ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް 1 އިން މިހާތަނަށް 32 އެއަރލައިނަކަށް ޚިދުމަތް ދޭން ފަށާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ވިދާޅުވެއްޖެއެވެ.
އެންމެ ފަހުން މި ޓަރމިނަލުން ޚިދުމަތް ދޭން ފެށީ، ސިންގަޕޫރުގެ ޤައުމީ އެއަރލައިން, ސިންގަޕޯ އެއަރލައިންސްއަށެވެ.
ޓާމިނަލް 1 އިން ސިންގަޕޯ އެއަރލައިންސްއަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި ވަނީ، ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދެވެ.
މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފު މުހައްމަދާއި، ސިންގަޕޯ އެއަރލައިންސްގެ ޖެނެރަލް މެނޭޖަރ ހާޒިގު ސުލައިމާނާއި އެމްއޭސީއެލްގެ އިސްވެރިންނާއި، އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެމްއޭސީއެލުން ވިދާޅުވީ، ޓާމިނަލް 1 އިން ސިންގަޕޯ އެއަރލައިންސްއަށް ޚިދުމަތް ދޭން ފެށުމުގެ ގޮތުން އެ އެއަރލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއަރލައިނުން ފުރި 205 ފަސިންޖަރުންނަށް ހަދިޔާ ދީފައިވާ ކަމަށެވެ. އަދި ޓާމިނަލަށް ކައިރި ކުރި ސިންގަޕޯ އެއަރލައިންސްގެ ފުރަތަމަ ފްލައިޓުން ރާއްޖެ އައި 244 ފަސިންޖަރުންނަށް ސަޤާފީ ހަރަކާތްތަކާއެކު ހޫނު މަރުޙަބާއެއް ކިޔައިފައިވާ ކަމަށްވެސް އެމްއޭސީއެލުން ވިދާޅުވެއެވެ.
ޓާމިނަލް 1 އަށް ކައިރި ކުރި ސިންގަޕޯ އެއަރލައިންސްގެ ފުރަތަމަ ފްލައިޓަކީ، އެއަރބަސް 350ގެ ފްލައިޓެކެވެ. މިއީ، ޓާމިނަލް 1 އިން އެއަރބަސް 350ގެ ފްލައިޓަކަށް މަރުހަބާކީ، ފުރަތަމަ ފަހަރެވެ.
ސިންގަޕޯ އެއަރލައިންސްއިން ރާއްޖެއަށް ދަތުރުތައް ފެށީ، 1984ވަނަ އަހަރުގެ މާރިޗު މަހުގެ 28ވަނަ ދުވަހުއެވެ.
ސިންގަޕޯ އެއަރލައިންސްއާއެކު ޓާމިނަލް 1 އިން މިހާރު ދަނީ، 32 އެއަރލައިނަކަށް ޚިދުމަތް ދެމުންނެވެ. އެމްއޭސީއެލްގެ އަމާޒަކީ، ރާއްޖެއަށް ދަތުރު ކުރާ ހުރިހާ އެއަރލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތެއް ފޯރުކޮށްދިނުމެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިމަހުގެ 11 ވަނަ ދުވަހު ނެރުނު ވީކްލީ ޓޫރިޒަމް އަޕްޑޭޓް ރިޕޯޓުގައިވާ ގޮތުން ރާއްޖެއަށް 35 އެއަރލައިނަކުން ދަތުރު ކުރަމުންދެއެވެ.