކުދިންނަކީ ޙާލަތު ވަރަށް ގޯސް ކުދިން ކަމަށް އެ އިދާރާއިން ބުނެއެވެ.